އީރާނުގެ ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު އަދި ނާޒުކު މަޢުލޫމާތުތަކެއް ޤައުމުން ބޭރަށް ފޮނުވުމަށްޓަކައި އެމެރިކާގެ "ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓް ވަސީލަތްތައް ޣައިރުޤާނޫނީ ގޮތެއްގައި ބޭނުންކުރަމުންދިޔަ ނެޓްވޯކެއް އީރާނުގެ ފުލުހުން އަތުލައިގަނެ، އޭގެ އަޑީގައި ހުރި އިސް މީހާ ހައްޔަރުކޮށްފިއެވެ.
އީރާނުގެ ރަސްމީ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަތުލައިގަނެވުނު ގްރޫޕުން ދިޔައީ ޤާނޫނާ ޚިލާފަށް ސްޓާލިންކްގެ ޚިދުމަތް ހޯދައިދީ، ޚާއްޞަ ބަޔަކަށް އެ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އަދި މި ވަސީލަތްތައް ބޭނުންކޮށްގެން އީރާނުގެ ސައްޙަ މައުލޫމާތާއި، ސިއްރު ނާޒުކު މަޢުލޫމާތުތައް ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެކި ފަރާތްތަކަށް ފޮނުވަމުންދިޔަކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު އިސް މީހަކީ، އީރާނުގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުންނަށް ސްޓާލިންކްގެ ޓާމިނަލްތައް ފޯރުކޮށްދީ، އެ އޮޕަރޭޓްކުރުމުގެ ފަންނީ އެހީތެރިކަން ދެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވަނީ ޤައުމުގެ ސަލާމަތީ އިދާރާތަކަށް ނޭނގި، ސިއްރުން މަޢުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމުތައް އެކި ފަރާތްތަކަށް ހަމަޖައްސައިދީފައެވެ.
އީރާނުގައި އާންމު އިންޓަނެޓްގެ ޚިދުމަތްތައް ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ގިނަ ސޯޝަލް މީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތައް ވަނީ ބްލޮކްކޮށްފައެވެ. ޚާއްޞަކޮށް، ޤައުމުގައި އުފެދޭ ސިޔާސީ ހަމަނުޖެހުންތަކާއި މުޒާހަރާތަކުގެ ވަގުތުތަކުގައި ސަރުކާރުން އިންޓަނެޓްގެ ޚިދުމަތް މުޅިން މެދުކަނޑާލުމުގެ ސިޔާސަތެއް މީގެ ކުރިންވެސް ވަނީ ގެންގުޅެފައެވެ.
މިފަދަ ފިޔަވަޅުތަކުން ރެކުމުގެ ގޮތުން، އެމެރިކާގެ ބިލިއަނަރު އިލޮން މާސްކްގެ ސްޕޭސްއެކްސް ކުންފުނިން ދެމުންދާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ރިސީވަރުތައް ސިއްރުން އީރާނަށް އެތެރެކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމެރިކާ ސަރުކާރުންވެސް ވަނީ އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ސްޓާލިންކް ބޭނުންކުރުމަށް ހުރި ބައެއް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީފައެވެ.
ނަމަވެސް، އީރާނުގެ ސަރުކާރުން ދެކޭގޮތުގައި، ސަރުކާރުގެ ހުއްދައެއް ނެތި ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަކީ ޤައުމުގެ ސިޔާދަތަށް އަރައިގަތުމެކެވެ. އަދި މިއީ ހުޅަނގުގެ ޤައުމުތަކާއި އެކި ޖާސޫސީ އިދާރާތަކުން އީރާނުގެ އެތެރޭ ގަނޑުބަޑުކޮށް، ސިއްރު މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށް އީރާނުގެ ސެކިއުރިޓީ އޮފިޝަލުން ތުހުމަތުކުރެއެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނުގެ ރޭންޖަރުންނާއި ސެކިއުރިޓީ ބާރުތަކުން ވަނީ ސިއްރުން އެތެރެކުރަން އުޅުނު އެތައް ސަތޭކަ ސްޓާލިންކް ޑިވައިސްތަކެއް އަތުލައިގެންފައެވެ. އަދި އެފަދަ ވަސީލަތްތައް ގެންގުޅޭ މީހުންނާއި، އެ ތަކެތި ބޭނުންކޮށްގެން "ޤައުމީ ސަލާމަތަށް ހުރަސްއަޅާ" މައުލޫމާތު ފަތުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އީރާނުގެ އަދުލުއިންސާފާ ބެހޭ އިދާރާތަކުން ވަނީ އިންޒާރުދީފައެވެ.
މި ފަހަރު އަތުލައިގަނެވުނު ނެޓްވޯކުގެ ތަހުގީގު އިތުރަށް ފުޅާކޮށް، އެ ނެޓްވޯކާ ގުޅުންހުރި އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް އީރާނުގެ އިންޓެލިޖެންސް އިދާރާތަކުން ދަނީ ކުރަމުންނެވެ.






