ބިލް ގޭޓްސްގެ ދަރިކަނބަލުންނަށް ބޮޑު ތުހުމަތެއް

ދުނިޔޭގެ މަޝްހޫރު މަހުޖަނު ބިލް ގޭޓްސްގެ ދަރިކަނބަލުން ފީބީ ގޭޓްސް، ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން އަމިއްލައަށް ފިޔަޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅި، އޭނާގެ ކުންފުންޏާ ދެކޮޅަށް ބޮޑެތި ޤާނޫނީ ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.

ޑިޖިޓަލް ސޭލްސް އަދި މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ އެނާގެ ކުންފުނީގެ މައްސަލަ ހޫނުވެފައިވަނީ، ވެބްސައިޓްތަކުން ޔޫޒަރުންގެ މަޢުލޫމާތު ނަގައިގެން ނާޖާއިޒު ފައިދާ ހޯދުމުގެ އުކުޅެއް ހިންގާފައިވާކަމަށް ބުނެ އެވެ. މި މައްސަލައިގެ ސަބަބުން 20 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފެންމަތިވި މި މައްސަލައިގައި ފުރަތަމަ ހާމަވެފައިވާގޮތުގައި، އެ ކުންފުނިން ދިޔައީ ގޫގުލް ކްރޯމް ފަދަ ބްރައުޒާތަކުގައި ޔޫޒަރުންނަށް ނޭނގި ގިނަ އަދަދެއްގެ ކުކީތައް ރައްކާކޮށް، އެ ކުންފުނީގެ ވިޔަފާރި ބައިވެރިން ކަމަށްވާ ނައިކް އަދި ޖެޕް ފަދަ ބޮޑެތި ބްރޭންޑްތަކުން ހިންގާ ވިޔަފާރިތަކުން ނުޙައްޤު ކޮމިޝަން ހޯދަމުންނެވެ. ނަމަވެސް، "ބްލޫމްބަރގް" އިން ހާމަކުރި އިތުބާރު ހުރި ތަޙުޤީޤީ ރިޕޯޓަކުން އެނގިފައިވާ ގޮތުގައި، ކުންފުނީގެ އިސްވެރިންނަށް މި އޮޅުވާލުމުގެ މަޢުލޫމާތު މަދުވެގެން ހަތް މަސް ދުވަސް ކުރިން ވެސް ލިބިފައިވެއެވެ. އަދި ކުންފުނީގެ އެތެރޭގައި ބަދަލުކުރެވުނު މެސެޖުތަކުން އެނގޭގޮތުގައި، އާމްދަނީ ދަށްވުމާ ގުޅިގެން ފީބީ ގޭޓްސް އާއި އޭނާގެ ވިޔަފާރި ބައިވެރިޔާ ސޮފީ ކިޔާނީ ވަނީ މި ނޭދެވޭ އުކުޅުތައް ބޭނުންކޮށްގެން ކޮމިޝަން އިތުރުކުރުމަށް މަސައްކަތް ކޮށްފައެވެ.

މިކަން ހުއްޓުވުމާއެކު އެ ކުންފުންޏަށް ލިބެމުންދިޔަ ދުވަހުގެ އާމްދަނީ ވަނީ އަށްޑިހަ ހާސް ޑޮލަރުން ދިހަ ހާހާއި ސާވީސް ހާސް ޑޮލަރާ ދެމެދުގެ އަދަދަކަށް ކުއްލިއަކަށް ވެއްޓިގެން ގޮސްފައެވެ.

މިކަމާ ގުޅިގެން، ވިޔަފާރީގެ މައިދާނުގައި އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެމީހުންނާ އެކު ވިޔަފާރީގައި ބައިވެރިވި ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ އެ މީހުންނާއެކު އޮތް ގުޅުން ކަނޑާލައި، ދޫކުރެވުނު ކޮމިޝަންތައް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފީބީ ގޭޓްސް،ގެ ކުންފުނިން މިހާރު ވަނީ ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ތަޖުރިބާކަރުންތަކެއް އައްޔަން ކޮށްފައެވެ.

ބިލް ގޭޓްސްގެ ދަރިފުޅު މި ވިޔަފާރި ފެށީ ތިރީސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާއެކު ގައެވެ.

ހިއްސާ ކުރައްވާ!