މޫނު ފޮރުވައިގެން ތިބެ ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްގެ އުތުރު ގައިވާ ބަޒާރިޔާ އަވަށުގައި ހުރި މިސްކިތެއްގައި ހުޅުޖަހައިފައެވެ.
އަންގާރަ ދުވަހުގެ ފަތިހު ޔަހޫދީ ޓެރަރިސްޓް ވަޒަންވެރިން ހުޅުޖަހާފައި ވަނީ "ނޫރުއްދީން އަލްޒަންކީ" މިސްކިތުގައެވެ. އޭގެ އިތުރުން ޔަހޫދީން ވަނީ މިސްކިތުގެ ފާރުތަކުގައި ނަސްލީ ތަފާތުކުރުމާއި ނަފްރަތު އުފެދޭފަދަ އިސްލާމޯފޯބިއާގެ ޝިއާރުތައް ލިޔެފައެވެ.
ފަލަސްތީނުގެ އައުގާފް އަދި ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޔަހޫދީ ޓެރަރިސްޓުންގެ މި ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިސްކިތްތަކާއި މުގައްދަސް މަރުކަޒުތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ މުސްލިމުންގެ ޖަޒުބާތުތަކާ ކުޅެ، މަޝްރަހު ނުތަނަވަސް ކޮށްލުމަށް ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ދީނީ މިނިވަންކަމާއި މުގައްދަސް ތަންތަނުގެ ހުރުމަތަށް އަރައިގަތުން ކަމަށް ވެސް ބުނެފައިވެއެވެ.
ނާބުލުސްގެ އައުގާފްގެ ޑިރެކްޓަރު ޖެނެރަލް ޝޭޚް ނާސިރު ސުލައިމާން ވިދާޅުވީ، މިފަދަ ޔަހޫދީ އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުންގެ އީމާންކަމާއި، އެމީހުންގެ ފުރާނައާއި ފަސްގަނޑަށް އޮތް ލޯބި ގުޑުވައެއް ނުލެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވާހަކަ ދައްކާ ފަރާތްތަކުން ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ އަވަށްތަކަށް ދޭ ހަމަލާތައް ހުއްޓުވައި، އަޅުކަންކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.







