ޣައްޒާގެ ހަލާކުވެފައިވާ ފާރެއްގައި ކުރެހި ކުރެހުމަކުން ސްޕެއިންގެ ބޮޑުވަޒީރުގެ ހިތް އަތުލައިފި

ޣައްޒާގެ ބިމުގައި ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ފަނާކުރުންތަކުގެ ތެރޭގައި، 11 އަހަރުގެ ލަޔާން އަލްގޫޣާ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލީ ކުލަތަކުންނެވެ. އޭނާ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ފޮޓޯއެއް ޣައްޒާގެ ބިމުގައި ސިފަކޮށް ކުރެހީ، އޭނާގެ ކުރެހުން މެޑްރިޑާ ހަމައަށް ފޯރާނެ ކަމަށް ހުވަފެނަކުން ވެސް ހީނުކޮށް ހުއްޓައެވެ.

ނަމަވެސް، މިއީ ހަމައެކަނި ކުރެހުމެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށް ދިން މެސެޖެކެވެ.

"އަހަރެމެންގެ އަޑު ދުނިޔެއަށް އިވޭކަން ސާބިތުވެއްޖެ"

މި ކުރެހުން ކުރެހިތާ ދުވަސްކޮޅެއް ފަހުން، ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވީޑިއޯ މެސެޖަކުން ލަޔާންގެ ނަން ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

"އަހަރެމެންނަށް ތިޔަ ކުދިންގެ އަޑު އިވެއެވެ. ތިޔަ ކުދިން ފެނެއެވެ. އަހަރެމެން ތިޔަ ކުދިންނާ މެދު އަޅާލަމެވެ. އަދި ސްޕެއިނުން ތިޔަ ކުދިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެއެވެ،" ސަންޗޭޒް ވިދާޅުވިއެވެ.

މިއީ ލަޔާނަށް ލިބުނު ވަރަށް ބޮޑު ސިހުމަކާއި އުފަލެކެވެ. "އަހަރެން ހީވެސް ނުކުރަން ގައުމެއްގެ ބޮޑުވަޒީރަކު އަހަރެންގެ ކުރެހުން ބަލައި، އަހަރެންގެ ނަން ގެނެސް ވީޑިއޯއެއް ހަދާނެ ކަމަކަށް. މިއީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި އެއް ވަގުތުކޮޅު. އަހަރެމެންގެ އަޑު ދުނިޔެއާ ހަމައަށް ފޯރާނެ ކަމުގެ އުންމީދު މިކަމުން ލިބިއްޖެ،" ލަޔާން ބުންޏެވެ.

ކުލަތަކުގެ ފުރަގަހުގައިވާ ހިތްދަތި ވާހަކަތައް

ޣއްޒާގެ ބައެއް އެހެން އާޓިސްޓުންނާއެކު ލަޔާން މި ކުރެހުން ކުރެހީ، ގާޒާގެ ހަނގުރާމައާ ދެކޮޅަށް ފާޅުކަންބޮޑު ގޮތެއްގައި އަޑުއުފުލަމުން އަންނަ ސްޕެއިންއަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

ނަމަވެސް ލަޔާންގެ ކުރެހުންތަކަކީ ހަމައެކަނި ފަންނުވެރިކަމެއް ނޫނެވެ. އެއީ އޭނާގެ ހަޔާތުން ގެއްލިގެން ދިޔަ ކަންކަމުގެ ހެއްކެވެ. "އަހަރެން ބޭނުންވަނީ އަހަރެންގެ ކުރެހުންތަކުން ދުނިޔެއަށް ބުނެދޭން، ޣައްޒާއަށް ދެމުންދާ އަނިޔާތައް ހުއްޓާލާށޭ. އަހަރެމެންނަށް މިވަނީ ބޮޑު ގެއްލުންތަކެއް ލިބިފައި. އެއްވެސް ކުށެއް ނެތި އަހަރެމެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ،" ލަޔާން ކަރުނައިން ފުރިގެންވާ އަޑަކުން ކިޔައިދިނެވެ.

ލަޔާންގެ އާއިލާއަށް ގެދޮރު ގެއްލުނެވެ. އޭނާ އެންމެ ލޯބިވާ ބުޅާތައް މަރުވިއެވެ. އޭނާގެ ބައްޕަ، އދ. ގެ އިދާރާގައި 23 އަހަރު ވަންދެން ވަފާތެރިކަމާއެކު މަސައްކަތް ކުރުމަށްފަހު، އެއްވެސް ކުށަކާ ނުލައި ވަޒީފާއިން ވަކިކުރެވުނެވެ.

"ކޮންމެ ކުރެހުމެއްގެ ފުރަގަހުގައި ވެސް ހަގީގީ ވާހަކައެއް. އަދި ހަގީގީ ވޭނެއް އެބައޮތްކަން ދުނިޔެއަށް އެނގެން އަހަރެން ބޭނުން،" ލަޔާން ބުންޏެވެ.

މި ހަނގުރާމައިގައި މިހާތަނަށް 73،000 އަށް ވުރެ ގިނަ މީހުން ޔަހޫދީ ރެޖީމުން މަރާފައި ވެއެވެ. އަދި ޔަހޫދީން ވަނީ ޣައްޒާ ބިމާ ހަމަ ކޮށްފައެވެ. ނަމަވެސް ލަޔާން ފަދަ ކުޑަކުދިންގެ އުންމީދަކީ، އަނިޔާވެރިކަމުގެ ކަޅު ވިލާތައް ފަހަނަ އަޅައި، އަލުން އެކުދިންނަށް ބިރުވެރިކަމެއް ނެތި ސްކޫލްތަކުގައި ކުރަހައި، އުފާވެރި މުސްތަގްބަލެއް ހޯދުމެވެ.

ހިއްސާ ކުރައްވާ!