36 ގައުމެއްގެ މީހުން އިންޑިއާ އާމެދު ދެކޭ ގޮތް

ދުނިޔޭގެ 36 ޤައުމެއްގައި ހިންގި ޚިޔާލު ހޯދުމުގެ ސަރވޭއަކުން ދައްކާގޮތުގައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާއަށް ތާޢީދުކުރާ މީހުންނާއި ނުރުހޭ މީހުންގެ ނިސްބަތުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.

މިއަހަރުގެ ފެބްރުއަރީ މަހާއި މެއި މަހާ ދެމެދު 42،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، ޖުމުލަ ގޮތެއްގައި އިންޑިއާއާ މެދު އެދެވޭ ގޮިތަކަށް ދެކޭ މީހުންގެ ނިސްބަތް (45 އިންސައްތަ) އއަށް އަރައެވެ. އަދި ނޭދެވޭ ތަސައްވުރެއް ގެންގުޅޭ މީހުންގެ ނިސްބަތް (41 އިންސައްތަ) އާ ގާތްކުރެއެވެ. ނަމަވެސް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ޤައުމުތަކުގެ ޚިޔާލުތައް ވަރަށް ބޮޑަށް ތަފާތުވެފައިވާކަން މި ހޯދުންތަކުން ހާމަވެއެވެ.

މި ސަރވޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އިންޑިއާއަށް އެންމެ ބޮޑަށް ތާޢީދުކުރަނީ އަވަށްޓެރި ސްރީލަންކާއިންނެވެ.

  • ލަންކާގެ 79 އިންސައްތަ މީހުން އިންޑިއާއާ މެދު ދެކެނީ ވަރަށް އެދެވޭ ގޮތަކަށެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، 2022 ވަނަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިޞާދީ ކާރިސާއާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިން 7.5 ބިލިއަން ޑޮލަރަށްވުރެ ގިނަ މާލީ އެހީތެރިކަމެވެ.
  • ކެންޔާގެ (71 އިންސައްތަ) މީހުން އިންޑިއާއާ މެދު އެދެވޭ ގޮތަކަށް ދެކެއެވެ.
  • އިނގިރޭސިވިލާތުގައި (71 އިންސައްތަ) މީހުން
  • ޖަރުމަނުވިލާތުގައި (63 އިންސައްތަ)  މީހުން އިންޑިއާ އާ މެދު އެދެވޭ ގޮތަކަށް ދެކެއެވެ.
  • ހުޅަނގުގެ ޤައުމުތަކުގައިވެސް އިންޑިއާގެ މަޤްބޫލުކަން މަތިކަން ފާހަގަކުރެވެއެވެ.

ޕާކިސްތާން

އަނެއްކޮޅުން، އިންޑިއާގެ އެންމެ ބޮޑު އަވަށްޓެރި އަދި ވާދަވެރި ޕާކިސްތާނުގައި، އިންޑިއާއަށް ނުރުހޭ މީހުންގެ ނިސްބަތް ވަނީ 91 އިންސައްތައަށް އަރާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ސިޔާސީ ނުތަނަވަސްކަމާއި، 2025 ވަނަ އަހަރުގެ މެއި މަހު ހިނގި އަސްކަރީ ހަމަނުޖެހުންތަކާއި، އިންޑަސް ކޯރުގެ މުޢާހަދާ މެދުކަނޑައިލުމުގެ ސަބަބުން މި ރުޅިވެރިކަން އިތުރަށް ބޮޑުވެފައިވާކަން ދިރާސާއިން ދައްކައެވެ.

ބަނގްލަދޭޝް

ބަންގްލަދޭޝްގައިވެސް އިންޑިއާއާ މެދު އެދެވޭ ގޮތަކަށް ދެކޭ މީޙުންގެ ނިސްބަތް އުޅެނީ (42 އިންސައްތަ) ގައެވެ. އަދި ނުރުހޭ މީހުންގެ ނިސްބަތް (51 އިންސައްތަ) ގައި އުޅެއެވެ.

މިއީ ސިޔާސީ ބަދަލުތަކާއި ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާއަށް އިންޑިއާއިން ހިމާޔަތްދިނުމާ ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

އެމެރިކާ

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޤައުމުކަމަށްވާ އެމެރިކާގައި އިންޑިއާއާ މެދު ދެކޭގޮތް ވަނީ ދެބަޔަކަށް ބެދިފައެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން 50 އިންސައްތަ މީހުން އިންޑިއާއާ ގަޔާ ނުވާ ކަމަށް ބުނެއެވެ. އަދި، 45 އިންސައްތަ މީހުން ދެކެނީ އިންޑިއާއާ މެދު އެދެވޭ ގޮތަކަށެވެ.

މިއީ 2008 ވަނަ އަހަރަށްފަހު އެމެރިކާގައި އިންޑިއާގެ މަޤްބޫލުކަން މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި ސިޔާސީ ޕާޓީތަކަށް ބަލާއިރު، ޑިމޮކްރެޓިކް ޕާޓީގެ މީހުންގެ މެދުގައި އިންޑިއާގެ މަޤްބޫލުކަން (50 އިންސައްތަ) އަށް އުޅޭ އިރު ރިޕަބްލިކަން ޕާޓީގެ މީހުންގެ މެދުގައި (42 އިންސައްތަ) ކަން ފާހަގަކުރެވެއެވެ.

ޖުމުލަ ގޮތެއްގައި މި ސަރވޭއިން ހާމަވެގެންދަނީ އިންޑިއާގެ ބައިނަލްއަޤްވާމީ މަޤްބޫލުކަމަކީ ސަރަޙައްދީ ސިޔާސަތުތަކާއި އިޤްތިޞާދީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމެވެ.

އޭޝިއާ އަދި އެފްރިކާގެ ބައެއް ޤައުމުތަކުގައި އިންޑިއާގެ ތަސައްވުރު ވަރަށް ރަނގަޅު ނަމަވެސް، ހުޅަނގުގެ ބައެއް ބާރުތަކާއި އަވަށްޓެރި ޤައުމުތަކުގައި ބޮޑެތި ތަފާތުތައް އެބަހުއްޓެވެ.

ހިއްސާ ކުރައްވާ!