އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ ގޮފިތައް ހުޅުވުމާއެކު އަހަރީ ބަޖެޓަށް ބާރު ބޮޑު ވެއްޖެ

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލައި، އެ އިދާރާތަކުގެ ބަދަލުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ސީދާ ބެލުމުގެ ދަށުން ހިންގާ އަތޮޅު އޮފީސްތަކެއް ގާއިމުކުރުމާ ގުޅިގެން، އެލްޖީއޭގެ އަހަރީ ބަޖެޓަށް ކަނޑައެޅި މިންވަރަށްވުރެ އިތުރަށް ޚަރަދުތައް މައްޗަށް ހިންގައްޖެއެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި ގެނެވުނު މި އިދާރީ ބަދަލާއެކު، ދައުލަތުގެ މަރުކަޒީ ބަޖެޓުން އެލްޖީއޭއަށް ކުރަންޖެހުނު ސީދާ ޚަރަދު އިތުރުވެ، އަހަރުގެ މެދުތެރެއިން ބަޖެޓު ހުސްވުމުން، ސަރުކާރުގެ މާލީ ސްޓްރެޓެޖީއާ މެދު ސުއާލު އުފެދެއެވެ.

  • މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިނގަމުންދާ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭއިން ވަނީ 41.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
  • މިއީ މުޅި މިއަހަރަށް އެ އިދާރާއަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން 38.1 މިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 8.92 އިންސައްތަ އިތުރު އަދަދެކެވެ.
  • އަހަރުގެ ބާކީ ހަތަރު މަސްދުވަސް ކުރިއަށް އޮއްވައި، އެލްޖީއޭއިން ވަނީ ކަނޑައެޅުނު އަހަރީ ބަޖެޓު މުޅިން ހުސްކޮށް ފައެވެ.

ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ބޮޑު އިތުރުވުމެކެވެ. ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެލްޖީއޭއިން ޚަރަދުކޮށްފައިވަނީ 22.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި އެ އިދާރާގެ ޚަރަދުތައް ވަނީ ކުރީ އަހަރަށްވުރެ 15.6 މިލިއަން ރުފިޔާއިން މައްޗަށް ގޮސްފައެވެ.

މާލީ އިދާރާތަކުގެ ހިސާބުތަކުން މިފަދަ ބޮޑު މައްޗަށް ދިއުމެއް ފެންނަން މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސްޓްރެޓެޖީގެ ދަށުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެ އިދާރާތަކުގެ އިމާރާތްތަކުގައި އެލްޖީއޭގެ ސީދާ ގޮފިތައް ގާއިމުކުރުމާ ގުޅިގެންނެވެ.

އެލްޖީއޭގެ ޚަރަދުތައް މިހާ ބޮޑަށް އިތުރުވާންޖެހުނު މައިގަނޑު ސަބަބަކީ، އަތޮޅުތަކުގައި އާ އޮފީސްތައް ގާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ އިދާރީ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހުނު ޚަރަދުތަކުގެ ސަބަބުންނެވެ.

އެލްޖީއޭއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅުތަކުގައި ގާއިމުކުރެވުނު މި އޮފީސްތަކުގެ މައިގަނޑު މަގުސަދަކީ މަރުކަޒީ އޮފީހުން ރަށްރަށުގެ ކައުންސިލްތަކަށް ދޭ ގާނޫނީ އަދި އިދާރީ އެހީތެރިކަން ކައިރިން ފޯރުކޮށްދިނުމާއި، ކައުންސިލަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ސިލްސިލާކޮށް ކުރިއަށްގެންދިއުމެވެ. އަދި މީގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!