2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ފަހު 5 އަހަރު ފަހުން، 2006 ވަނަ އަހަރު އެމެރިކާގެ އެފްބީއައިއަށް ބޭނުންވީ ކެލިފޯނިއާގެ އޮރެންޖް ކައުންޓީގައި އުޅޭ މުސްލިމް މުޖުތަމަޢާ އެއްވެސް ޝައްކެއް ނުއުފެދޭ ގޮތަށް ގާތްވެވޭނެ މީހެކެވެ. އެފްބީއައިއަށް އެފަދަ މީހަކު ފެނުނީ އެ ސަރަހައްދުގެ ޖިމަކުންނެވެ.
ކްރެގް މޮންޓެއިލްއަކީ މަކަރާއި ހީލަތްހެދުމުގެ ކުށުގެ ރެކޯޑެއް އޮތް ފިޓްނަސް ޓްރޭނަރެކެވެ. އެފްބީއައިއިން އޭނާ ވަޒީފާއަށް ނެގީ އުޖޫރަދީގެން މައުލޫމާތު އެއްކުރާ ޖާސޫސެއްގެ ގޮތުގައެވެ. އޭނާ ދެކުނު ކެލިފޯނިއާގެ އެންމެ ބޮޑު އެއް މިސްކިތް ކަމަށްވާ އިސްލާމިކް ސެންޓަރ އޮފް އަރވައިންއަށް ދާން ފެށިއެވެ. އަދި ރޯދަމަހެއްގެ ތެރޭގައި އެތައް ސަތޭކަ މުސްލިމެއްގެ ކުރިމަތީގައި ފާޅުގައި އިސްލާމްދީން ގަބޫލުކުރިއެވެ.
އޭނާ އިޚްތިޔާރުކުރި ނަމަކީ ފާރޫޤެވެ.
މޮންޓެއިލް އެ މުޖުތަމަޢުގެ އިތުބާރު ހޯދުމަށް އަހަރަކަށްވުރެ ދިގު މުއްދަތެއް ހޭދަކުރިއެވެ. މުސްލިމުން އޭނާއަށް ދައުވަތުދީގެން ގޭގެއަށް ގެންގޮސް ކޭންބުއިމާއި ނަމާދުކުރުމުގައި ބައިވެރިކުރިއެވެ. އޭނާ ދީނީ ދަރުސްތަކުގައި ބައިވެރިވެ، ފަތިސްނަމާދުގެ ގިނަ ޖަމާޢަތްތަކުން ފެންނަން ފެށުމުން، އެންމެންވެސް އޭނާއަށް މަރުޙަބާ ކިއެވެ. ނަމަވެސް އެ މުޅި މުއްދަތުގައިވެސް އޭނާ ދިޔައީ ސިއްރުން އެންމެހައި ކަންކަން ރެކޯޑުކުރަމުންނެވެ. އޭނާ ބޭނުންކުރީ ގަމީހުގެ ގޮޅިއެއްގެ ތެރޭގައި ފޮރުވާފައިވާ ކެމެރާއެކެވެ.
އަދި އަޑު ރެކޯޑުކުރާ ސިއްރު އާލަތެއް ހަރުކޮށްފައިވާ ތަޅުދަނޑިފައްޗެއް މިސްކިތުގެ އޮފީހުގެ "ލޮސްޓް އެންޑް ފައުންޑް" ސެކްޝަންގައި އޭނާ ބޭއްވިއެވެ. އެއާއެކު، ސިއްރުވާހަކަތަކެއް ކަމަށް ހީކޮށް އިމާމުންނާއި ޖަމާޢަތުގެ މީހުން ދެއްކި އަމިއްލަ ވާހަކަތައް އޭނާ ރެކޯޑުކުރިއެވެ.
އެފްބީއައިއިން މޮންޓެއިލްއަށް މި މަސައްކަތުގެ އުޖޫރައިގެ ގޮތުގައި 177،000 އެމެރިކާ ޑޮލަރު ދިނެވެ. އަދި އޭނާ ބައިވެރިވި ނަމާދުތަކާއި އިވެންޓްތަކުގެ އަދަދަށް ބަލައި އިތުރު ފައިސާ ދިނެވެ. ފަހުން ކޯޓުގައި އޭނާ ދިން ބަޔާނުގައި ބުނެފައިވާ ގޮތުގައި، އޭނާ ހަވާލުވީ މަސައްކަތަކީ މިސްކިތުގެ ތެރޭގައި ތިބެދާނެ ހައްދުފަހަނައަޅާފައިވާ މީހުން ހޯދައި ފާހަގަކުރުމެވެ.
ނަމަވެސް ކަންތައްވީ މުޅިން ތަފާތު ގޮތަކަށެވެ.
މޮންޓެއިލް ވަނީ އަނިޔާވެރި ޖިހާދާ ގުޅޭގޮތުން، އެހެން މީހުން ކަންބޮޑުވާފަދަ ގޮތްގޮތަށް ވާހަކައްދައްކަން ފަށާފައެވެ. ސުލްޙައަށް ބާރުއަޅާ އިސްލާމީ އުގަންނައިދިނުންތައް ބޭނުންކޮށްގެން، ޖަމާޢަތުގެ މީހުން އޭނާގެ ވިސްނުން އިޞްލާޙުކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން، މިސްކިތުގެ މީހުން ވަރަށް ކަންބޮޑުވިއެވެ. އަދި އެ މީހުން އެކަން މިސްކިތުގެ އިސްވެރިންނަށް އެންގުމުގެ ބަދަލުގައި ސީދާ އެފްބީއައިއަށް ރިޕޯޓުކޮށް، އޭނާއަކީ ހައްދުފަހަނައަޅާފައިވާ ނުރައްކާތެރި މީހަކަށް ވެދާނެކަމުގެ އިންޒާރު ދިނެވެ.
އެންމެ ފަހުން އިސްލާމިކް ސެންޓަރ އޮފް އަރވައިންއިން ކޯޓަށް މައްސަލަ ހުށަހަޅައިގެން، އޭނާ އެ މިސްކިތުގެ ސަރަހައްދަށް ވަނުން މަނާކުރާ ކޯޓު އަމުރެއް ހޯދިއެވެ.
އެ މުޖުތަމަޢަށް ޙަޤީޤަތް އެނގުނީ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. ހައްދުފަހަނައަޅާފައިވާ ނުރައްކާތެރި މީހެއް ކަމަށް ބަލައި އެ މީހުން ރިޕޯޓުކުރި މީހާއަކީ، އެ މީހުންނަށް ފާރަލުމަށް ސަރުކާރުން ފޮނުވި ސިއްރު ޖާސޫސެކެވެ.
މި މައްސަލައަކީ އެފްބީއައިއާ ދެކޮޅަށް ހުށަހެޅުނު ބޮޑު ދަޢުވާއެއްގެ ފެށުމެވެ. ދީނީ ގޮތުން ފާރަލުމާއި މަދަނީ ޙައްޤުތަކާ ގުޅޭ ސުވާލުތަކާއެކު، މި މައްސަލަ އެންމެ ފަހުން އެމެރިކާގެ ސުޕްރީމް ކޯޓަށްވެސް ހުށަހެޅުނެވެ.






