
ހުރުމުޒު ކަނޑު އޮޅީގައި ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ވަގުތީ މެރިޓައިމް ކޮރިޑޯއެއް ގާއިމުކުރުމުގެ މަރުހަލާތަކާ މެދު އޮމާން އަދި އީރާނުން މަޝްވަރާކޮށްފިއެވެ. އޮމާނުގެ ހާރިޖީ ވަޒީރު ބަދްރު ބިން ހަމަދު ބޫސައީދީ އީރާނަށް ކުރެއްވި ދަތުރުފުޅުގައި، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވަނީ، ދެ ގައުމުގެ ސިޔާދަތީ ހައްގުތަކަށް އުނިއެކަން ނުލިބޭނެ ގޮތެއްގެ މަތިން ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން އަލުން ގާއިމުކުރުމަށް ދެ ގައުމުން ބޮޑު އިސްކަމެއްދޭ ކަމަށެވެ.
އޮމާނުގެ އޮފިޝަލް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަނގުރާމައާއި، އޭގެ ސަބަބުން ކަނޑުގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޢަމަލީ ޕްލޭނެއް އެކުލަވާލުމާ މެދު ވާހަކަދައްކަވާފައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ދެ ކަމަކަށް އެއްބަސްވެވުނެވެ.
- ވަގުތީ މެރިޓައިމް ކޮރިޑޯ: ކަނޑުއޮޅީގެ ތެރެއިން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ހަރަކާތްތެރިވެވޭނެ ވަގުތީ މަގެއް ގާއިމުކުރުން.
- މައިންތައް ސާފުކުރުން: ހަނގުރާމައިގެ ތެރޭގައި ކަނޑުއޮޅީގައި އަތުރާފައިވާ މައިންތައް ސާފުކުރުމުގެ ގުޅިފައިވާ މަޝްރޫއެއް ފެށުން.
ދެ ގައުމުން ނެރުނު ބަޔާނުގައިވާ ގޮތުން، ކަނޑުއޮޅި ބެލެހެއްޓުމާއި މައުލޫމާތު ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ދެ ގައުމުގެ ފަންނީ ޓީމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ތަނުގައި ދާއިމީ ކޮރިޑޯއެއް ގާއިމުކޮށް، މެރިޓައިމް ސެކިއުރިޓީއާއި ސޭފްޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކަށް އައުމެވެ.
މީގެއިތުރުން، ފާރިސީ ކަނޑުއޮޅީގެ ކަންކަމުގައި މުއާމަލާތްކުރާ ސަރަހައްދީ އެހެން ގައުމުތަކާއެކުވެސް މިކަމުގައި މަޝްވަރާކުރުމުގެ މުހިންމުކަން ދެ ގައުމުން ވަނީ ފާހަގަކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކަނޑުގެ ސަރަހައްދީ ގައުމުތަކުގެ ސިޔާދަތީ ހައްގުތައް ރައްކާތެރިކުރުމަށް ދެ ގައުމުން ވަނީ ގޮވާލާފައެވެ.





