ތުރުކީގެ ޚާރިޖީ ވަޒީރުގެ ފަހަތްޕުޅުން ފެނުނު ޗާޓަކާއެކު އިސްރާއީލު ނުތަނަވަސް ވެއްޖެ

ލިބިޔާގެ ވެރިރަށް ތުރާބުލުސްގައި ބޭއްވި ބައްދަލުވުމެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާންގެ ފަހަތްޕުޅުން ތާރީޚީ ފަލަސްތީނުގެ މުޅި ޗާޓު ފެންނަން ހުރުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ނުރުހުން ފާޅުކޮށްފިއެވެ.

ލިބިޔާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލްހަމީދު ދީބާ އާއެކު ބޭއްވެވި މި ބައްދަލުވުމުގެ ތެރެއިން އާންމުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ، މެޑިޓަރޭނިއަން ކަނޑުން ފެށިގެން އުރުދުން ކޯރާ ހަމައަށް އޮތް ފަލަސްތީނުގެ މުޅި ސަރަހައްދުން "އިސްރާއީލު" މުޅިން ފޮހެފައިވާ ތާރީޚީ ޗާޓެކެވެ. މީގެ އިތުރުން، އެ ބައްދަލުވުން ބޭއްވި ކޮޓަރީގައި "ތާރީޚީ ފަލަސްތީނަށް އެނބުރިދާނަން" ލިޔެފައިވާ ބޯޑަކާއި އަލްއަގްސާ މިސްކިތުގެ ރަމްޒީ ނިޝާނެއްވެސް ފެންނާން ހުއްޓެވެ.

މި ފޮޓޯތަކާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ވަނީ ތުރުކީއަށާއި ވަޒީރު ފިދާނަށް ވަރަށް ބޮޑަށް ހަމަލާދީފައެވެ. އިސްރާއީލުން ބުނެފައިވަނީ އިސްރާއީލުގެ ވުޖޫދު މުޅިން ފޮހެލާފައިވާ ޗާޓެއްގެ ކުރިމަތީގައި ހުންނަވައިގެން އިންޒާރުތައް ދެއްވުން ފިދާން ހުއްޓާލައްވަންޖެހޭ ކަމަށެވެ. އަދި ތުރުކީއަކީ ހަމާސްގެ ކަންކަން ހިންގާ އޮފީސްތައް ގާއިމުވެފައިވާ ތަނެއްގެ ގޮތުގައި ސިފަކޮށް، ޣައްޒާގެ ސެކިއުރިޓީ އިންތިޒާމުތައް ނިންމުމުގައި ތުރުކީގެ އެއްވެސް ދައުރެއް އޮންނާނެކަމަށް އިސްރާއީލުން ގަބޫލުނުކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަމާޒަކީ ފަލަސްޠީނު ވުޖޫދުން ފޮހެލުމެވެ!

މި ހާދިސާ ހިނގާފައިވަނީ، މިޞްރުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކަށް ފިދާން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ފިދާން ވަނީ ޣައްޒާގެ މައްސަލައަކީ ހަމައެކަނި މެދުއީރުމަތީގެ މައްސަލައެއް ނޫން ކަމަށާއި، ޔަހޫދީ ޒަޔަނިސްޓުންގެ އަމަލުތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. މީސް މީޑިއާގައި މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ސިފަކުރި ގޮތުގައި މި ފޮޓޯއިން ރަމްޒުކޮށްދެނީ އަންކާރާއާއި ތެލް އަވީވްގެ ދެމެދުގައި އުފެދިފައިވާ ނުވަތަނަވަސްކަމެވެ.

ހިއްސާ ކުރައްވާ!