ޕެސިފިކް ސަމިޓުގައި ތައިވާނުން ބައިވެރިވުމުން ޗައިނާއިން އިންޒާރުދީފި

ޕެސިފިކް ޖަޒީރާ ގައުމުތަކުގެ އިސްވެރިންގެ އަހަރީ ސަމިޓުގައި ތައިވާނުގެ އޮފިޝަލުން ބައިވެރިވުމާ ގުޅިގެން ޗައިނާއިން އެކަމާ ދެކޮޅަށް އަޑުއުފުލައި، ތައިވާނަށް އޭގެ "ނަތީޖާއާ ކުރިމަތިލާންޖެހޭނެ" ކަމުގެ އިންޒާރު ދީފިއެވެ.

ޕަލާއޫގައި ކުރިއަށްދާ "ޕެސިފިކް އައިލެންޑްސް ފޯރަމް" ގެ ސަމިޓަކީ ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭއްވޭ ބައްދަލުވުމަކަށް ވީނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ސަރަހައްދީ ނުފޫޒު ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ސަމިޓުގެ މައިގަނޑު އަމާޒު ވަނީ އަނެއްކާވެސް އޮޅުންބޮޅުންތަކުގެ ތެރެއަށް ގޮސްފައެވެ.

ޕަލާއޫގެ ރައީސް ސުރަންގެލް ވިޕްސް ޖޫނިއާ، ތައިވާނުގެ ޚާރިޖީ ވަޒީރު ޗިއާ-ލުންގް އާއެކު ބޭއްވެވި އިފްތިތާހީ ރަސްމިއްޔާތަށްފަހު، ޗައިނާއިން ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ މަންދޫބު ކިއަން ބޯ ވަނީ ތައިވާނުގެ ހާޒިރުވުމަކީ "ނުހަނު ނުރައްކާތެރި އަދި އެކަށީގެން ނުވާ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ ރައްދުގައި ތައިވާނުގެ ޚާރިޖީ ވަޒީރު ވަނީ ޗައިނާއިން ސަރަހައްދީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، ސަމިޓުގެ މާހައުލު ޚަރާބުކުރަނީ ބީޖިންގްއިން ކަމަށް ވިދާޅުވެފައެވެ. ޕަލާއޫއަކީ ތައިވާނާއެކު ރަސްމީ ޚާރިޖީ ގުޅުން ބާއްވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

ސަމިޓު ހުުޅުވުމުގެ ރަސްމިއްޔާތުގައި ޕަލާއޫގެ ރައީސް ވަނީ ބޭރުގެ ބޮޑެތި ބާރުތަކުން ޕެސިފިކް ގައުމުތަކުގެ އަމިއްލަ ނިންމުންތަކަށް ނުފޫޒު ނުފޯރުވުމަށާއި، ސަރަހައްދީ އެޖެންޑާ ކަނޑައަޅާނީ އެ ގައުމުތަކުން އަމިއްލައަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތަށް، އެމެރިކާއާއި ޗައިނާގެ އިތުރުން އޮސްޓްރޭލިޔާއާއި ނިއުޒީލޭންޑްގެ މެދުގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ހިއްސާ ކުރައްވާ!