ނޭޕާލާއި ޗައިނާ ގުޅޭ ސަރަހައްދަށް އައި ކުއްލި ކާރިސާއަކާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 547 އަށް އަރައިފިއެވެ. މި ހާދިސާ މެދުވެރިވާން މެދުވެރިވީ ފަރުބަދަ ސަރަހައްދެއްގައި އޮންނަ ގަނޑުފެން ފަރުބަދައެއް ވެއްޓުމުގެ ސަބަބުން ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުންނާއި ތަޖުރިބާކާރުން ބުނެފައިވެއެވެ. މި ކާރިސާއާ ގުޅިގެން ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުން އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާއިރު، ހާދިސާގެ ސަބަބުން އަވަށްތައް ދޮވެގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ބޯސްޓޭ ކޯޝީ ކޯރުގެ ސަރަހައްދަށް ކުއްލިއަކަށް އައި ފެންބޮޑުވުމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވެއެވެ. މަގުތަކާއި ފާލަންތަކުގެ އިތުރުން ހައިޑްރޯޕަވަރ ޕްރޮޖެކްޓްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ކޯރުގެ ފެންގަނޑު އަނެއްކާވެސް އުފުލެމުންދާތީ، އިތުރަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ސަބަބާ ހުރެ ސަލާމަތީ ޓީމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ކާރިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މާހިރުންނާއި އެހީދޭ ޖަމްޢިއްޔާތަކުން ދަނީ ނޭޕާލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާއިން ވަނީ ރެސްކިއު ޓީމުތަކާއި އެހީގެ ސާމާނު ހިފައިގެން މަތިންދާބޯޓުތައް ނޭޕާލަށް ފޮނުވާފައެވެ. އިންޑިއާއިން ވަނީ 48 ޓަނުގެ އެހީ ފޮނުވާފައެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ނޭޕާލްގެ އެތައް ބަޔަކު ވަނީ މި ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ނޭޕާލްގެ ފުލުހުން ބުނެފައިވެއެވެ.
ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރާ ޝާހު ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްށް، ސަލާމަތީ މަސައްކަތްތައް ބައްލަވާފައެވެ. ސަރުކާރުގެ އެންމެ އިސް އަމާޒަކީ ވީއެންމެ އަވަހަކަށް ގެއްލިފައިވާ މީހުން ހޯދުމާއި، އަނިޔާ ލިބުނު މީހުންނަށް ބޭނުންވާ ފަރުވާ ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތީ ޓީމުތަކަށް މަސައްކަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވެއެވެ.





