2026 ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުން ގޮދަން އުފެއްދި މިންވަރު ރަނގަޅު ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، ޕާކިސްތާނުގައި އަނެއްކާވެސް އާންމު ކާބޯތަކެތީގެ އެންމެ މުހިންމު ބާވަތް ކަމަށްވާ ގޮދަން ގެ ބޮޑު ކާރިދސާއެއް އުފެދި، އާންމުންނަށް ފުށް ލިބޭ އަގު އަގުބޮޑުވާން ފަށައިފިއެވެ. ގޮދަނުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބޭރު ގައުމުތަކުން ގޮދަން އެތެރެކުރުމުގެ ހުއްދައަށް އެދި ފުށް އުފައްދާ ކާރުޚާނާތަކުން ސަރުކާރަށް މައްސަލަ ހުށަހަޅަމުންދާއިރު، އިޤްތިޞާދީ އަދި ދަނޑުވެރިކަމުގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އުފެއްދުންތެރިކަން ރަނގަޅު އަހަރެއްގައި، ގޮދަންގެ އުފެއްދުންތައް ބާޒާރަށް ނެރުން ޖެހޭ މުއްދަތު އަށް މަސްދުވަސްވެސް ނުވަނީސް ބޭރުން އިމްޕޯޓް ކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ، އުފެއްދުންތެރިކަމުގެ މައްސަލައަކަށްވުރެ ބޮޑަށް ދައުލަތުގެ ސިޔާސަތުތަކުގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެކެވެ. މިއަހަރުގެ މާލީ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ދަނޑުވެރިންގެ އަތުން ގޮދަން ގަންނަ މިންވަރު ދަށްކޮށްފައެވެ. ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިއަށް އިސްކަންދީގެން ވިޔަފާރި ފުޅާކުރުމެވެ.
ނަމަވެސް، ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ކުދި ދަނޑުވެރިންނަށެވެ. ގަސްކާނާއާއި، ޑީސަލާއި، ކަރަންޓާއި، ދަނޑަށް ޖަހާ ބޭހުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ދަނޑުވެރިންނަށް ޖެހުނީ ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުވި ތަނުން، ގެއްލުމުގައި އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލާށެވެ. ދައުލަތުގެ ބައިވެރިވުމެއް ނެތުމުންނާއި ރައްކާކުރާނެ ވަސީލަތްތައް ނެތުމުގެ ސަބަބުން، ދަނޑުވެރިންގެ ބާރު ކެނޑި، އަމިއްލަ ވިޔަފާރިވެރިން ކުޑައަގުގައި ގޮދަން ގަތުމަށްފަހު ގުދަންކޮށް، އަގުތައް އުފުލުމުން ބާޒާރަށް ނެރެން ފެށިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވިިއިރު، އާންމު ކޮންސިއުމަރުންނަށް ޖެހުނީ ބޮޑު އަގުގައި ފުށް ގަންނާށެވެ.
މި މައްސަލައިގެ މޫތައް ގުޅިފައިވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކުގެ "ސްޓްރަކްޗަރަލް އެޖަސްޓްމަންޓް" ޕްރޮގްރާމްތަކާއެވެ.
ދަނޑުވެރިކަމުގެ ސަބްސިޑީތައް ކަނޑާލުމަށާއި، ދައުލަތުގެ ކާބޯތަކެތި ރައްކާކުރާ މުއައްސަސާ ލަމަށްވާ ޕާކިސްތާން އެގްރިކަލްޗަރަލް ސްޓޯރޭޖް އެންޑް ސާވިސަސް ކޯޕަރޭޝަންގެ ދައުރު ކުޑަކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދެމުންދިޔަ އިރުޝާދުތަކުގެ ސަބަބުން، ދައުލަތުގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ.
އަމިއްލަ މާކެޓަށް ދޫކޮށްލުމުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ ކަމަށް ބުނާ މިނިވަން އިޤްތިޞާދީ ސިޔާސަތުތަކުގެ ފެއިލިއަރ މި ހާދިސާއިން ސާފުކޮށް އެނގެއެވެ. އަގުތައް ވެއްޓޭ ވަގުތު ދަނޑުވެރިޔާ މާކެޓުގެ ރޭހުގައި އެކަނިވެ ގާނޫނަށް ތަބާވާން ޖެހޭއިރު، އަގުތައް އުފުލި ތަދުމަޑުކަން އަންނަ ހިނދު، ދައުލަތުގެ ޚަޒާނާއިން ހޭދަކޮށްގެން އިމްޕޯޓް ކުރަންޖެހެއެވެ. ވިޔަފާރިވެރިންގެ ފައިދާ އަމިއްލަ ކުރެވޭއިރު، މާކެޓު ފެއިލްވުމުން އޭގެ ބުރަ އުފުލަންޖެހެނީ މުޅި މުޖުތަމަޢަށެވެ.
މި މައްސަލައިގެ ތެރެއިން ދުނިޔޭގެ އިޤްތިޞާދީ ބޭއިންސާފީވެސް ފާހަގަވެއެވެ. އެމެރިކާއާއި އީޔޫގެ ގައުމުތަކުން އެ ގައުމުތަކުގެ ދަނޑުވެރިންނަށް ބޮޑެތި މާލީ އެހީތަކާއި ސަބްސިޑީތައް ދީގެން ހިމާޔަތްކުރާއިރު، ޕާކިސްތާނު ފަދަ ތަރައްގީވަމުންދާ ގައުމުތަކަށް އިރުޝާދު ދެނީ ދަނޑުވެރިންނަށް ދޭ އެހީތައް ކަނޑާލައި، ހުޅުވާލެވިފައިވާ މާކެޓުގެ ވާދަވެރިކަމުގެ ތެރެއަށް ދަނޑުވެރިން ދޫކޮށްލުމަށެވެ.
މިކަމުން އަރައިގަތުމަށްޓަކައި ޕާކިސްތާނަށް މިހާރު ބޭނުންވަނީ "ފުޑް ސޮވްރިންޓީ" ނުވަތަ ކާބޯތަކެތީގެ އަމިއްލަ ސިޔާދަތީ ބާރެވެ.






