އެމެރިކާގެ ސެނެޓުން ވަނީ އެމެރިކާއާއި ތިބެޓްގެ ރައްޔިތުންނާ ދެމދު އޮތް ގުޅުން ހަރުދަނާކޮށް، އެ މީހުންގެ އިންތިޚާބުކޮށްފައިވާ ލީޑަޝިޕްގެ ބައިނަލްއަޤްވާމީ މަޤާމު މަތިކުރުމަށް އަމާޒުކޮށްގެންއައު ބިލެއް ހުށަހަޅާފައެވެ. މި ބިލަށް ދެ ޕާޓީގެ އިސް ފަރާތްތަކުން ތާއީދު ކޮށްފައި ވެއެވެ.
2026 ވަނަ އަހަރުގެ "އެޝުއަރިންގ ދަ ފިއުޗަރ އޮފް ޓިބެޓް އެކްޓް" (އެފްޓާ) ގެ ނަމުން ނަންދީފައިވާ މި ބިލަކީ، ދެމެހެއްޓެނިވި ސިޔާސަތެއްގެ ދަށުން ޓިބެޓްގެ މައްސަލަ ސްޓްރެޓީޖިކް މަސްލަޙަތެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި ޤާނޫނީ ހުށަހެޅުން ސެނެޓަށް ހުށަހަޅުއްވާފައިވަނީ އޮރިގަންގެ ޑިމޮކްރެޓިކް ސެނެޓަރ ޖެފް މަރކްލީ އާއި އައިޑަހޯގެ ރިޕަބްލިކަން ސެނެޓަރ ޖިމް ރިޝް އެވެ. އަދި ސެނެޓަރުން ކަމަށްވާ ޓިމް ކޭން، ޓޮޑް ޔަންގް، ޖެކީ ރޮކްސަން، އަދި ތިޓް ސްކޮޓް ވަނީ މި ބިލުގެ އަޞްލު ކޯސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ބިލަކީ މިދިޔަ މެއި މަހު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް ހުށަހެޅުނު އެޗް.އާރު. 8982 ނަންބަރު ބިލާ ގުޅިގެން ސެނެޓަށް ހުށަހެޅުނު ގުޅިފައިވާ ބިލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބިލުގެ ދަށުން އެމެރިކާގެ ސިޔާސަތުގައި ޓިބެޓްގެ މީހުންނާއި އެ މީހުންގެ އިންތިޚާބީ ލީޑަރުންނާއެކު ސީދާ މުޢާމަލާތްކުރުމަށް ވަނީ ބާރުއަޅާފައެވެ. ޚާއްޞަކޮށް، ޓިބެޓްގެ ރައްޔިތުން ތަމްސީލުކުރާ މައި އިދާރާ ކަމަށްވާ ސެންޓްރަލް ޓިބެޓަން އެޑްމިނިސްޓްރޭޝަން (ސީ.ޓީ.އޭ) ގެ ދައުރު ދެމެހެއްޓުމަށާއި، ޓިބެޓްގެ މުސްތަޤުބަލު ކަނޑައެޅުމުގައި އެ އިދާރާގެ ދައުރު ފުޅުކުރުމަށް މި ޤާނޫނުން ބާރުލިބިދޭނެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޓިބެޓްގެ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި އަމިއްލަ ވެރިކަން ކުރުމުގެ ޙައްޤަށް އެމެރިކާއިން ދޭ އެއްބާރުލުން މި ބިލުން އިތުރަށް ތަކުރާރުކޮށްދެއެވެ.
މި ޤާނޫނުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ޓިބެޓްގެ 14 ވަނަ ދަލައި ލާމާގެ ދުވަސްވަރަށްފަހުވެސް އެމެރިކާއިން ޓިބެޓަށް ގެންގުޅޭ ސިޔާސަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އެގޮތުން ސީ.ޓީ.އޭ އަށް އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި އޮބްޒާވަރެއްގެ ހައިސިއްޔަތު ހޯދުމަށް އެމެރިކާ ސަރުކާރުން އެހީތެރި ކަން ފޯރުކޮށްދިނުމަށް މި ބިލުން އެދިފައި ވެއެވެ.






