އިންޑިއާގެ އިރުއުތުރު ބޯޑަރު ސަރަހައްދުގައިވާ އަރުނާޗަލް ޕްރަދޭޝްގެ ބިމަށް ޗައިނާގެ ސިފައިން ވެރިވެގަނެ، އިންޑިއާ ސިފައިން ޕެޓްރޯލް ކުރާ ވަކި ސަރަހައްދުތަކަކަށް ވަނުން ހުއްޓުވާފައިވާ ކަމަށް ބުނެ ނެރުނު ރިޕޯޓަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ސަރަހައްދީ ނުތަނަވަސްކަން އިތުރުވާން ފަށައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ތާއީދުކުރާ ސަރަހައްދީ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީޕަލްސް ޕާޓީ އޮފް އަރުނާޗަލް (ޕީޕީއޭ) ގެ ފެކްޓް-ފައިންޑިންގ ޓީމަކުން އާންމުކުރި މި ރިޕޯޓާ ގުޅިގެން، ނިއުދެލީގެ އިދިކޮޅު ފަރާތްތަކުން ވަނީ މޯދީގެ ހިމޭންކަމަށް ފާޑުކިޔައި، ސަރުކާރަށް ގޮންޖަހާފައެވެ.
އަރުނާޗަލް ޕްރަދޭޝްގެ ސަރަހައްދެއް ކަމަށްވާ އަޕާރ ސުބަންސިރީގެ ތަކްސިންގ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން އިންޑިއާ ސިފައިންނަށް ޕެޓްރޯލް ނުކުރެވޭ ދުވަސްވަރު ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މީގެއިތުރުން 2023 ވަނަ އަހަރު ހިންގި ހަމަނުޖެހުމަކަށްފަހު އިންޑިއާ ސިފައިން ވަނީ 'ޝޭރާ 5′ ނަމަކަށްދެވިފައިވާ ޕެޓްރޯލް ޕޮއިންޓް ދޫކޮށްލާފައި ކަމަށްވެސް އާންމުންނާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އިންޑިއާގެ ސިފައިން ވަނީ މި ވާހަކަތައް ދޮގުކޮށް، ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލަ ތިލަވެފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އިންޑިއާއަށް ޒިޔާރަތްކުރައްވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާއާއި ޗައިނާއާ ދެމެދު އޮންނަ 3,488 ކިލޯމީޓަރުގެ ބޯޑަރު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގެ ސަރަހައްދީ އިމާމެދު ދެ ގައުމުގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ކުރިއަރަމުން ދިޔަ ނަމަވެސް، އިމުގެ މައްސަލައަކީ ދެ ގައުމުގެ ގުޅުމަށް އަބަދުވެސް ނުރައްކާވެދާނެ އަދި ކުޑަކުޑަ ހާދިސާއަކުންވެސް ނުތަނަވަސްކަމަށް މަގުފަހިވެގެންދާނެ ސީރިއަސް މައްސަލައެކެވެ.





