އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ޒުވާނުންގެ ޝައުޤުވެރިކަން ބޮޑު: ޑރ. ޖައިޝަންކަރް

ޚާރިޖީ ސިޔާސަތާއި ޤައުމީ މުހިންމު އިސްކަންދޭ ކަންކަމާ ގުޅޭގޮތުން، އެމް.ޕީ ލީޑް ފެލޯޝޕް ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނާ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރް ބައްދަލުކުރައްވައިފިއެވެ.

ޕާލަމެންޓް މެންބަރަކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށްފަހު ޖަޔަޝަންކަރު އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ޚާރިޖީ ސިޔާސަތަށް މި ޒުވާނުންގެ ކިބައިން ފެންނަ ޝައުޤުވެރިކަމާއި ފޯރިއަކީ ފާހަގަކޮށްލަންޖެހޭ ފަދަ ކަމެއް ކަމަށެވެ.

ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި އިންޓާންޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ވެރިކަމުގެ ނިޒާމާއި، ޢާންމު ސިޔާސަތުތަކުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

ފަސް ހާހަށްވުރެ ގިނަ އެޕްލިކޭޝަންގެ ތެރެއިން ހޮވާލެވުނު ސާޅީސް ބައިވެރިންގެ ތެރެއިން %62 އަކީ އަންހެނުންކަން ފާހަގަކޮށްލެވެއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ބައިނަލްއަޤްވާމީ ބައިވެރިކަމާއި، އަވަށްޓެރި ޤައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތާއި، ޓެކްނޮލޮޖީގެ އިތުރުން އަމިއްލަ ފުދުންތެރިކަން ހޯދުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ސިލްސިލާގެ ބައްދަލުވުންތަކުގެ ތެރެއިން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވެސް ވަނީ އެމް.ޕީ ލީޑް ފެލޯޝޕްގެ ބައިވެރިންނާ ބައްދަލުކުރައްވައި، ޤައުމުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން މައުލޫމާތު ދެއވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައިވެރިންނާ ބައްދަލު ކުރައްވައި އިންޑިއާގެ ނައިބު ރައީސް ސީ.ޕީ ރާދާކްރިޝްނަން ވަނީ ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުތުމަށާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މުޖުތަމަޢަށް ޚިދުމަތްކުރުމަށް ބާރުއޅުއްވާފައެވެ.

ހިއްސާ ކުރައްވާ!