އެމެރިކާގެ މީޑިއާގެ މިނިވަންކަމާއި މާލީ ބާޒާރުގެ އިންސާފުވެރިކަމަށް ހުރަސްއެޅޭ ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދެ މުއައްސަސާއަކުން ދަޢުވާ ހުށަހަޅައިފިއެވެ.
"ދި އިންޓަރސެޕްޓް" އަދި "ފްރީޑޮމް އޮފָ ދަ ޕްރެސް ފައުންޑޭޝަން" ގުޅިގެން ހުށަހެޅި މި މައްސަލައިގައި އަމާޒުކޮށްފައިވަނީ "ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް" އިން ތައާރަފް ކޮށްފައިވާ "ޓްރުތު އޭ.ބީ.އޭ.އައި" ނަމަކަށް ކިޔާ ޚިދުމަތަކަށެވެ. މަހަކު އެއްލައްކަ ޑޮލަރާ ގާތް ކުރާ އަގެއް ނަގައިގެން، ރައީސް ޓްރަމްޕްގެ އެންމެ މުހިންމު މީސްމީޑިއާ ޕޯސްޓްތައް ކުރިއާލައި ލިބިދޭ މި ނިޒާމަކީ މާލީ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ފޯރުވާނެ ކަމެއް ކަމަށް ދަޢުވާގައި ފާހަގަކޮށްފައިވެއެވެ.
އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު ތައާރަފުކުރި މި ޚިދުމަތާ ގުޅިގެން، އެމެރިކާގެ ސެނެޓްގެ ދެ މެންބަރުން ކަމަށްވާ އެލިޒަބަތު ވޮރެން އަދި އަޑަމް ޝިފް ވަނީ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް މައްސަލަ ހުށަހަޅާފައެވެ. މި ޚިދުމަތުގެ ސަބަބުން ވޯލްސްޓްރީޓާއި ރައީސް ޓްރަމްޕާ ގާތް މުއްސަނދި ފަރާތްތަކަށް ނުޙައްޤު މަންފާތަކެއް ލިބެމުންދާ ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.
ޤާނޫނުއަސާސީގެ ފުރަތަމަ އިސްލާޙާ ޚިލާފުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި، ސަރުކާރުގެ ރަސްމީ އިޢުލާންތައް ޓްރަމްޕްގެ ޓްރުތު ސޯޝަލް ކުންފުނީގައި އެކަނި ޝާއިޢުކުރުން ހުއްޓުވުމަށް އެދިފައިވެއެވެ. ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގައި އެކަނިވެސް އެތައް ހާސް ޕޯސްޓެއް ކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ލިޔުންތަކަކީ އެއްވެސް ރަސްމީ ބަޔާނަކާ ނުލައި މާކެޓަށް ސީދާ އަސަރު ފޯރުވާ ލިޔުންތައް ކަމަށް ޝަކުވާގައި ބަޔާންކޮށްފައިވެއެވެ.






