މަރުވި މަންމައެއްގެ ބަނޑުން ދެކުދިން ދިރިތިއްބާ ސަލާމަތްކޮށްފި

މިޞްރުގެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް ތެރޭގައި ހިނގާދިޔައީ މަދުން ނޫނީ ނުފެންނަ ފަދަ ޢަޖާއިބުުރުވަނިވި ހާދިސާއެކެވެ. މަރުވެފައިވާ އަނބިމީހާގެ ޖަނާޒާގެ ކަންކަމާ ކުރިމަތިލާންޖެހުނު ވަގުތު، އެ އަނބިމީހާގެ ބަނޑުން ދުނިޔެއަށް އުފަންވި އެއްމާބަނޑު ދެކުދިންގެ ރޮވުމުގެ އަޑާއެކު، ފިރިމީހާއަށް އިޙްސާސް ކުރެވުނީ ފުން ހިތާމައާއި އުއްމީދުން ފުރިގެންވީ އާދަޔާޚިލާފު އިޙްސާސެކެވެ.

ޢުމުރުން އެންމެ 26 އަހަރުގެ އަންހެންމީހާ ހޮސްޕިޓަލަށް ގެނައި އިރު އޭނާގެ ހިތުގެ ވިންދު ހުއްޓި، އޭނާ މަރުވެފައިވާތާ 20 މިނެޓު ވަރު ވަނީ ވެފައެވެ.

ސިއްޙީ އެހީތެރިން އޭނާގެ ހިތް އަލުން ހިންގުމަށް ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް، ޑޮކްޓަރުން އުއްމީދު ކަނޑައެއް ނުލައެވެ. އަލްޓްރާސައުންޑް ސްކޭން މެދުވެރިކޮށް ބެލިބެލުމުން، މަރުވެފައިވާ މަންމަގެ ބަނޑުތެރޭގައިވާ ދެކުދިންގެ ހިތުގެ ވިންދު އަދިވެސް ހުރިކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނެވެ.

މިއާއެކު، ހޮސްޕިޓަލުގެ ފަޅާ ޑޮކްޓަރުންްނާއި، ހޭނައްތާ ޑޮކްޓަރުން އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ވަގުތުން ޙަރަކާތްތެރިވާން ފެށިއެވެ. މައި މީހާގެ ބަނޑުގައިވާ ކުދިންގެ ސިކުނޑިއަށް އޮކްސިޖަން ނުލިބި ދާއިމީ ގެއްލުމެއް ލިބުނަ ނުދިނުމަށްޓަކައި، އެންމެ 10 މިނެޓުގެ ތެރޭގައި ކުއްލި އޮޕަރޭޝަނެއް ކޮށް، ބަނޑުކަފާލުމަށްފަހު އެ ދެކުދިން ބޭރަށް ނެގިއެވެ.

އެ ދެކުދިންގެ އުފަންވުމާއެކު ދެކުދިންގެ ނޭވާލުމުގެ ނިޒާމު ހުއްޓިފައިވީ ނަމަވެސް، ޑޮކްޓަރުން ދިން ކުއްލި ފަރުވާއަށްފަހު ދެ ކުދިންގެ ނޭވާ ހަމައަކަށް އެޅުނެވެ. އަދި މިހާރު އެ ދެކުދިންގެ ޙާލަތު ރަނގަޅުވެ، ކުޑަކުދިންގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ގުލޯބަލް އެޑްވައިޒަރު ޑޮކްޓަރު ޢަމްރު ޙަސަން ވިދާޅުވާ ގޮތުގައި، މި މުއުޖިޒާތް މެދުވެރިވި ހަމައެކަނި ސަބަބަކީ ޑޮކްޓަރުންގެ ހުޝިޔާރުކަމާއި، ސިކުންތު ކޮޅެއްގެ ތެރޭގައި ފިޔަވަޅު އެޅުމަށް ނިންމި އަވަސް ނިންމުމެވެ.

2025 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް މިޞްރުގައި ވިހެއުމުގެ ތެރޭގައި 867 މަންމައިން މަރުވެފައި ވެއެވެ. މީގެ ތެރެއިން 28.1 އިންސައްތަ މަރުތައް ދިމާވަނީ ވިހެއުމުގެ ތެރޭގައި ގިނަ އަދަދަކަށް ލޭފޭބުމުގެ ސަބަބުންނެވެ. އަދި 15.2 އިންސައްތަ މަރު މައިން މަރުވާން ދިމާވަނީ ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކާތަކާ ހެދިއެވެ.

ޒުވާން މަންމައަށް އޭނާގެ ދެކުދިން ދެކިލުމުގެ ނަސީބު ނުލިބުނު ނަމަވެސް، އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި ހިންގި މި ކުލަދާނަ މަސައްކަތުން އެ ދެކުދިންނަށް ވަނީ އާ ދިރުމެއް ލިބިފައެވެ. މަރުވި އަނބިމީހާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާއިރު، އެ ފިރިމީހާއަށް ލިބިގެންދިޔައީ އަނބިމީހާ ދޫކޮށްދިޔަ އެންމެ އަގުހުރި އަމާނާތެވެ.

ހިއްސާ ކުރައްވާ!