ޕާކިސްތާންގެ ދަށުގައިވާ ކަޝްމީރުގެ ރައްޔިތުންނަށް ވަޢުދުވަމުން، ވައްކަންކޮށްގެން ނަގާފައިވާ ކޮންމެ ގޮނޑިއެއްވެސް އަނބުރާ ހޯދައިދޭނެކަމަށް ޕީ.ޕީ.ޕީގެ ޗެއާމަން ވިދާޅުވެއްޖެ އެވެ.
ޕީ.ޕީ.ޕީގެ ޗެއާމަން ބިލާވަލް ބުއްޓޫ ޒަރްދާރީ، ވަނީ ޕާކިސްތާންގެ ވެރިކަން ކުރާ މުސްލިމް ލީގު-ނނަވާޒަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ މީހުންނަކީ ދަރިފަސްކޮޅަށް ދާނދެން ވޯޓު އޮޅުވާލައިގެން އުފެދިފައިވާ ބައެއް ކަމަށާއި، އެ މީހުން އަބަދުވެސް ވެރިކަމަށް އަންނަނީ ވޯޓު އޮޅުވާލައިގެން ކަމަށެވެ.
ކަޝމީރުގެ ވެރިރަށް މުޒައްފަރާބާދުގައި ބޭއްވި ޕީ.ޕީ.ޕީގެ މަސައްކަތްތެރިންގެ ކޮންވެންޝަނެއްގައި ވާހަކަފުޅުދައްކަވަމުން ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ، މިއަދުގެ ޖަލްސާއިން ފެންނަ މަންޒަރަށް ބަލާއިރު އޮގަސްޓް 2 ގައި އޭނާގެ ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ކާމިޔާބީ ލިބޭނެކަން ޔަޤީންވެއްޖެ ކަމަށާއި، އެޕާޓީން ތިން ޖީލު ވަންދެން ކަޝްމީރުގެ ޙައްޤުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލަމުން އަންނަ ކަމަށެވެ.
ވެރިކަން ކުރާ ޕާޓީ ޕާކިސްތާން މުސްލިމް ލީގް (ނ)ގެ ނަން ނުގެންނަވާ ބިލާވަލް ވިދާޅުވީ، އެ މީހުން ވެރިކަމަށް އަންނަނީ ވޯޓު އޮޅުވާލައިގެން ކަމަށާއި، އެ މީހުންނަކީ ނަސްލަކަށް ފަހު ނަސްލެއް ވޯޓު އޮޅުވާލައިގެން އުފެދިފައިވާ ބައެއް ކަމަށެވެ. އަދި ކަޝްމީރުގައިވެސް ވޯޓު އޮޅުވާލައިގެން ވެރިކަމަށް އާދެވިދާނެ ކަމަށް އެ މީހުން ހީކުރާ ކަމަށާއި ނަމަވެސް ކަޝްމީރުގައި ވޯޓު އޮޅުވާލުމުގެ ފުރުޞަތު އެ މީހުންނަށް ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މުސްލިމް ލީގްގެ ޕަންޖާބުގެ ފުރަތަމަ ޗީފް މިނިސްޓަރުވެސް އުފެދުނީ ވޯޓު އޮޅުވާލައިގެން ކަމަށާއި، އެ މީހުންގެ ބޮޑުވަޒީރުވެސް ވެރިކަމަށް އައީ ސިފައިންގެ ސަބަބުން ކަމަށެވެ. ނަމަވެސް ޕީ.ޕީ.ޕީން ވެރިކަމަށް އަންނަނީ އެ މީހުން ވޯޓު އޮޅުވާލި ނަމަވެސް ރައްޔިތުންގެ ބާރުން ކަމަށާއި، މުޒައްފަރާބާދުގައި ތިބި ރައްޔިތުން އެ މީހުންގެ ރޭވުންތައް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.
ޕީ.ޕީ.ޕީގެ ޗެއާމަން ވިދާޅުވީ، ރައްޔިތުންގެ ވޯޓުގެ ބާރުން އަޅުގަނޑުމެން ބަލިވާނަމަ އެކަން ހިތުގެ ފުންމިނުން ޤަބޫލުކުރާނެ ކަމަށާއި ނަމަވެސް ވަގަށް ނަގާފައިވާ އިންތިޚާބެއް ހިލޭ ޤަބޫލުނުކުރާނެ ކަމަށެވެ.
ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ، ކަޝްމީރުގެ ރައްޔިތުންނަށް ވާ ވައުދަކީ ވައްކަންކޮށްފައިވާ ކޮންމެ ގޮނޑިއެއްވެސް އަނބުރާ ހޯދައިދޭނެ ކަމަށެވެ. ޕީ.ޕީ.ޕީން ބޭނުންވަނީ ކަޝްމީރުގެ ރައްޔިތުންނަށް މިލްކުވެރިކަމުގެ ޙައްޤު ހޯދައިދޭން ކަމަށާއި، އަޅުގަނޑު މި ޙައްޤުތައް ހޯދައިދޭނީ ބަޑީގެ ބާރުން ނޫން ކަމަށާއި އިންތިޚާބު ކާމިޔާބުކޮށްގެން ކަމަށް ވިދާޅުވިއެވެ.
ކަޝްމީރުގައި ވޯޓުގެ ފޯރި ގަދަވެ ޕާކިސްތާންގެ ރައީސްގެ ޕާޓިއާއި ބޮޑު ވަޒީރުގެ ޕާޓީން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.





