ކަޝްމީރުގައި މުޒާހަރާކުރާ މީހުންނާ ތާލިބާނާ އެއްވަރުކޮށްފި

ޕާކިސްތާން ބޮޑުވަޒީރުގެ މުޝީރު ރާނާ ސަނާޢުﷲ ވިދާޅުވާ ގޮތުގައި، ކަޝްމީރުގައި މުޒާހަރާކުރަމުންދާ ފަރާތްތަކަކީ މާޒީގައި ދައުލަތުން ތަރުބިއްޔަތުކޮށްދިން އަފްޣާން ތާލިބާން މުޖާހިދުން ފަދަ ބައެކެވެ. އަދި މިއަދު އެ މީހުން ވަނީ އަމިއްލަ މީހުންގެ ކަރަށް ފައިން އަރާފައި ކަމަށް ވިދާޅުވިއެވެ.

 ބޮޑުވަޒީރުގެ މުޝީރު ރާނާ ސަނާޢުﷲ ވިދާޅުވީ، ކަޝްމީރުގައި މިހާރު މުޒާހަރާކުރަމުންދަނީ އެފަދަ ޖަމާޢަތްތަކަށް ނިސްބަްތވާ މީހުން ކަމަށާއި، އެ މީހުންގެ އަތުގައި ހަތިޔާރު ހުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މީހުންގެ އެއްވެސް ސިޔާސީ މައްސަލައެއް ނުވަތަ ޑިމާންޑެއް ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާނާ ސަނާޢުﷲ އިތުރަށް ވިދާޅުވި ގޮތުގައި، މުޒާހަރާގެ ބައިވެރިން އާންމުން އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށްގެން ނުރައްކާތެރި ކުޅިވަރެއް ކުޅެން އުޅެއެވެ. ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މިހާތަނަށް އެޅި ފިޔަވަޅުތައް ކާމިޔާބު ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ފިޔަވަޅު އެޅުން ނޫން އެހެން އެއްވެސް މަގެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޕްރެސް ކޮންފަރެންސެއް ދެއްވަމުން ޕާކިސްތާން ވެރިންް ވިދާޅުވެފައިވަނީ؛

  • އިންފޮމޭޝަން މިނިސްޓަރ އައްޠާ ތަރާރް ވިދާޅުވީ، ކަޝްމީރުގެ މައްސަލައަށް އެއްވެސް ގެއްލުމެއް ވާން ނުދޭނެ ކަމަށާއި، ބިރުދެއްކުމާއި އަނިޔާވެރިކަމުގެ ޒަރީޢާއިން އެއްވެސް މީހަކަށް އަމިއްލަ އެދުންތައް މަތިނުކުރެވޭނެ ކަމަށެވެ.

  • މިނިސްޓަރު ޠަލާލް ޗައުދަރީ ވިދާޅުވީ، ކަޝްމީރު އެކްޝަން ކޮމިޓީގެ މި ހަރަކާތަކީ ޙައްޤުތައް ހޯދައިދިނުމުގެ ޙަރަކާތެއް ނޫން ކަމަށާއި، އެއީ ޙައްޤުތައް ފޭރިގަތުމަށް ހިންގާ ޙަރަކާތެއް ކަމަށެވެ.

  • މި ހަރުކަށި އަދި އަނިޔާވެރި ހަރަކާތުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތައް ބައިވެރިވެފައިވާ ކަމަށާއި، މުޒާހަރާގެ ނަމުގައި ޓެރަރިޒަމް ހިންގަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އާންމުންގެ ނަމުގައި ކުރާ މުޒާހަރާތަކުގައި ހަތިޔާރު ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!