ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އެމެރިކާއިން ފުރިހަމަ އަދި މުޠުލަގު ބާރުވެރިކަމެއް ހޯދާފައިވާ ކަމަށާއި، އެ ބާރުވެރިކަން ދެމެހެއްޓޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެެއްކޮޅުން އީރާނަށް ސުލްހައިގެ ވާހަކަތަކަށް އައުމަށް އާދޭސް ކޮށް ނޮވެންބަރު މަހު އޮންނަ އިންތިޚާބާ ހަމައަށް ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އިން ބުނާ އިރު ޓްރަމްޕް ދަނީ ހޮޅި ހޮއްލަމުންނެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތު ސޯޝަލްގައި ދެއްކެވި ޕޯސްޓް ކުރަމުން ޓްރަމްޕް ވަނީ އެމެރިކާގެ ކަނޑުގެ ސިފައިން ހުރުމުޒު ކަނޑުއޮޅީގައި ގާއިމުކޮށްފައިވާ ކަނޑުގެ ހިސާރުކުރުމަކީ ދަނގަނޑު ފާރެއްފަދަ ކަމެއް ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ ހުރުމުޒު ސުލޫކު ދިރާސާ ކުރާއިރު ފެންނަނީ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ގެނަސް ނާޖާއިޒު ފައިދާ ބަޔަކަށް ހޯދައި ދިނުމަށް އޭނާ ބަޔާންތައް ދެމުންތާ މަންޒަރެވެ. ޚާއްސަ މިފަދަ ވާހަކަތައް އޭނާ ދައްކަނީ، ނިއުޔޯކުގައި ހިއްސާގެ ބާޒާރުގެ މަސައްކަތް ފަށާ ވަގުތާ ދިމާކޯށެވެ.
ޓްރަމްޕް ބުނަނީ މި ހިސާރުކުރުމާ ދެކޮޅަށް އީރާނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މި ކަނޑުއޮޅިއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ބައިނަލްއަގްވާމީ މާކެޓަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކޮށް ފާރަވެރިވަމުންނެވެ. ނަމަވެސް ޓްރަމްޕްގެ ޚަސީލަތް ރަނގަޅަށް ދަންނާތީ ދުނިޔޭގެ ވެރިން އޭނާގެ ހުތުރު ބަސްމަގުގެ ޝިކާރައަކަށް ވާން ބޭނުން ނުވާތީ ތިބެނީ ދުރުގައެވެ.
އީރާނުން ބުނެފަިއ ވަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި ސިޔާސީ ގޮތުންނާއި އަސްކަރީގޮތުންވެސް ކުރި ލިބުނީ އީރާނަށް ކަމަށެވެ. އެމެރިކާ އިން ދަނީ އައު ބުރަކަށް ތައްޔާރު ވުމަށްޓަކައި ހަތިޔާރު އުފެއްދުމުގެ މަސައްކަތް ވަރުގަދަ ކުރަމުންނެވެ.





