ޖެނޮސައިޑް ރެޖީމުން ބައިވެރިވެގެން ހުޅަނގު އައްސޭރި ސުންނާފަތިކޮށްލަނީ

އެއް އިރެއްގައި އަރީޙާއަކީ ހުޅަނގު އައްސޭރީގައި ބަގީޗާތަކާއި ސްވިމިންގ ޕޫލްތަކުގެ މެދުގައި ފަލަސްތީނު އާއިލާތަކުން ގެދޮރު ބިނާކޮށްގެން އުޅުނު ސިޓީއެކެވެ. މި ސިޓީއަށް ދީފައިވާ އިނގިރޭސި ނަމަކީ ޖެރިކޯއެވެ.

ފަލަސްޠީނު މީހުން ތަނަވަސްކަމާއެކު ދިރިއުޅެމުން ދިޔަ ބަގީޗާތަކާއި ސުއިމިންގ ޕޫލް ހިމެނިފައި ހުރި ވިއްލާތައް މިއަދު ވަނީ ތަޅާލައި ބިމާ އެއްވަރުކޮށްފައެވެ.

މީގެ މަދު ދުވަސްކޮޅެއް ކުރިން ދިރިއުޅުމުގެ އުފާވެރި އަޑުތައް ގުގުމަމުން ދިޔަ އެ ބިންތައް، މިހާރު ވަނީ ބިމާ ހަމަކޮށްފައެވެ.

ޔަހޫދީ ޒަޔަނިސްޓުންނަކީ ސުންނާފަތި ކޮށްލުމުގައި ދުނިޔެއިން އެވަރުގެ ދެވަނަ ބާރެއް ނުފެންނާނެ ވަރުގެ ނުލަފާ ބަޔެކެވެ. އެތައް ގެއެއް ވަނީ ބިމުން ލުހެލާފައެވެ. އަދި އެތަންތާނގައި މީހުން ދިރިއުޅުނު ކަމުގެ ހެއްކެއް ފެންނާން ނެތެވެ.

މިއީ ހަމައެކަނި ގެދޮރު ހަލާކު ކޮށްލުމުގެ ވާހަކައެއް ނޫނެވެ. މިއީ ޔަހުދީންގެ ޖެނޮސައިޑް ރެޖީމުން ޔަހޫދީ ވަޒަންވެރިންނާ ގުޅިގެން ގާނޫނީ އިންތައް ފަހަނައަޅައި، ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދާ ނިޒާމީ ޖަރީމާއެއްކަމަށް މަދަނީ ޖަމިއްޔާތަކާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

އަރީޙާގެ ރަށްވެއްސެއް ކަމަށްވާ މުޙައްމަދު ސަލާހް، އޭނާގެ ގެއަށް ވަދެވޭނެ ގޮތެއް ނެތިފައި ހުރީ ގޭގެ ދޮރު މައްޗަށް ޔަހޫދީ ވަޒަންވެރިން އަޅާފައިވާ ކޮންކްރިޓާއި ގަލުގެ ސަބަބުންނެވެ.

އޭނާގެ ގެއަށް ވަންނަން ޖެހިފައި ވަނީ ފާރު މަތިން އަރައިގެންނެވެ. މިކަމާ ގުޅޭގޮތުން މިކަން ކުރާ ނުލަފާ ޔަހޫދީންނާ ސުވާލުކުރުމުން ލިބުނު ޖަނަވާރު ޖަވާބަކީ "އޭނާއަށް ގެއަށް ނުވަދެވުމަކީ އަހަރެންގެ މައްސަލައެއް ނޫން، މިއީ މިހާރު އަހަރަމެންގެ ބިމެއް" ކަމަށެވެ.

ޔަހޫދީން އަރީޙާގައި ގެތައް ތަޅައި ހިންގަމުން ގެންދާ ޖަރީމާތަކަކީ ޖެނޮސައިޑް ސަރުކާރުގެ ރުހުމާއެކު ކުރާ ކަންކަމެވެ. އަރީޙާގެ މީހުން ބުނާ ގޮތުގައި މިހާރު އަރީޙާގައި ވެރިކަން ކުރަނީ ގާނޫނުން ނެއް ނޫނެވެ. ނަމަވެސް އަނިޔާވެރިކަމާއެކު ގައެވެ.

ޔަހޫދީ ޖެނޮސައިޑް ރެޖީމުން އަދު އިންސާފު ލިބުމަކީ މުސްތަހީލު ކަމެކެވެ. ޔަހޫދީންގެ ހައި ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި، 2025 ވަނަ އަހަރުގެ މާޗް މަހު ޔަހޫދީ ލީޑަރުންނާއި ވޯލްޑް ޒިއޮނިސްޓް އޮގަނައިޒޭޝަންގެ ސެޓްލްމަންޓް ޑިވިޝަނާ ދެމެދު އަރީހާގެ ފަލަސްޠީނު މީހުންގެ ދަނޑު ބިން ޔަހޫދީންގެ ދަނޑުވެރިކަމަށް ބޭނުންކުރުން ހުއްދަކޮށް އެއްބަސްވުމެއް ވަނީ ހެދިފައެވެ. .

އާއިލާތަކުން ބުނާ ގޮތުގައި، މި އަރީޙާ ސަރަހައްދުގެ ގެދޮރު ސުންނާފަތި ކުރުމުގެ ފަހަތުގައި އޮތީ ފަލަސްތީނުގެ ނިޝާންތައް ފޮހެލުމުގެ ސިޔާސަތެވެ. އެއްފަހަރަކު 13 އާއިލާއެއް ގެދޮރުން ނެރެ ބޭރުކޮށްލާފައި ވެއެވެ. އަދި އޭގެ އިތުރުން، އެމީހުންގެ ޖަނަވާރުތަކާއި ދަނޑުބިންތައް ވެސް ޔަހޫދީން ވަނީ ފޭރިގަނެފައެވެ.

ކުޑަކުދިންގެ ލޮލުން ފެންނަނީ ހައިރާންކަމާއި ބިރުވެރިކަމެވެ. "ބައްޕާ، އަހަރެމެން އެއްވެސް ކުށެއް ނުކުރަމެއްނު، ދެން ކީއްވެހޭ އެމީހުން އަހަރެމެންގެ ގެ ހަލާކުކުރީ؟" މި ސުވާލަށް ޖަވާބުދޭނެ ގޮތެއް މުޙައްމަދު ސަލާހަށް ނެތެވެ. އޭނާގެ އާއިލާ މިހާރު ދިރިއުޅެނީ އެހެން ސިޓީއެއްގައި ކުލީ ގެއެއްގައެވެ.

ހިއްސާ ކުރައްވާ!