އަމިއްލަ ކުންފުނިތަކުން އުޅަނދުފަހަރު ޖައްވަށް ފޮނުވުމުގެ ވާދަވެރިކަމުގައި އިންޑިއާއިން ތާރީޚީ ކާމިޔާބީއެއް ހޯދައި، ޔޫރަޕަށްވުރެ ކުރިއަށް ޖެހިލައިފިއެވެ. އިންޑިއާގެ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ސްކައިރޫޓް އޭރޯސްޕޭސް" އިން އަމިއްލައަށް އުފެއްދި "ވިކްރަމް-1″ ރޮކެޓް ސަތީޝް ދަވާން ސްޕޭސް ސެންޓަރުން ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައި ދުނިޔޭގެ ސަތަޙުން 450 ކިލޯމީޓަރު އުހަށް ސެޓެލައިޓްތަކެއް ވަނީ އޯބިޓަށް އުފުލާފައެވެ.
މިއީ އިންޑިއާގެ އަމިއްލަ ކުންފުންޏަކުން މުޅިން އަމިއްލައަށް ރޮކެޓެއް އުފައްދައި އޯބިޓަށް ފޮނުވި ފުރަތަމަ ފަހަރެވެ.
350 ކިލޯގްރާމްގެ ކުދި ސެޓެލައިޓްތައް އުފުލުމުގެ ގާބިލުކަން ލިބިފައިވާ "ވިކްރަމް-1″ އަކީ 3ޑީ ޕްރިންޓިންގ ނިޒާމާއި ކާބަން ކޮމްޕޮސިޓް ބޭނުންކޮށްގެން އުފައްދާފައިވާ އުޅަނދެކެވެ. 2020 ވަނަ އަހަރު އިންޑިއާގެ ޖައްވީ ދާއިރާ އަމިއްލަ ކުންފުނިތަކަށް ހުޅުވާލުމާ ގުޅިގެން، އެ ޤައުމުގައި މިހާރު 400 އަށްވުރެ ގިނަ ސްޕޭސް ސްޓާޓްއަޕް އުފެދިފައި ވެއެވެ. އަދި އިންޑިއާގެ އަމާޒަކީ 2033 ވަނަ އަހަރާ ހަމައަށް އެޤައުމުގެ ޖައްވީ އިޤްތިޞާދު 44 ބިލިއަން ޑޮލަރަށް ފުޅާކުރުމެވެ.
އިންޑިއާއިން މިފަދަ ބޮޑު ކުރިއެރުމެއް ހޯދިއިރު، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީސާ) އާއި ޔޫރަޕްގެ އިއްތިހާދު އުޅެނީ ޖައްވީ އުޅަނދުފަހަރު އުދުއްސާލުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައެވެ.
ޔޫރަޕުން އަމިއްލަ ކުންފުނިތަކަށް އެތައް މިލިއަން ޔޫރޯގެ އެހީ ދީގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ޖަރުމަނާއި އިނގިރޭސިވިލާތުގެ ކުންފުނިތަކުން ކުރި މަސައްކަތްތައް ވަނީ އެކި ސަބަބުތަކާހުރެ ނާކާމިޔާބުވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޔޫރަޕްގެ ސެޓެލައިޓްތައް ޖައްވަށް ފޮނުވުމަށް އެމެރިކާގެ އިތުރުން އިންޑިއާގެ ޚިދުމަތްތަކަށް ބަރޯސާވާންޖެހުމުގެ ފުރުޞަތު ބޮޑުވެފައިވެއެވެ.




