އިސްލާމުންނާއި މުހާޖިރުންނާ ދެކޮޅަށް އަޑުއުފުލި އިނގިރޭސި އެކްޓިވިސްޓް އެމެރިކާއިން ޑީޕޯޓްކޮށްލައިފި

މުހާޖިރުންނާއި މުސްލިމުންނާ އިސްލާމްދީނާ ދެކޮޅަށް ވަކާލާތުކުރުމުގެ ސަބަބުން މަޝްހޫރުކަން ހޯދާފައިވާ އިނގިރޭސިވިލާތުގެ ސިޔާސީ ކޮމެންޓޭޓަރު އަދި އެކްޓިވިސްޓް މައިލޯ ޔާނޯޕޯލޯސް، އެމެރިކާގައި ވިސާގެ މުއްދަތު ހަމަވުމަށްފަހުވެސް ގަވާއިދާ ހިލާފަށް އުޅުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އޭނާ ބަންދުކޮށް، އަނބުރާ އިނގިރޭސިވިލާތަށް ޑީޕޯޓްކޮށްލައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން ހާމަކުރި ގޮތުގައި، އުމުރުން 41 އަހަރުގެ ޔާނޯޕޯލޯސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ނިއު އޯލިއަންސްގެ ލޫއީ އާމްސްޓްރޯންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ޖެހިގެން އައި ދުވަހު އޭނާ ވަނީ އިނގިރޭސިވިލާތަށް ބޭރުކޮށްލާފައެވެ.

އިމިގްރޭޝަން އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި ޔާނޯޕޯލޯސް އެމެރިކާއަށް ގާނޫނީ ގޮތުން އެތެރެވީ 2019 ވަނަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ހުއްދަ ދެވިފައިވާ މުއްދަތު ހަމަވުމަށްފަހުވެސް އޭނާ ވަނީ ގަވާއިދާ ހިލާފަށް އެމެރިކާގައި ހުރެފައެވެ.

މީގެ އިތުރުން، އިމިގްރޭޝަން ކޯޓުން އޭނާއަށް ހާޟިރުވުމަށް އެންގި އެންގުމަށް އަމަލުކޮށްފައި ނުވާތީ، ޖުލައި 22 ގައި ކޯޓުން ވަނީ އޭނާ ގައުމުން އަނބުރާ ފޮނުވާލުމަށް އަމުރެއް ނެރެފައެވެ. ނަމަވެސް އޭނާ ކޯޓަށް ހާޟިރުނުވުމުގެ ސަބަބެއް އަދި އޭނާގެ ފަރާތުން މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ނޫސްވެރިކަމުން ހައްދުފަހަނައެޅި ސިޔާސީ ފިކުރަށް

1984 ވަނަ އަހަރު އިނގިރޭސިވިލާތަށް އުފަންވި ޔާނޯޕޯލޯސް އެންމެ ފުރަތަމަ އުޅުނީ ޓެކްނޮލޮޖީ އަދި ޑިޖިޓަލް ކަލްޗާ ދާއިރާގެ ނޫސްވެރިއެއްގެ ގޮތުގައެވެ. ނަމަވެސް 2014 އިން 2017 އަށް އެމެރިކާގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ނޫސް ސައިޓެއް ކަމަށްވާ "ބްރެއިޓްބާޓް ނިއުސް" ގެ ޓެކްނޮލޮޖީ އެޑިޓަރުގެ މަގާމާ ހަވާލުވުމަށްފަހު، އޭނާ ވެގެންދިޔައީ ބޮޑެތި ފިތުނަވެރިކަމެއް އުފެއްދި ސިޔާސީ ޝަހުސިއްޔަތަކަށެވެ.

އޭނާގެ ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށާއި، އިސްލާމްދީނަށާއި، މުހާޖިރުންނަށެވެ. އަދި އޭނާއަކީ "ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި" މަސައްކަތްކުރާ މީހެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރަމުން ދިޔައެވެ. އެމެރިކާގެ ޔުނިވަސިޓީތަކުގައި އޭނާ ބޭއްވި ތަގުރީރުތަކާ ގުޅިގެން ބޮޑެތި މުޒާހަރާތައް ހިންގާފައިވާއިރު، ސެކިއުރިޓީ ސަބަބުތަކަށްޓަކައި ބައެއް ހަރަކާތްތައް ކެންސަލްކުރަންވެސް ޖެހުނެވެ. މީގެ އިތުރުން، 2016 ވަނަ އަހަރު އެކްޓްރެސް ލެސްލީ ޖޯންސްއަށް އަމާޒުކޮށް ހިންގި އޮންލައިން ފުރައްސާރައިގެ މައްސަލައެއްގައި ޓްވިޓާ އިން އޭނާގެ އެކައުންޓް ވަނީ ދާއިމީކޮށް ބޭންކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރުމާއި ކުރިމަތިވި ނާކާމިޔާބީތައް

2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރި ޔާނޯޕޯލޯސްއަކީ އެމެރިކާގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ހަރަކާތްތަކުގެ މުހިންމު މޫނެއް ކަމުގައި ވެގެންދިޔައެވެ. ނަމަވެސް، 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭގޮތުން އޭނާ ދައްކާފައިވާ ވާހަކަތަކެއް އާންމުވުމާ ގުޅިގެން އޭނާގެ ސިޔާސީ ހަޔާތަށް ބޮޑު ލޮޅުމެއް އަޔެވެ.

މި މައްސަލައާ ގުޅިގެން ކޮންސަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސް ގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ގެއްލި، ފޮތް ޝާއިރުކުރުމަށްު ވެފައިވާ އެއްބަސްވުން ބާތިލުވެ، ބްރެއިޓްބާޓް ނިއުސްގެ މަގާމުން އިސްތިއުފާ ދޭންޖެހުނެވެ.

އިސްލާމްދީނާ ދެކޮޅު ހައްދުފަހަނައެޅި ހަރަކާތްތައް

ޔާނޯޕޯލޯސްގެ ސިޔާސީ ހަޔާތުގައި އިސްލާމްދީނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު "އިސްލާމްދީނާ މެދު އަހަރެން ނުރުހޭ 10 ކަމެއް" ގެ ނަމުގައި އޭނާ ދިން ތަގުރީރެއްގައި، އޯލަންޑޯގައި ދެވުނު ޓެރަރިސްޓް ހަމަލާގެ އިލްޒާމު އިސްލާމްދީނުގެ ބޮލުގައި އަޅުވާފައިވެއެވެ. އަދި އޭނާ ވަނީ "އިސްލާމޯފޯބިއާއަކީ ބުއްދިއަށް ގަބޫލުކުރެވޭ ކަމެއް" ކަމަށް ބުނެ، މުސްލިމުންނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާފައެވެ.

2017 ގައި ގްލާސްގޯ ޔުނިވަސިޓީގެ ރެކްޓާކަމަށް ކުރިމަތިލި އިރު، އެ ޔުނިވަސިޓީގެ މުސްލިމް ސްޓޫޑެންޓްސް އެސޯސިއޭޝަން ބޭންކުރާނެ ކަމަށް ބުނެ އިންޒާރުދިނެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން، އޮސްޓްރޭލިއާއިން ވަނީ އޭނާ އެ ގައުމަށް އެތެރެވުން މަނާކޮށްފައެވެ. އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އޭރު ވިދާޅުވީ ޔާނޯޕޯލޯސްގެ ވާހަކަތަކަކީ ނަފުރަތާއި ބައިބައިވުން އުފައްދާ ފަދަ އަމަލުތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!