ޣައްޒާއިން އިސްރާއީލުގެ ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށާއި ކޮންޓްރޯލް ދަމަހައްޓާނެ ކަމަށް ނަތަންޔާހޫ ބުނެފި

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް ކުރި ޒިޔާރަތެއްގައި، އެ ސަރަޙައްދުގައި ތިބި އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށާއި، ކޮންޓްރޯލް ކުރަމުންދާ ސަރަޙައްދުތަކުގައި ސިފައިން ދެމިތިބޭނެ ކަމަށް ބުނެފިއެވެ. ޣައްޒާގެ މައިދާނުގައި ސިފައިންނާ ބައްދަލުކޮށް ނަތަންޔާހޫ ވަނީ، ހަމާސްގެ އަސްކަރީ ޤާބިލުކަން އެކީ ނައްތާލައި، އެ ސަރަޙައްދަކީ ހަތިޔާރެއް ނެތް ތަނަކަށް ހެދުމަށް ކުރާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ޒިޔާރަތުގައި ނަތަންޔާހޫ ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ ޖެނޮސައިޑް ސިފައިން މިހާރު ޤާއިމުވެ ތިބި އިންތަކަކީ އެ މީހުންގެ ސެކިއުރިޓީއާއި ސަރަޙައްދީ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ރޭވުމެކެވެ.

ޔަހޫދީ ރެޖީމުން ގެންގުޅޭ ސްޓްރެޓެޖީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ބައިނަލްއަޤްވާމީ މަސްރަޙުންނާއި ޑިޕްލޮމެޓުން ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، އިސްރާއީލުގެ ސިފައިންގެ ޖެނޮސައިޑް ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، ޣައްޒާގެ ހިސާރު އުވާލުމާ މެދު ދެކެވޭ ވާހަކަތައް ދޮގުކޮށް، ހަމާސްގެ ނުރައްކާ އެކޮށް ނައްތާނުލެވެނީސް އެފަދަ އެއްވެސް ލުޔެއް ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔަހޫދީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ މި ވާހަކަތަކުން ދޭހަވަނީ ޣައްޒާގެ މައްސަލައިގައި ދާއިމީ ޙައްލަކަށް ދިއުމަށް އދ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް އިސްރާއީލުން އެއްބާރުލުން ނުދޭނެ ކަމެވެ.

ހިއްސާ ކުރައްވާ!