ކަނޑުރަސްގެފާނުގެ މަސް ނުވަތަ ގިޔާމަތުގެ މަސް ނުވަތަ ފަލި މަސް، މިއީ އެއްމަހަކަށް އެތައް ތަނެއްގައި ދީފައިވާ ނަމެކެވެ. މި މަސް އައްސޭރި ފަށަށް ތިލަ ވުމުން ގިނަ ސަރަހައްދުގައި މިއީ ނާމާން ކަމެއް ލައިގަންނަން އުޅޭ ކަމެއްގެ ގޮތުގައި ސިފަ ކުރެއެވެ. އެއީ ބިން ހެލުމެއް ނޫނީ ސުނާމީއެއް ފަދަ ގުދުރަތީ ކާރިސާއެއް އަންނަން އުޅޭ ކަމުގެ އިންޒާރެއް ކަމުގައި ގައުމުތަކުން ދެކެއެވެ.
ހާއްސަކޮށް ޖަޕާނުގައި ތުންތުން މަތިން އައިސްފައިވާ ވާހަކަތަކުގައި މި މަހާ މެދު ބިރުވެރިކޮށް ވާހަކަ ކިޔައި ދެއެވެ، އަދި އިންޑޮނޭޝިއާގައި ވެސް އެފަދަ ވާހަކަތައް އިވެއެވެ.
2011 ގައި ޖަޕާނަށް އައި 9.1ގެ ބާރުގަދަ ބިންހެލުމުގެ ކުރިންނާއި، 2017 ގައި ފިލިޕީންސްއަށް އައި ބިންހެލުމުގެ ކުރިން ވެސް މިފަދަ މަސްތައް ފެނިފައި ވެއެވެ. އެހެންވެ، އެ މަސް ތިލަ ވުމާއި ކާރިސާއާ މެދު އާންމުން ގުޅުވައެވެ.
ކަނޑު ރަސްގެފާނުގެ މަސް ނުވަތަ ފަލި މަހަކީ، ކަނޑުގެ ވަރަށް ފުނުގައި، އާންމުކޮށް 200 އާއި 1,000 މީޓަރާ ދެމެދުގެ ފުންމިނުގައި ދިރިއުޅޭ، ފީތާއެއްގެ ސިފައަށް އޮންނަ މަހެކެވެ. މި މަހުގެ ދިގުމިނުގައި 12 ފޫޓު ހުރެއެވެ.

މިމަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ ރެގަލެކަސް ގްލެސްނޭ އެވެ. މި މަހަކީ އަމިއްލައަށް ފަތައި އުޅެވޭ މަހެއް ނޫނެވެ.ނަމަވެސް ކަނޑުގެ އަޑީގެ އޮއިވަރާއެކު މިސްރާބު ބަދަލުކުރާ ނާޒުކު މަހެކެވެ. ކަނޑުގެ އެހާ އަޑީގައި އުޅޭ މަހެއް އާންމުކޮށް އަތިރިމައްޗަށް ތިލަވަނީ، އެސަތަހައިގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ މަސް ބަލިވެ، މަރުވާން ކައިރިވުމުން ކަނޑުގެ މަތީ އޮއިވަރުގައި ޖެހިގެން ކަމަށް ބެލެވެއެވެ.
އެންމެ ފަހުން އިންޑޮނީޝިއާގެ ކޮމޯޑޯ ޖަޒީރާގެ "ޕިންކް ބީޗް" އަތިރިމައްޗަށް 12 ފޫޓުގެ ފަލި މަހެއް މަރުވެފައިވަނިކޮށް ލައްގާފައި ވެއެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގެ އާންމުންގެ މެދުގައި ވަނީ ބިންހެލުމެއްގެ ބިރުވެރިކަން އުފެދިފައެވެ.
އިންޑޮނީޝިއާގެ ކަނޑުގެ އިދާރާތަކުންނާއި ސައިންސްވެރިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. 2019 ގައި "ބުލެޓިން އޮފް ދަ ސައިސްމޮލޮޖިކަލް ސޮސައިޓީ އޮފް އެމެރިކާ" ގައި ޝާއިރުކުރި ތަހުގީގީ ދިރާސާއެއްގައި، 336 ފަލި މަސް ތިލަވުމާއި އަދި 221 ތަނަކަށް އައިސްފައިވާ ބިންހެލުމުގެ މައުލޫމާތު އަޅާކިޔައި ބެލުމުން، އެނގުނީ މި މާހައުލީ ހާދިސާއާއި ބިންހެލުންތަކާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.







