އިސްރާއީލުގެ ވަޒަންވެރިން ލިޔަމުންދާ ނަފްރަތުގެ ޝިއާރުތައް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުން އޮންނަ ޖާލޫދު އަވަށުގެ ވެރިންނާއި އާންމުން ހާމަކުރާ ގޮތުގައި، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން ގެންދަނީ ފަލަސްތީނުގެ އާންމުންގެ ގެތަކާއި މާއްދީ ވަސީލަތްތަކުގައި ނަފްރަތާއި ބިރުދެއްކުމުގެ ޝިއާރުތައް ލިޔެ، ނަފްރަތު ފަތުރަމުންނެވެ.

ރޭގަނޑުގެ އަނދިރިކަމުގައާއި ދުވާލުއަލީގައި ވަޒަންވެރިން ފަލަސްތީނުގެ އަވަށްތަކަށް ވަދެ، "ބަދަލުހިފުން" އަދި "އަނދައި އަޅިއަށްވެގެންދާށޭ" ފަދަ އިންޒާރުގެ ލިޔުންތައް އިމާރާތްތަކުގެ ފާރުތަކުގައި ލިޔެއެވެ. ޖާލޫދު އަވަށުގެ ސްކޫލް ފާރުގައިވެސް ވަޒަންވެރިން ވަނީ މިފަދަ އިންޒާރުތައް ލިޔެ، ކުދިން ސްކޫލަށް ދިއުން ހުއްޓުވުމަށް ބިރުދައްކާފައެވެ.

ޖާލޫދު ކައުންސިލްގެ ރައީސް ރާއިދު އަލްހަޖު މުހައްމަދު ވިދާޅުވި ގޮތުގައި، ވަޒަންވެރިންގެ "ހިލްޓޮޕް ޔޫތު" ގްރޫޕްތަކުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ނެރެލުމަށް ފާޅުގައި ގޮވާލަމުން ދެއެވެ. ޖާލޫދުގައި 1000 މީހުންގެ އާބާދީއެއް އޮތްއިރު، އެ އަވަށުގައި އިސްރާއީލުން ވަނީ 13 ވަޒަންވެރިންގެ އާބާދީއެއް ގާއިމުކޮށްފައެވެ.

އިސްރާއީލުގެ މަޝްރޫއުތައް ދިރާސާކުރާ މާހިރުން ކަމަށްވާ އައްޒާމް އަބޫ އަލްއަދަސް އާއި ވަލީދު ހަބާސް ފާހަގަކުރެއްވި ގޮތުގައި، މި ލިޔުންތަކަކީ ހަމައެކަނި ބަސްތަކެއް ނޫނެވެ. މިއީ ފަލަސްތީނު މީހުން ވުޖޫދުން ނައްތާލައި، "އަލްއަގްސާ" މިސްކިތުގެ ބަދަލުގައި އެމީހުންގެ ބުދުކޮއިލު ބިނާކުރުމަށް ގެންގުޅޭ އައިޑިއޮލޮޖީގެ ބައެކެވެ.

މިފަދަ ހަމަލާތަކާއި ބިރުދެއްކުންތަކަށް ފަލަސްތީނުގެ ރައްޔިތުން ރައްދު ދެނީ، އެ ލިޔުންތައް ފޮހެލައި، އިމާރާތްތައް މަރާމާތުކޮށް، އެމީހުންގެ އަމިއްލަ ބިމުގައި ސާބިތުވެ ތިބެގެންނެވެ.

ހިއްސާ ކުރައްވާ!