ސިނަމާގެ ރާނީ ސްރީދޭވީގެ ހަޔާތް ސިފަކޮށްދޭ ފުރަތަމަ ފޮތް ނެރެފި

އިންޑިއާގެ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ޝަރަފުވެރި އެއް ތަރި ކަމަށްވާ ސްރީދޭވީގެ ޙަޔާތާއި މަސައްކަތްތަކުގެ މައްޗަށް އެކުލަވާލާފައިވާ އައު ފޮތް، "އެމްޕްރެސް: ދަ ޑިފިނިޓިވް ބަޔޮގްރަފީ އޮފް ސްރީދޭވީ" ގެ ފުރަތަމަ ދައްކާލުން މަޝްހޫރު ފަންނާނު ޕްރިޔަންކާ ޗޯޕްރާ ރަސްމީކޮށް ހާމަކޮށްފިއެވެ.

ވެސްޓްލެންޑް ބުކްސްއިން ޝާއިޢުކުރުމަށް ހަމަޖެހިފައިވާ މި ފޮތަކީ ދީރަޖް ޔޫ. ކުމާރު ލިޔެފައިވާ ފޮތެކެވެ.

އިންސްޓަގްރާމް ސްޓޯރީޒް މެދުވެރިކޮށް މި ފޮތުގެ ކަވަރު ޢާންމުކުރަމުން ޕްރިޔަންކާ ވަނީ ސްރީދޭވީއަށް އޮތް ލޯތްބާއި އެކުވެރިކަން ހާމަކޮށްފައެވެ. އޭނާ ވަނީ ސްރީދޭވީގެ އުފަންދުވަހުގެ ތަހުނިޔާ ރައްދުކޮށްފައެވެ. މި ފޮތުގައި އަމީތާބް ބައްޗަން ސްރީދޭވީ ސިފަކުރައްވާފައިވަނީ "ދެވަނައެއް ނެތް ހުނަރުގެ ނަމޫނާއެއް" ގެ ގޮތުގައެވެ.

މި ފޮތަކީ 2023 ވަނަ އަހަރު ވެސްޓްލެންޑް ބުކްސްއިން ނެރޭނެ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފައިވާ ފޮތެކވެ.

މިއިން ސްރީދޭވީގެ ސިނަމާއީ ދަތުރާއި އޭނާގެ ޒަވާޖީ އަދި އަމިއްލަ ހަޔާތުގެ އެކި މަރުޙަލާތައް ކިޔުންތެރިންނަށް ގެނެސްދޭނެއެވެ.

އުމުރުން އެންމެ ހަތަރު އަހަރުގައި 1967 ވަނަ އަހަރު ކުޑަ ކުއްޖެއްގެ ގޮތުގައި ސިނަމާއަށް ސްރީދޭވް ނުކުތީ ތަމަޅަ ފިލްމު 'ކަންދަން ކަރުނައި' އިން ނެވެ.

އިންޑިއާގެ ސިނަމާގައި 1980 އަދި 1990 ގެ އަހަރުތަކުގައި ފާހަގަކޮށްލެވުނު ޚާއްޞަ މަޤާމެއް ހޯދާފައިވާ ސްރީދޭވީ ވަނީ 1996 ވަނަ އަހަރު ބޯނީ ކަޕޫރާ ކައިވެނި ކޮށްފައެވެ.

މި ކައިވެންޏަށް ލިބުނު ދެ އަންހެން ދަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރު ވެސް މިހާރު ދަނީ ބޮލީވުޑްގައި މަސައްކަތް ކުރަމުންނެވެ. 2018 ވަނަ އަހަރު ދުބާއީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާގެ ސަރުކާރުން ވަނީ ޕަދްމަ ޝްރީ ދީފައެވެ. 

ހިއްސާ ކުރައްވާ!