އިންޑިއާގެ 'ދިމާޣީ ނަކްސަލް ޕާޓީ' މަގްބޫލުވެ މުއައްސިސަކީ ކާކުކަން ސިއްރު ކޮށްފި

އިންޑިއާގެ މިނިވަންދުވަހުގެ ތަގުރީރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭނުންކުރެއްވި "ދިމާޣީ ނަކްސަލް" (ވާތު ފިޔައިގެ ފިކުރީ ނަކްސަލް) މި އިބާރާތާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެއްދި "ދިމާޣީ ނަކްސަލް ޕާޓީ" (ޑީއެންޖޭޕީ) ގެ ފަހަތުގައިވަނީ ކާކުކަން ނޭނގި، އެކަން ބޮޑު ސިއްރަކަށް ވެއްޖެއެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ މި ހަރަކާތް އުފެއްދި ފަރާތުން އިންޓަނެޓުގައި އަމިއްލައަށް ތައާރަފުވަނީ "ދިމާޣީ އިންޑިއަން" އެއްގެ ގޮތުގައެވެ.

މި ހަރަކާތް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފެށިގެން ދިޔައީ ބޮޑުވަޒީރު މޯދީ، ގައުމާ މުޚާތަބުކުރައްވައި ދެއްވި ތަގުރީރުގައި، ހަތިޔާރުއެޅި ވާތު ފިޔައިގެ ނަކްސަލް މާއޯއިސްޓުން ނައްތާލެވުނު ކަމުގައި ވިޔަސް، ގައުމުގެ އެތެރޭގައި ތިބި "ދިމާޣީ ނަކްސަލުން" ނުވަތަ ފިކުރީ ގޮތުން ނުރައްކާ ކުރާ ފަރާތްތައް ހޯދައި އެކަހެރިކުރަންޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މޮދީ އިޝާރާތް ކުރެއްވީ އެނާގެ ހަރުކަށި ކަނާތު ފިޔައިގެ ހިންދޫތުވާ ވިސްނުމާ ޚިލާފްވާ މީހުންނަށެވެ. މޮދީގެ މިވާހަކައާ ގުޅިެގން އެންމެ ފުރަތަމަ ރައްދު ދެއްވި އެއްފަރާތަކީ ކޮންގްރެސް ޕާޓީގެ ޕީ ޗިދަމްބަރަމް އެވެ. ހަރވަރޑް ޔުނިވަރސިޓީގެ ގްރެޖުއޭޓް ޗިދަމްބަރަމް ވިދާޅުވީ އޭނާ އަކީވެސް އުފަލާއެކު އެ ބުނާ ދިމާޣި ނަކްސަލް ފިކުރުގެ މީހެއް ކަމަށެވެ.

އެއަށްފަހު، ސަރުކާރުން އިދިކޮޅު ފަރާތްތަކަށާއި ފާޑުކިޔާ މީހުންނަށް ނިސްބަތްކޮށް "ގައުމީ މަސްލަހަތާ އިދިކޮޅު" މީހުންގެ ސިއްކަ ޖަހާ ކަމަށް ބުނެ، އެކަމަށް ރައްދުދިނުމުގެ ގޮތުން ޖެން-ޒީގެ ސަމާސާ އަދި މަލާމާތުގެ ވައްޓަފާޅިއާ އެއް ގޮތަށް ދިމާޣީ ނަކްސަލް ޖަންތާ ޕާޓީ ވަނީ ސޯޝަލް މީޑިއާގައި އުފައްދާފައެވެ.

އިންސްޓަގްރާމާއި އެކްސްގައި މި ހަރަކާތުގެ އިންސްޓަގްރާމް އެކައުންޓަށް 24 ގަޑިއިރުގެ ތެރޭގައި 1 ލައްކައަށް ވުރެން ގިނަ ފޮލޯވަރުން ލިބުނެވެ.

ޑީއެންޖޭޕީގެ ވެބްސައިޓުގައިވާ މެނިފެސްޓޯގައި ބުނެފައިވަނީ، މި ޕާޓީގެ ވަކި ދިދައެއް، ވަކި ފޮންޓެއް ނުވަތަ މީޑިއާއަށް މައުލޫމާތު ދޭނެ މުއައްސިސެއްވެސް ނުހުންނާނެ ކަމަށެވެ. އަދި ޕާޓީގެ އަމާޒަކީ "ވިސްނާ! ދިރާސާކުރާ! އަދި އިދިކޮޅުހަދާ!" މި ޝިއާރު ކަމަށެވެ.

އެ ޕާޓީގެ މަގްސަދަކީ މީހުން އެއްގަލަކަށް އަރުވައި، ސިޔާސީ ގޮތުން ސިއްކަ ޖެހުމަށް ގޮންޖެހުން ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި އެކްޓިވިސްޓް ޕްރަކާޝް ރާޖް ވެސް ވަނީ މީހުން "ދިމާޣީ" (ވިސްނޭ) މީހުންނަށް ވުމަށާއި "ކޮލީ" (ޖާހިލު) މީހުންނަށް ނުވުމަށް ގޮވާލައި ވީޑިއޯއެއް އާންމުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކާ ގުޅިގެން، އިންޑިއާގެ ޕާލަމެންޓް މިނިސްޓަރު ކިރެން ރިޖިޖޫ ވަނީ ބޮޑުވަޒީރުގެ ވާހަކަފުޅު ދިފާއުކުރައްވާފައެވެ. ރިޖިޖޫ ވިދާޅުވި ގޮތުގައި "ދިމާޣީ ނަކްސަލް" ގެ މާނައަކީ އިދިކޮޅު ސިޔާސީ ޕާޓީތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ގާނޫނުއަސާސީއަށް އިންކާރުކޮށް މާއޯއިސްޓުންނަށް ތާއީދުކުރާ، ވަކިވެގަންނަން އުޅޭ މީހުންނަށް ވާގިވެރިވާ، އަދި ގައުމު ބައިބައިކޮށްލަން މަސައްކަތްކުރާ ފަރާތްތަކަށް ނިސްބަތްކުރައްވައި ވިދާޅުވި ބަސްފުޅެއް ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.

ޑީއެންޖޭޕީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ ސިޔާސީ ހުރިހާ ފިކުރެއްގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވާ މީހުންނަށް "ގައުމީ މަސްލަހަތާ އިދިކޮޅު" މީހުންގެ ނަން ދިނުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ނަންނަމުން މީހުން އެކަހެރިކުރަން އުޅުމަކީ، އަމިއްލައަށް ވިސްނޭ މީހުން އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ހަރަކާތުން ބުނެއެވެ.

އޮންލައިންކޮށް ބޮޑު ސަމާލުކަމެއް ލިބެމުންދާ މި ހަރަކާތް ހިންގަނީ ކޮން ބައެއްކަން އަދިވެސް ސާފުވެފައި ނުވިނަމަވެސް، މިއީ އިންޑިއާގެ ސިޔާސީ މައިދާނަށް ޒުވާނުންގެ ޑިޖިޓަލް ސަގާފަތުގެ ތެރެއިން އައި އަވަސް އަދި ނުފޫޒުގަދަ ރައްދެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!