trum
trum

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް އިޒްރޭލުން ދެއްކި ވާހަކަތަކަށް ހެއްކެއް ނެތް: އެމެރިކާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް ޔަހޫދީ ޒަޔަނިސްޓުން ތަކުރާރުކޮށް ދައްކަމުން އައި ވާހަކަތަކަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ބުނެފިއެވެ.

މިދިޔަ އަހަރުން ފެށިގެން އިޒްރޭލުގެ އިންޓެލިޖެންސް އޮފިޝަލުން އެމެރިކާގެ ވައިޓް ހައުސްއަށާއި އެ ޤައުމުގެ ސިއްރު އިދާރާތަކަށް ހުށަހެޅި މި ރިޕޯޓުތަކާ ގުޅޭގޮތުން ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ގިނަ ރޭވުންތަކެއް ރާވާފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ސްނައިޕަރެއް ބޭނުންކޮށްގެން ހަމަލާ ދިނުމާއި، އާންމު ބޮޑެތި އިވެންޓުތަކުގައި ވަޅިއަކުން ހަމަލާ ދޭން މީހަކު ހޯދުން ފަދަ ނުރައްކާތެރި ރޭވުންތައް ހިމެނޭ ކަމަށް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ. މި ހުރހައި ވާހަކަތަކަކީ ޔަހޫދީ އުފެއްދުމެއް ކަމަށް އެމެރިކާ މަސްއޫލުވެރުން މިޙާރު ބުނެއެވެ.

އިޒްރޭލުގެ މި ވާހަކަތައް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ތަޙުޤީޤުކުރުމުން، މިއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއްކަން ކަށަވަރުކުރެވިފައި ނުވެއެވެ.

ޚާއްސަކޮށް، މިދިޔަ ޖުލައި މަހު ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ބޭއްވި ނޭޓޯގެ ސަމިޓަށް ޓްރަމްޕް ވަޑައިގެންނެވިއިރު، އޭނާ ދަތުރުކުރެއްވި ބޯޓަށް އީރާނުން މިސައިލް ހަމަލާއެއް ދޭން އުޅުނު ކަމަށް ޔަހޫދީ ޒަޔަނިސްޓުން ދިން އިންޒާރު ތުރުކީގެ އިންޓެލިޖެންސުން ވެސް ވަނީ ދޮގުކޮށްފައެވެ.

ތުރުކީގެ އިންޓެލިޖެންސް އޮފިޝަލުން އެމެރިކާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، އިޒްރޭލުން ދިން އެއްވެސް މައުލޫމާތަކީ ޙަޤީޤަތެއް އޮތް ކަމެއްކަން އެ ޤައުމުގެ އެއްވެސް ރިޕޯޓަކުން ސާބިތުނުވާ ކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ފާހަގަކުރާ ގޮތުގައި، 2020 ވަނަ އަހަރު ޓްރަމްޕްގެ އަމުރަށް އީރާނުގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން އީރާނުން ބަދަލު ހިފަން ބޭނުންވާކަން އެނގެއެވެ. ނަމަވެސް، އިޒްރޭލުން ފޯރުކޮށްދޭ މިފަދަ ހުރިހާ މަޢުލޫމާތެއްގެ ފަހަތުގައި އޮތީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގެ މަޤްޞަދު ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ދެކެއެވެ.

މި ހާދިސާތަކުގެ ސަބަބުން އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޚާއްޞަކޮށް، ޔަހޫދީ ޒަޔަނިސްޓުންގެ ފަރާތުން ލިބޭ މިފަދަ "ސިއްރު" ރިޕޯޓުތަކަށް ބަރޯސާވެ ވައިޓް ހައުސްއިން ނިންމާ ނިންމުންތަކާމެދު ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ޔަހޫދީ ޒަޔަނިސްޓުންގެ މިފަދަ ރިޕޯޓުތަކަކީ ޖެނޮސައިޑް ހިންގަމުންދާ އިޒްރޭލުން، އެމެރިކާގެ ވިސްނުމާއި ސިޔާސަތުތައް އެމީހުން ބޭނުންވާ މިސްރާބަކަށް ގެންދިއުމަށްޓަކައި ހަދަމުންދާ "ފޮނި ހުވަފެންތަކެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!