އެމެރިކާ ބިރު ގަންނަވާލީ ޗައިނާއިން އަލަށް އުފެއްދި ކޮން ހަތިޔާރަކުންބާ؟

ޗައިނާއިން ދުރަށް ދަތުރުކުރާ އަދި އަޑަށް ވުރެ ފަސްގުނަ ބާރަށް ދަތުރުކޮށް މިސްރާބު ބަދަލުކުރެވޭ އާ ހައިޕަސޮނިކް ހަތިޔާރެއް އުފައްދައި ފިއެވެ. ޗައިނާއިން އުފެއްދި އައު ހަތުޔާރުން، އެމެރިކާގެ އަސްކަރީ ކޮންޓްރޯލާއި ވަސީލަތްތަކަށް ސީދާ ނުރައްކަލާ ކުރިމަތި ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "ޓެލެގްރާފް" ނޙުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ދިފާއީ ވަސީލަތުގެ ސަބަބުން ވައިގެ ހަނގުރާމަތަކުގެ ގަވާއިދުތައް މުޅިން ބަދަލުވެ، ތައިވާނުގެ ސަރަހައްދުގައި އެމެރިކާއަށް އޮތް އަސްކަރީ ކުރިއެރުން ގެއްލިގެން ހިނގައްޖެއެވެ.

މި އާ ދިފާއީ ނިޒާމު މައްޗަށް ފޮނުވާލަނީ ބެލިސްޓިކް މިސައިލަކުން ނެވެ. އެ ރޮކެޓް މައްޗަށް ފޮނުވާލުމަށްފަހު، ވަކި ހިސާބަކުން ހަތިޔާރު ރޮކެޓާ ވަކިވެ، އަމާޒަށް ދަތުރުކުރާނެ އެވެ. އަދި ކުއްލި ކުއްލިއަށް މިސްރާބު ބަދަލުކުރުމުގެ ގާބިލުކަން ލިބިފައި ވުމާއެކު، އުދުހޭ "ހައިޕަސޮނިކް ގްލައިޑް ވެހިކަލް" އަކަށް ބަދަލު ވެގެން ދެއެވެ.

މި ހަތިޔާރުގެ އެންމެ ނުރައްކާތެރި ކަމަކީ ހަނގުރާމައިގެ ކުރީސަފުގެ ފަހަތުގައި ތިބޭ އެމެރިކާގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަތިންދާބޯޓުތަކާއި، ތެޔޮ އަޅައިދޭ ބޯޓުތައް އަދި ރޭޑާރަށް އޮޅުވާލާ އިލެކްޓްރޯނިކް ހަނގުރާމައިގެ ބޯޓުފަހަރަށް ސީދާ ނުރައްކާކޮށް ޙަމަލާދިނުމުގެ ގާބިލުކަން ލިބިފައިވުމެވެ.

ޗައިނާގެ "ޑީއެފް-17″ އަދި "ޑީއެފް-27″ މިސައިލްތަކާއެކު މި ހަތިޔާރު ބޭނުންކޮށްފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒު، ގުއާމް އާއި ހަވާއީގައި ހުންނަ އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒުތައްވެސް މި ހަތިޔާރުގެ ހަމަލަ އަމާޒު ކުރެވޭ އަމާޒުފަތްގަނޑަކަށް ވެގެންދާނެއެވެ.

މި ހަތިޔާރު ތަރައްގީ ކުރުމާއެކު މެދުއިރުމަތީގައި ކުރާ ސޮލީބީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޕެޓްރިއޮޓް އާއި ތާޑް ދިފާއީ މިސައިލްގެ ރިޒާވްގެ ބޮޑު ބައެއް ހުސްވެފައިވާ އިރު އެމެރިކާ ބިރު ގަނެއްޖެއޫއެވެ.

އާދައިގެ ބެލިސްޓިކް މިސައިލްތަކާ ޚިލާފަށް، ނުހަނު ބާރަށް މިސްރާބު ބަދަލުކުރާ އަޑަށް ވުރެން ބާރު މިނުގައި ދަތުރުކުރާ ހައިޕަސޮނިކް ހަތިޔާރުތައް ދެނެގަނެ، ވައްޓާލުމަކީ ދިފާއީ ނިޒާމުތަކަށް އިންތިހާއަށް އުދަގޫ ކަމެކެވެ. މިއީ އެމެރިކާގެ ބޮޑު ބާރުގެ ހައިސިއްޔަތު ގެއްލުގެން ދިއުމަށް މެދުވެރި ކޮށްފައިވާ މުހިންމު ހަތިޔާރެކެވެ.

ހިއްސާ ކުރައްވާ!