ލޯކަލް ކައުންސިލު އިންތިހާބު ވަރަށް ބޮޑަށް ކުޑަތަންވެފައިވަނިކޮށް، ސަރުކާރު ބަދުނާމުކުރުމުގެ ބޭނުމުގައި ބައެއް ކައުންސިލުތަކުން މަސައްކަތްކުރަމުންދާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހްމަދު ނިމާލު ވިދާޅުވެއްޖެއެވެ. ނިމާލު މިހެން ވިދާޅުވީ މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ނިމާލު ވިދާޅުވީ، ކައުންސިލެއްގެ ދައުރުގައި ހަތަރު އަހަރެއްހައި ދުވަސް ފާއިތުވިއިރު ނުކުރައްވައި ހުރި ބޮޑެތި ކަންތައްތަކެއް، އިންތިހާބަށް އެންމެ މަހަކަށް ވުމުން އިއުލާނުކުރަންޖެހޭ ސަބަބަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ބައެއް ކައުންސިލުތަކުން މިފަދައިން އަމަލުކުރަނީ ގަސްތުގައި ދަރަނި އުފައްދައި، އެ ދަރަނީގެ ތާށިކަމުގެ ތެރެއަށް އަލަށް އިންތިޚާބުވާ ކައުންސިލުތައް ވައްޓާލުމުގެ ބޭނުމުގައެވެ.

މަޝްރޫއުތައް ހިންގުމުގައި ކައުންސިލުތަކުން ގެންގުޅޭ އުސޫލުތަކަށް ފާޑުވިދާޅުވަމުން ނިމާލު ވިދާޅުވީ، "ބޭނުންވަނީ އަޅުގަނޑުމެން ގާނޫނާ އެއްގޮތަށް ކަންތައްތަކެއް ކުރީމާ އެއީ ރައްޔިތުންގެ ތަރައްގީއަށް ހުއްޓުވުން އެރުވުމުގެ މަގުސަދުގައި ކުރާ ކަމެއްގެ ގޮތުގައި ދެއްކުން. މަޝްރޫއެއް ހިންގަން ބަޖެޓު ނެތްކަމަށް ކިޔަކިޔާފައި ކުއްލިއަކަށް ބޮޑެތި މަޝްރޫއުތަކަށް އިއުލާނުކުރަނީ،" ކަމަށެވެ.
މީގެ އިތުރުން، ބަޖެޓު ނެތް ކަމަށް ކުރިން ބުނުމަށްފަހު ކުއްލިއަކަށް މަޝްރޫއުތައް އިއުލާނުކުރުމުން އެކަމާ ގުޅޭގޮތުން އެލްޖީއޭއިން ސުވާލުކޮށް ސިޓީ ފޮނުވުމުން، އެ ސިޓީތައް ރައްޔިތުންނަށް ދައްކައިގެން ސަރުކާރުން ކަންކަމަށް ހުރަސްއަޅާކަމުގެ ނުބައި ތަސައްވަރެއް އުފެއްދަން މަސައްކަތްކުރާ ކަމަށްވެސް ނިމާލު ފާހަގަކުރެއްވިއެވެ.
ނިމާލު އިތުރަށް ވިދާޅުވީ މިހާރުވެސް ބައެއް ކައުންސިލުތަކުން ގަސްތުގައި ގާނޫނާ ޚލާފު ބައެއް ކަންކަން ހިންގަމުންދާ ކަމަށެވެ. މިފަދައިން އަމަލުކުރުމުގެ މައިގަނޑު ބޭނުމަކީ އެލްޖީއޭއާއި ސަރުކާރުން ގާނޫނީ ފިޔަވަޅު އެޅުމުން، އެއީ ރައްޔިތުންގެ ތަރައްގީއަށް ހުރަސްއެޅުން ކަމުގައި ދައްކައި ސަރުކާރުގެ އަގު ވައްޓާލުން ކަމަށް އޭނާ ވިދާޅުވިއެވެ.





