އީރާނާއެކު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރޭގައި، އެމެރިކާގެ ސިފައިން ބޭނުންކުރާ އެމްކިއު-9 ރީޕާ މަރުކާގެ އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ތަކުގެ ތެރެއިން ހަތަރުބައިކުޅައެއްބައި އީރާނުން ވައްޓާލައިފިއެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލުންނާއި މީޑިއާ ތަޙުޤީޤީ ރިޕޯޓުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަހަކަށް އައިސް އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ އެމެރިކާގެ ފާރަވެރިވާ އަދި ހަމަލާދޭ އެންމެ ކުރިއަރާފައިވާ ޑްރޯންތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެމެރިކާ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ދަށުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމްކިއު-9 ފްލީޓުގެ ބޮޑު ބައެއް ވަނީ ނައްތާލެވިފައެވެ.
އެމްކިއު-9 ރީޕާ އަކީ އެމެރިކާގެ ޖެނެރަލް އެޓޮމިކްސް ކުންފުނިން އުފައްދާފައިވާ، ޖާސޫސީ އިންޓެލިޖެންސް އެއްކުރުމަށާއި ސާވޭލަންސްގެ އިތުރުން ސީދާ އަމާޒަށް ހަމަލާދިނުމަށް ބޭނުންކުރާ އެންމެ އަގުބޮޑު އަދި މުހިންމު އެއް އަސްކަރީ ވަސީލަތެވެ. އެންމެ ޑްރޯންއެއްގެ އަގު ގާތްގަނޑަކަށް 30 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، މިއީ އެމެރިކާގެ މެދުއިރުމަތީގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދެކެވެ.
މުޙައްލިލުން ފާހަގަކުރާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހުރަސްކުރާ ސްޓްރެޓެޖިކް ގޮތުން އެންމެ މުހިންމު ސަރަޙައްދަށްވެފައި، އެ ސަރަޙައްދުން އެމެރިކާގެ ޑްރޯންތައް ވައްޓާލުމަކީ އީރާނުގެ ވައިގެ ދިފާއީ ޤާބިލުކަން އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. އީރާނުން ދަނީ އެމީހުންގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ޚުރުދާދް-15″ އަދި "ބާވަރު-373″ ފަދަ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން އެމެރިކާގެ އުޅަނދުތަކަށް އަމާޒުކުރަމުންނެވެ.
މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ޕެންޓަގަންއިން އަދި ރަސްމީކޮށް ތަފްޞީލީ ބަޔާނެއް ނުނެރުނު ނަމަވެސް، އަސްކަރީ އިސް އޮފިޝަލަކު ވަނީ ސަރަޙައްދީ ރައްކާތެރިކަމާއި ފާރަވެރިވުމުގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެންނަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. އެމެރިކާއިން މިހާރު ދަނީ އީރާނުގެ މިސައިލް ނިޒާމުތަކަށް ނުފެންނާނެ ގޮތަށް އޮޕަރޭޝަންތައް ރޭވުމަށާއި، އިތުރު ރެކޮނިސަންސް ވަސީލަތްތައް އެ ސަރަޙައްދަށް ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ..





