އެމެރިކާގެ ދިފާއީ ވުޒާރާ ހިންގަނީ ވަޒީރުގެ އަންހެނުން

އެމެރިކާގެ ދިފާއީ ވުޒާރާ ހިންގުމާއި ސިޔާސަތުތައް ކަނޑައަޅައި ނިންމުންތައް ނިންމުންތަކުގައި، ދިފާއީ ވަޒީރުގެ އަނބިކަނބަލުން ޖެނިފާ ހެގްސިތު ބައިވެރިވާތީ މަސްއޫލުވެރިން ޝަކުވާ ކުރަން ފަށައިފިއެވެ. ނިއުޔޯކު ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއްވެސް ރަސްމީ މަޤާމެއް ނެތް ނަމަވެސް، ޖެނިފަރ ވަނީ ދިފާއީ ވުޒާރާގެ އިސް މަސްއޫލުވެރިއެއްގެ ފެންވަރުގައި ނުފޫޒުގަދަކޮށް، ސިޔާސީ އަދި މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތަކަށް ވެފައެވެ.

ޖެނިފަރ ވަނީ ދިފާއީ ވަޒީރު ޕީޓް ހެގްސިތުގެ މީޑިއާގެ ކަންކަން ރާވައި، ނޫސްވެރިންނާ ބައްދަލުކުރުމުގެ ކުރިން އޭނާ ތައްޔާރުވުމުގައި އެހީތެރިވެދެއްވާފައެވެ. އަދި ސެނެޓަރުންނާ ބައްދަލުކުރެއްވުމާއި، ބައެއް މުވައްޒަފުން އައްޔަންކުރުމުގެ މަރުޙަލާތަކުގައިވެސް އޭނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހިނގާ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ވަނީ ޖެނިފަރ ހެގްސިތު، ސިފައިންގެ އާއިލާތަކާ ބެހޭ ރިޔާސީ ކޮމިޓީގެ ރައީސާގެ މަޤާމަށް އައްޔަންކުރައްވާފައެވެ.

މިއީ މުސާރައެއް ނެތި، އަސްކަރީ އާއިލާތަކުގެ ޙާލަތު ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށް މަސައްކަރް ކުރާ ކޮމިޓީއެކެވެ. ނަމަވެސް، އޭނާގެ ނުފޫޒު އޮތީ ހަމައެކަނި އިޖުތިމާޢީ ކަންކަމަށް އެކަނި ނޫން ކަމަށް މަސްދަރުތަކުން ބުނެއެވެ.

ކުރިން ފޮކްސް ނިއުސްގައި ޚަބަރު ޕްރޮޑިއުސަރެއްގެ ގޮތުގައި 18 އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާ ޖެނިފަރ އެމެރިކާގެ ދިފާއީ ވުޒާރާ ހިންގުމާ ގުޅިގެން، ކުރީގެ ބައެއް އިސް އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް، ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގަތުމަކީ އާންމު އުޞޫލާ ޚާއިލުކަމެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

ނަމަވެސް، ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ސިއްރު ޙިމާޔަތްކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އެފަދަ ބައްދަލުވުމެއްގައި ޖެނިފަރ ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށާއި، ބައިވެރިވެ ވަޑައިގަތީ ހަމައެކަނި ސަލާމަތީ ކަންކަމާ ނުގުޅޭ ކަންކަމުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!