އިންކަމް ޓެކްސް އާއި ޖީ.އެސް.ޓީ އިތުރުވެ، ދައުލަތުގެ ޖުމްލަ އާމްދަނީ 9.3 އިންސައްތަ މައްޗަށް

ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީ.އެސް.ޓީގެ އާމްދަނީ އިތުރުވެ، ދައުލަތުގެ ޖުމްލަ އާމްދަނީ 9.3 އިންސައްތަ މައްޗަށް އަރައިފި އެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު، 06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ވަނީ 9.3 އިންސައްތަ އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް، ނުވަތަ 10.1 އިންސައްތައިން އިތުރުވެފައެވެ.

ކޯޕަރޭޓް އިންކަމް ޓެކްސްއަކީ މި މުއްދަތުގައި ދައުލަތަށް އާމްދަނީ ލިބުނު މުހިންމު އެއް ވަސީލަތް ކަމަށްވާއިރު، 06 އޯގަސްޓް 2026 ގެ ނިޔަލަށް އެ ބައިން ވަނީ 2.7 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.

ޖީ.ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 3.1 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 3.4 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ޖީ.ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް ލިބުނު 323.7 މިލިއަން ރުފިޔާއެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 9.9 ބިލިއަން ރުފިޔާއެވެ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީގެ ހިއްސާއަކީ 3.4 ބިލިއަން ރުފިޔާއެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުންވެސް މި މުއްދަތުގައި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއިން 2.0 ބިލިއަން ރުފިޔާއަށް ނުވަތަ 13.2 އިންސައްތަ އިތުރުވެފައިވާއިރު، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.5 ބިލިއަން ރުފިޔާއިން 5.3 ބިލިއަން ރުފިޔާއަށް ނުވަތަ 18.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް 15.8 އިންސައްތަ އިތުރުވެ 885.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.0 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް 14.9 އިންސައްތަ އިތުރުވެ 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ 33.1 އިންސައްތަ އިތުރުވެ 1.7 ބިލިއަން ރުފިޔާއަށް އަދި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑް 17.0 އިންސައްތަ އިތުރުވެ 483.1 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 221.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ. 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.

ޚަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެހީއާއި ސަބްސިޑީގެ ޚަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ޚަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ޚަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ހިމެނެއެވެ.

ކެޕިޓަލް ޚަރަދު ވަނީ 7.0 އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. ބިމާއި އިމާރާތްތަކަށް ކުރެވުނު ޚަރަދު 57.9 އިންސައްތަ އިތުރުވެ 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރުތަކަށް ކުރެވުނު ޚަރަދު 65.9 އިންސައްތަ އިތުރުވެ 261.0 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ޚަރަދު 39.1 އިންސައްތަ އިތުރުވެ 791.2 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް އިކުއިޕްމަންޓަށް ކުރެވުނު ޚަރަދުވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

06 އޯގަސްޓް 2026 ގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

ހިއްސާ ކުރައްވާ!