އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ޖޯ ބައިޑެންއާ ވާދަކުރައްވައި ކާމިޔާބުކުރެއްވި ކަމަށް އަލުން ތަކުރާރުކުރައްވައި، 24,000 އަށްވުރެ ގިނަ ވަގު ވޯޓުލާފައިވާ ކަމަށް ތުހުމަތުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ މަންސަ 'ޓްރޫތު ސޯޝަލް' ގައި ހިއްސާކުރެއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ސެންސަސް ބިއުރޯއިން 2020 ވަނަ އަހަރުގެ ވޯޓަރުންގެ ރެކޯޑުތައް ރައްޔިތުކަމުގެ ރެކޯޑުތަކާ އަޅާކިޔައި ބަލަން ފަށާފައިވާ ކަމަށެވެ. އަދި އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ހުށަހެޅިފައިވާ "ސޭވް އެމެރިކާ އެކްޓް" ގާނޫނުހަދާ މަޖިލީހުން ފާސްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، ސެންސަސް ބިއުރޯއިން މިހާތަނަށް ބެލި 128 މިލިއަން ވޯޓަރުންގެ މައުލޫމާތަށް ބަލާއިރު، 24,000 އަށްވުރެ ގިނަ މީހުން ގާނޫނާ ހިލާފަށް ވޯޓުލާފައިވާކަން ސާބިތުވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ބާކީ ހުރި 32 މިލިއަން ވޯޓަރުންގެ މައުލޫމާތު ދިރާސާކުރުމުން މި އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށާއި، މިއީ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާކަން އަންގައިދޭ ހެކިތަކެއް ކަމަށް ޓްރަމްޕް ވަކާލާތު ކުރެއްވިއެވެ.
މި ތުހުމަތުތަކާއެކު ޓްރަމްޕް ވަނީ އިންޑިއާގެ އިންތިޚާބީ ނިޒާމަށް ތައުރީފު ކުރައްވައި،ފައެވެ. އަދި އެމެރިކާގެ އިންތިޚާބުތަކުގައި ވޯޓުލުމަށް ސައްހަ އައިޑެންޓިޓީ ކާޑަކާއި ރައްޔިތުކަން ސާބިތުކޮށްދޭ ލިޔެކިޔުން މަޖުބޫރުކުރުމަށް ގޮވާލައްވާފައެވެ.
އިންޑިއާގެ އިންތިޚާބީ އިދާރާގެ އިސްވެރިޔާ ގްޔާނޭޝް ކުމާރާ ހަވާލާދީ ޓްރަމްޕް ވިދާޅުވީ، 646 މިލިއަން މީހުން ވޯޓުލީ އިންޑިއާގެ ފަހުގެ އިންތިޚާބުގައި އެކަކުވެސް އައިޑީކާޑާ ނުލައި ވޯޓުލާފައިނުވާ ކަމަށެވެ.
ވައިޓް ހައުސްއިންވެސް ވަނީ ފެޑެރަލް އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާގެ ރައްޔިތުންނަށް ކަމަށް ބުނެ، މި ބިލަށް ތާއީދުކޮށްފައެވެ.






