ރެޑް ފޯޓް ކައިރީގައި ދިން ހަމަލާގެ ފަހަތުގައިވަނީ އަލްގާއިދް: އދ

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ދިއްލީގެ ތާރީޚީ ރެޑް ފޯޓް ކައިރީގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ފަހަތުގައިވަނީ އަލްޤާއިދާ އިންޑިއަން ސަބްކޮންޓިނެންޓް (އޭކިއުއައިއެސް) ކަން އދގެ ސެކިއުރިޓީ ކައުންސިލް އިން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

އދ. ސެކިއުރިޓީ ކައުންސިލްގެ އެނަލިޓިކަލް ސަޕޯޓް އެންޑް ސެންކްޝަންސް މޮނިޓަރިންގ ޓީމުން ނެރުނު 38 ވަނަ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 11 މީހުން މަރުވި މި ހަމަލާއަކީ އޭކިއުއައިއެސްއިން ރޭވި ހަމަލާއެކެވެ.

އޯގަސްޓް 10 ގައި އާންމުކުރި މި ރިޕޯޓުގައި ބުނެފައިވަނީ އޭކިއުއައިއެސްއިން ކުދި އަދި ވަކިވަކި ސެލްތަކެއްގެ ގޮތުގައި މަސައްކަތްކޮށް، މާލީ އަދި ލޮޖިސްޓިކްސް ނެޓްވޯކްތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ނޮވެމްބަރު 10 ގައި ރެޑް ފޯޓް ކައިރީގައި ދިން ހަމަލާއަކީ އެ ޖަމާޢަތުން ދިން ހަމަލާއެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި ހަމަލާއަކީ ކުރިން ޕާކިސްތާނުގެ ޖައިޝޭ މުޙައްމަދު އިން ދިން ހަމަލާއެއް ކަމަށް ބެލެވުނު ނަމަވެސް، އދ. ގެ ރިޕޯޓާއެކު މައްސަލައިގެ ތަޙުޤީޤަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

މި ހަމަލާ ހިންގާފައިވަނީ އިރު އޮއްސި 7:00 އެހާކަންހާއިރު، ދުއްވާފައި ދިޔަ ހިޔުންޑާއި އައި20 މަރުކާގެ ކާރެއް ގޮއްވާލައިގެންނެވެ. ތަޙުޤީޤު ކުރާ ފަރާތްތަކުން ކާރު ދުއްވަން އިން އުމަރު އޭ ނަބީ ފާހަގަކޮށް، އޭނާއަކީ އަމިއްލައަށް މަރުވެގެން ހަމަލާދިން މީހެއް ކަމަށް ތުހުމަތުކުރެއެވެ.

2014 ވަނަ އަހަރު އުފެއްދި އޭކިއުއައިއެސްއަކީ ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ، ޕާކިސްތާނު، ބަންގްލަދޭޝް އަދި އަފްޣާނިސްތާނުގައި އަލްޤާއިދާގެ ހަރަކާތްތައް ފުޅާކުރުމަށް އުފެއްދި ޖަމާއަތެކެވެ.

މީގެ އިތުރުން، އދ. ގެ ރިޕޯޓުގައި އަލްޤާއިދާއާއި އައިއެސްއިން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތްތަކާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!