އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް އާއި އެގްޒެކެޓިވް ޗެއަރ ޓިމް ކުކްގެ މުސާރަ އާންމުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި އެޕަލް އާ އުސްމިންތަކަކަށް ވާސިލުވުމުގެ އާ ދައުރު ފެށުމާއެކު، އެ ކުންފުނީގެ އާ އުއްމީދީ ސީއީއޯ ޖޯން ޓާނަސް އާއި އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވި ޓިމް ކުކްގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލު އެޕަލްއިން އާންމުކޮށްފިއެވެ.

އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި ރަސްމީ ލިޔެކިޔުންތަކުގައިވާ ގޮތުން، އާ ސީއީއޯ ޓާނަސްއަށް މިއަހަރުގެ އާމްދަނީގެ ގޮތުގައި 58 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 894 މިލިއަން ދިވެހި ރުފިޔާ) ލިބޭނެއެވެ. އަދި އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ހުންނަވައިގެން ޓިމް ކުކްއަށް ލިބިވަޑައިގަންނަވާނީ 47 މިލިއަން އެމެރިކާ ޑޮލަރެވެ.

ޓާނަސްގެ މުސާރަ އޮޅުންފިލުވައިދެމުން އެޕަލްއިން ބުނެފައިވަނީ، އޭނާގެ އަސާސީ މުސާރައަކީ އަހަރަކު 3 މިލިއަން ޑޮލަރު ކަމަށާއި، ބާކީ 55 މިލިއަން ޑޮލަރަކީ ކުރިއަށް އޮތް އަހަރުތަކުގައި ކުންފުނީގެ ހިއްސާގެ ކުރިއެރުމަށް ބަލައި ދިނުމަށް ހަމަޖެހިފައިވާ ސްޓޮކް އެވޯޑުތައް ކަމަށެވެ.

މީގެއިތުރުން، ޓާނަސްއަށް ލިބޭ ސްޓޮކް އެވޯޑުގެ 75 އިންސައްތަ ގުޅިފައިވަނީ އެސް އެންޑް ޕީ 500 އިންޑެކްސްގެ އެހެން ކުންފުނިތަކާ އަޅާބަލާއިރު އެޕަލްގެ ހިއްސާގެ ބާޒާރުގައި ހޯދާ ކާމިޔާބީއާއެވެ. ކުރިން ހާޑްވެއަރ އެންޖިނިއަރިންގގެ ސީނިއަރ ވައިސް ޕްރެސިޑެންޓްގެ މަގާމުގައި ހުރި ޓާނަސްއަކީ އެޕަލްގެ 25 އަހަރުގެ ތަޖުރިބާކާރެކެވެ.

އަނެއްކޮޅުން، 15 އަހަރަށްފަހު ސީއީއޯގެ މަގާމުން ދުރުވި ޓިމް ކުކްގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސީއީއޯގެ މަގާމުގައި ހުރިއިރު އަހަރަކު 74.3 މިލިއަން ޑޮލަރު ހޯދި ކުކްގެ އަސާސީ މުސާރަ މިހާރު ވަނީ 2 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. ކުކްގެ ސީއީއޯކަމުގެ ދަށުން އެޕަލްގެ މާކެޓް ވެލިއު 350 ބިލިއަން ޑޮލަރުން 4.5 ޓްރިލިއަން ޑޮލަރަށް އުފުލިގެންދިޔައިރު، ޓާނަސް ސީއީއޯކަމާ ހަވާލުވީ ކުންފުނިން އާ ޓެކްނޮލޮޖީތަކާއި އޭއައިގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!