ރައީސް މުއިއްޒުގެ މެސެޖަށް މޯދީ ޝުކުރު އަދާކުރައްވައިފި

އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ މެދުގައި އޮތް ތާރީޚީ އަދި އެކުވެރި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފިއެވެ.

ބޮޑުވަޒީރު މޯދީ މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ނަފާއަށްޓަކައި ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއިން އަބަދުވެސް އިސްކަންދޭ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖުގައި އިންޑިއާގެ ރައީސް ދްރޯޕަދީ މުރުމޫއަށާއި ބޮޑުވަޒީރު މޯދީގެ އިތުރުން އެ ގައުމުގެ އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި 80 އަހަރުގެ ތެރޭގައި އިންޑިއާއިން ހޯދާފައިވާ ކުރިއެރުމާއި ގައުމީ ތަރައްގީއަކީ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ ވިލުންތެރިކަމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ވަރުގަދަ ރޫހުގެ ނަތީޖާއެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުން، ސަރަހައްދީ ހަމަޖެހުމާއި އިގުތިސާދީ ތަނަވަސްކަން ހާސިލުކުރުމަށްޓަކައި އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދަމަހައްޓާ އިލްތިޒާމު ރައީސް ތަކުރާރުކުރެއްވިއެވެ.

1947 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރީ ވެރިކަމުން އިންޑިއާއަށް މިނިވަންކަން ލިބުނު ތާރީޚީ މުނާސަބާ ފާހަގަކުރަމުންދާއިރު، ފާއިތުވި މުއްދަތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ، އިގުތިސާދީ އަދި ސަލާމަތީ ގުޅުންތައް ވަނީ އާ އުސްމިންތަކަކަށް ވާސިލުވެފައެވެ. ދެ ގައުމުގެ އިސްވެރިންގެ ފުރަމާނަ ދަތުރުފުޅުތަކާއެކު ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ސަބަބުން، ދެމެހެއްޓެނިވި ތަރައްގީއާއި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ގޮސްފައި ވެއެވެ.

ހިއްސާ ކުރައްވާ!