ފާރިސީ ކަނޑުއޮޅިއާއި، އޮމާން ކަނޑު އަދި އެންމެ މުހިންމު ހުރުމުޒު ކަނޑުއޮޅިއަށް އެމެރިކާގެ ސިފައިންނާއި އެމެރިކާގެ އަސްކަރީ އުޅަނދުފަހަރު ވަނުން މުޅިން މަނާކޮށް، އެ ސަރަހައްދުން އެމެރިކާގެ ބާރުތައް ބޭރުކޮށްލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާގެ މައި ކޮމާންޑަރު މޭޖަރ ޖެނެރަލް އާމިރު ޚާތަމީ އިއުލާނު ކުރައްވައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ޚިތާބެއްގައި ޖެނެރަލް ޚާތަމީ ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިން ހުރަސްކުރުމުގެ ނުވަތަ ސަރަހައްދީ ކަނޑުގެ ސަރަހައްދުތަކަށް ވަނުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ދެން ނޯންނާނެ ކަމަށެވެ. އަދި ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކުރީގެ ހާލަތަށް އެނބުރި އައުމުގެ ފުރުސަތު އީރާނުން ދުވަހަކުވެސް ނުދޭނެ ކަމަށާއި، އެކަން އެމެރިކާއިންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެނެރަލް ޚާތަމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ ޖިއޯޕޮލިޓިކަލް ނުފޫޒުގެ ބޮޑު މަރުކަޒެކެވެ. އަދި ވޮޝިންޓަނާއެކު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ހުށަހަޅާ މައިގަނޑު އެއް ޝަރުތަކީ ހުރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ ދަށުގައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ކަނޑުއޮޅީގެ މަސްރަހު ކުރިން އޮތް ހާލަތަށް ދެން އެނބުރި ނުދާނެ ކަމަށްވެސް އީރާނުގެ އަސްކަރީ ވެރިޔާ ސާފުކޮށް ވިދާޅުވިއެވެ.
މި ހުށަހެޅުންތަކާއި އިންޒާރުތައް އައިސްފައި މިވަނީ، މެދުވެރިން މެދުވެރިކޮށް އެމެރިކާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ބޭނުންވާތީ މަޝްވަރާތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ސައޫދީ އަރަބިއްޔާގެ އަލްހަދަސް ނޫސްއެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮމާން މެދުވެރިވެގެން އީރާނާއެކު ކުރި މަޝްވަރާތަކުގައި ހުރުމުޒު ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ގޮތަށް އަލުން ހުޅުވާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. ނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އެކަން ފާސްކުރުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި ހަފުތާތަކުގައި ވޮޝިންޓަނުން ވަނީ އީރާނާއެކު ސުލްހައަށް ޝަައުގުވެރިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ އިގްތިސާދީ ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށަށް ކަމަށާއި، އެމެރިކާއިން މަޝްވަރާތަކުގައި ބައިވެރިވަނީ ވަޅޯ ޝައުގުވެރިކަމަކާއެކު ކަމަށެވެ. މީގެ އިތުރުން، އީރާނުން ވަނީ ހުރުމުޒު ކަނޑުއޮޅިން އެމެރިކާއާއި އިސްރާއީލުގެ އުޅަނދުފަހަރު ދަތުރުކުރުން މަނާކުރާ ބިލެއްވެސް ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފައެވެ.






