ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރްދޮޣާނާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ކުރަމުންދާ ތުހުމަތުތަކާއި ފަތުރަމުންދާ ދޮގު ވާހަކަތަކަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ހޫނު ރައްދެއްދީފިއެވެ. އެ ވުޒާރާއިން ނެރުނު ހަރުކަށި ބަޔާނެއްގައިވަނީ، އިސްރާއީލުގެ ޖެނޮސައިޑް އަމަލުތަކަކީ ސަރަހައްދުގެ މަސްރަޙު ހަލަބޮލިކޮށް، ބައިނަލްއަޤްވާމީ މުޖުތަމައަށް އޮޅުވާލަން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ތުރުކީން މި ބަޔާން ނެރެ ރައްދު ދީފައި ވަނީ އެކްސްގައި ޔަހޫދީންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނެއްގައި، ރައީސް ޢުރްދޮޣާނަކީ ޔަހޫދީންނާ ދެކޮޅުވެރިވުމަށާއި، އިސްރާއީލާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިތްވަރުދެއްވާ އަދި ދޮގު ވާހަކަ ފަތުރއްވަމުންދާ ބޭފުޅެއް ކަމަށް ޔަހޫދީން ތުހުމަތުކޮށްފައިއެވެ. އަދި ތުރުކީގެ އެތެރޭގެ ޑިމޮކްރެސީ ނަގާލައި އިދިކޮޅު ފަރާތްތައް ޖަލަށްލަމުންދާ ކަމަށާއި، ކުށްވއެރިންގެ ޖަމާއަތެއް ކަމަށް ޔަހޫދީން ސިފަ ކުރާ ހަމާސް ޖަމާޢަތަށް މަދަދުދެމުންދާ ކަމަށްވެސް ބުނެ އެކަންވެސް ކުށްވެރި ކޮށްފައި ވެއެވެ.
ޔަހޫދީންގެ ތުހުމަތުތައް ޖުމުލަ ކޮށް ދޮގުކޮށް، ޖެނޮސައިޑް އަމަލުތައް ކުށޘްވެރި ކުރަމުން ތުރުކީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަނީ ޒުވާބުކުރުމާއި ފޭރުމާއި އަނިޔާވެރި ވުމުގެ ސިފަތައް ކަމަށެވެ. އަދި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުޢާންމުތަކުގެ ސަބަބުން، އިސްރާއީލުގެ ސަރުކާރަށް ލިބިފައިވާ ސިޔާސީ އަދި ޤާނޫނީ ހިމާޔަތް ގެއްލިފައިވާ ކަމަށް އެ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުރިން ޔަހޫދީ ދައުލަތާއެކު ވިޔަފާރީގެ ގުޅުން ބެއްވި އެރުދުޣާންގެ ސަރުކާރުން މިހާރު ވަނީ މީޑިއާގައި ބަހުގެ ހަމަލަތަށް ދޭން ފަށާފައެވެ. އަދި ޔަހޫދީ ރެޖީމުން ބުނަނީ އީރާނަށް ފަހު ދެން ހަނގުރާމަ ކުރާނީ ތުރުކީއާއެކު ކަމަށެވެ. އެގޮތުން ޔަހޫދީން ވަނީ ސޫރިޔާގައި ތުރުކީގެ ސިފައިންނާއި ހަތިޔާރު ބަހައްޓާފައި ހުރި ސަރަހައްދަކަށް ހަމަލަދީ ތުރުކީއަށް ގެއްލުމެއް ދީފައެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ، އިސްރާއީލުން ގެންގުޅޭ ނުލަފާ ސިޔާސަތުތަކާއި، ދޮގު މައުލޫމާތު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް ދެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރަށް ޤަބޫލެއް ނުކުރާނެ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް ތުރުކީން މިހާތަނަށް ދަމަހައްޓަމުން އައި ޙައްޤު އަދި ސާބިތު އަޒުމު މުސްތަގްބަލުގައިވެސް ހިފަހައްޓަމުންދާނެ ކަމުގެ ޔަޤީންކަން އެ ވުޒާރާއިން ދީފައިވެއެވެ.







