އިސްޓޯނިއާއިން ފެށިގެން ބަލްގޭރިއާއަށާއި، އިޓަލީގެ ރޯމްގެ އަވަށަކާ ހަމައަށް ވިލާތުގެ އިއްތިހާދުގެ ދިފާއީ މުއާހަދާ ނޭޓޯގެ މެމްބަރު ގައުމުތަކުގައި ހުރި ހަތިޔާރު އުފައްދާ ކާރުޚާނާތަކުގައި ސިލްސިލާކޮށް ހިނގަމުންދާ ނުރައްކާތެރި ގޮވުންތަކާއި އަލިފާނުގެ ހާދިސާތަކުގެ ފަހަތުގައި ރަޝިޔާ އޮތްކަމުގެ ތުހުމަތުތައް ކުރެވެން ފަށައިފިއެވެ. ނޭޓޯގެ މެންބަރު ގައުމުތަކުގެ މެދުގައި މިކަމާ ގުޅިގެން ބޮޑުވެފައި ވެއެވެ.
އިނގިރޭސި ޓެލެގްރާފް ނޫހުން ހުޅަނގުގެ އިސް ޖާސޫސީ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީތަކަށް ހުރަސްއެޅުމަށްޓަކައި ކްރެމްލިންއިން ރާވައިގެން ހިންގާ ސިއްރު ހަނގުރާމައެއްގެ ބައެކެވެ. ނޭޓޯގެ މުއާހަދާގެ 5 ވަނަ މާއްދާގައިވާ ގޮތުން ނުރައްކަލެއް މެމްބަރު ގައުމަކަށް ކުރިމަތި ވެއްޖެނަމަ، ސީދާ ދިފާއީ ރައްދުދިނުމުގެ އުސޫލު ބޭނުން ކުރަން ނުޖެހޭ ގޮތަށް ކްރެމްލިންއިން ދަނީ އެކި ގައުމުތަކުގެ އުޅޭ ކުށްކުރާ ގުރޫޕުތަކަށް ފައިސާދީގެން މިފަދަ އަމަލުތައް ހިންގަމުންކަމަށް ހުޅަނގުގެ މަސްދަރުތަކާ ހަވާލާދީ ތެލެގްރާފްގައި ބުނެފައި ވެއެވެ.
- އެންމެ ފަހުން ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު، އެސްޓޯނިއާގައި ހުންނަ "މިލްރެމް ރޮބޮޓިކްސް" ގެ ޑްރޯން އުފައްދާ ކާރުޚާނާއެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ލެޓްވިއާއިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
- ޔޫކްރޭނަށް 155 މިލިމީޓަރުގެ އާޓިލަރީ ކެޕްސޫލް އުފައްދައިދޭ ބަލްގޭރިއާގެ "އީއެމްސީއޯ" ކާރުޚާނާއާއި،
- އިޓަލީގެ "އާމޯ އިޓަލީ" ގެ އަސްކަރީ ސާމާނު އުފައްދާ ކާރުޚާނާގައިވެސް ވަނީ ނުރައްކާތެރި ގޮވުންތަކެއް ހިނގާފައެވެ.
- ޗެކް ރިޕަބްލިކްގައި ޑްރޯން އުފައްދާ ކާރުޚާނާއެއް އަނދައި އަޅިއަށްވި ހާދިސާއާ ގުޅިގެންވެސް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާތަކުގައި ރަޝިޔާގެ ސީދާ ބައިވެރިވުމެއް އޮތްކަން ސާބިތުކޮށްދޭ އެކަށީގެންވާ ހެކި އަދިވެސް ތަހުގީގުތަކަށް ލިބިފައިނު ވެއެވެ.
އެހެން ކަމުން ، ނޭޓޯގެ މެންބަރު ގައުމުތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އިރުމަތީ ޔޫރަޕްގެ ގައުމުތަކުން ސީދާ ރަޝިޔާއަށް އިނގިލި ދިއްކުރާއިރު، ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ ރަޝިޔާއަށް ސީދާ ތުހުމަތުކުރުމުގައި ފަސްޖެހެމުންނެވެ.
މުހައްލިލުން ބުނާ ގތުގައި ކްރެމްލިންގެ ބޭނުމަކީ ނޭޓޯގެ ގައުމުތަކުގެ މެދުގައިވާ މިފަދަ ބައިބައިވުންތައް ފާހަގަކޮށް، ރައްދުދެވޭނެ އިންތަކާއި މިންގަނޑުތައް ވަޒަންކުރުމެވެ.
މި ސިލްސިލާ ހަމަލާތައް އަމާޒުވަމުން މިދަނީ، ރޫސީވިލާތުން ޔޫކްރޭނުގެ މަދަނީ ބިނާތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ޔޫކްރޭނުން ވައިގެ ދިފާއީ ނިޒާމުތަކަށް އެދި ހުޅަނގުގެ ގައުމުތަކުގައި އާދޭސްކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޔޫކްރޭނުގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ، ގައުމުގެ ދިފާއީ ބަޖެޓުގައި 27 ބިލިއަން ޑޮލަރު މަދުވާކަމަށާއި ވިލާތުގެ އިއްތިހާދުން 35 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
މި ހާދިސާތަކުގެ ސަބަބުން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ސަޕްލައި ޗޭނަށް ބުރޫއަރާނެ މިންވަރެއް އަދި ސާފެއް ނޫނެވެ. ނަމަވެސް، ކުރިއަށް އޮތް ފިނި މޫސުމު އައުމުގެ ކުރިން ޔޫކްރޭނަށް ބޭނުންވާ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު "އެކުވެރި ގައުމުތަކުގެ އިއްތިހާދުން" ބާއްވާ ބައްދަލުވުމުގައި، މި ނުރައްކާތެރި ހާދިސާތަކާއި ރޫސީވިލާތުގެ "ހައިބްރިޑް" ހަމަލާތަކުން ސަލާމަތްވުމުގެ އުސޫލުތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.






