އިންޑިއާގެ ފައިޓަރ ޖެޓްގެ އިންޖީން ތަރައްޤީ ކުރުމަށް ރޯލްސް-ރޮއިސް އާއި ރިލަޔަންސް ގުޅިއްޖެ

ކުރިއަރާފައިވާ މެދު ފަންތީގެ ހަނގުރާމަމަތީ ޖެޓްތައް އުފެއްދުމަށް އިންޑިއާއިން ކުރިއަށް ގެންދާ ޕްރޮގްރާމަށް އިތުރު ކުރިއެރުމެއް ލިބިއް ޖެއެވެ. 5 ވަނަ ޖީލުގެ ޖެޓްފައިޓަރގެ އިންޖީނު ތަރައްޤީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ އޭރޯސްޕޭސް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ރޯލްސް-ރޮއިސް އާއި އިންޑިއާގެ ރިލަޔަންސް ގުޅިގެން ޕާޓްނަޝިޕެއް އިޢުލާނުކޮށްފިއެވެ. މިއާއެކު އިންޑިއާއިން އަމިއްލަ ޤައުމުގައި ފަސްވަނަ ޖީލުގެ ސްޓެލްތު ފައިޓަރ ޖެޓެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އައު ބާރެއް ލިބިގެންދާނެއެވެ.

އިންޑިއާގެ ހަނގުރާމަމަތީ މަތިންދާބޯޓުގެ ޕްރޮގްރާމްތަކުގައި އިންޖީނަކީ އަބަދުވެސް އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވެފައިވާ އެއް ބައެވެ. ތާރީޚީގޮތުން އިންޑިއާ އޮތީ ބޭރުގެ އިންޖީނުތަކަށް ބަރޯސާވެފައެވެ. އެހެންކަމުން، ދިފާޢީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމަށް ކުރާ މަސައްކަތުގައި ޤައުމީ ފެންވަރުގައި ބާރުގަދަ އިންޖީނެއް އުފެއްދުމަކީ މުހިންމު ބަޔެކެވެ.

ރޯލްސް ރޮއިސްއާއި ރިލައެންސް ކުންފުނިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގައި "އޭރޯސްޕޭސް ގޭސް ޓަރބައިން ކޮމްޕްލެކްސް" އެއް ޤާއިމުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. މި ފެސިލިޓީގެ މަޤުޞަދަކީ އިންޖީނު ފަރުމާކުރުމާއި، ތަރައްޤީކުރުމާއި، އުފެއްދުމާއި، ޓެސްޓުކުރުމާއި، އަދި ދިގު މުއްދަތަކަށް މެއިންޓެނަންސް ދިނުމާއެކު އިންޖީނުގެ ލައިފް ސައިކަލްގެ ހުރިހާ މަރުޙަލާއަކަށް ޤާބިލުކަން ހޯދައިދިނުމެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން ރޯލްސް-ރޮއިސްގެ އޭރޯ-އިންޖީނު ޓެކްނޮލޮޖީގެ ތަޖުރިބާއާއި، ރިލަޔަންސްގެ ޓެކްނޮލޮޖީ، އުފެއްދުމުގެ ޤާބިލުކަން އަދި ޕްރޮޖެކްޓް ހިންގުމުގެ ޤާބިލުކަން އެއްތަން ވެގެންދާނެއެވެ. މީގެ މައިގަނޑު މަޤުޞަދަކީ އިންޑިއާގެ އޭ.އެމް.ސީ.އޭ ޕްރޮގްރާމަށް ބޭނުންވާ އިންޖީނު ޤައުމުގެ އެތެރޭގައި ތަރައްޤީކުރުމެވެ.

މި ފިޔަވަޅަކީ ސަރުކާރުން ހިންގާ އަމިއްލަ ފުދުންތެރި އިންޑިއާގެ ސިޔާސަތާ ގުޅިފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ދިފާޢީ ޓެކްނޮލޮޖީތަކުގެ މައްޗަށް އިންޑިއާއަށް އަމިއްލަ ބާރު ފޯރުވޭ މިންވަރު އިތުރުވެ، ބޭރުގެ ސަޕްލަޔަރުންނަށް އޮންނަ ބަރޯސާ ކުޑަވެގެންދާނެއެވެ.

ރިލަޔަންސް އިންޑަސްރީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރ އަނަންތު އަންބާނީ ވިދާޅުވީ، އިންޑިއާގެ ސްޓްރެޓީޖިކް އަމިއްލަވަންތަކަމަށްޓަކައި މުހިންމު ޓެކްނޮލޮޖީތަކުގައި އަމިއްލަ ޤާބިލުކަން ހުރުން ކޮންމެހެން ބޭނުންވާ ކަމަށެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން އޭރޯސްޕޭސް އިންޖީނުގެ ނިޒާމެއް ޤާއިމުކުރެވި، ޤައުމީ ފެންވަރުގައި އަމިއްލައަށް ކަންކަން ކުރެވޭނެ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ފެންވަރަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯލްސް-ރޮއިސްގެ ސީ.އީ.އޯ ތުފާން އެރްގިންބިލްގިކް ވިދާޅުވީ، މިއީ އިންޑިއާގައި ވަރުގަދަ، އަމިއްލަ ފުދުންތެރި އޭރޯސްޕޭސް ނިޒާމެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް، މި އިޢުލާނަކީ ޖޮއިންޓް ވެންޗަރއެއް ނުވަތަ އިންޖީނު ހެދުމުގެ ފައިނަލް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން އަންގައިދޭ ކަމެއް ނޫނެވެ. ދެ ކުންފުނިންވެސް މިކަން ސިފަކޮށްފައިވަނީ ހުށަހެޅިފައިވާ އޭރޯސްޕޭސް ގޭސް ޓަރބައިން ކޮމްޕްލެކްސް އާ ބެހޭގޮތުން ވިސްނައި، މަޝްވަރާކުރުމަށް ނިންމާފައިވާ ސްޓްރެޓީޖިކް ވިސްނުމެއްގެ ގޮތުގައެވެ.

މި ފެސިލިޓީ ޤާއިމުކުރުމަށް ހޭދަވާނެ ޚަރަދާއި، ހިއްސާވާ މިންވަރު އަދި ތާވަލުކޮށްފައިވާ މުއްދަތު މިހާތަނަށް ރިލަޔަންސް ނުވަތަ ރޯލްސް-ރޮއިސްއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިމިއްޖެނަމަ، ހަނގުރާމަމަތީ މަތިންދާބޯޓުގެ އިންޖީނު ފަރުމާކުރުމާއި، އުފެއްދުމާއި، ޓެސްޓުކުރުމާއި އަދި މުޅި އޮޕަރޭޝަނަލް މުއްދަތުގައި އެ އިންޖީނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ޤާބިލުކަން އިންޑިއާއަށް ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!