ރޫ ފިލުވައިދީ އިސްތަށިގަނޑު ކަޅުކޮށްދީ ޒިވާންކަން ދަމަހައްޓާ މާއްދާއެއް ހޯދައިފި

ސްޓެންފޯޑް ޔުނިވަރސިޓީން ބައިވެރިވި ދިރާސާއަކުން، އުމުރުން ދުވަސްވުމުގެ އަލާމާތްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ޚާއްޞަ ސިފަތަކެއް އެކުލެވިގެންވާ ކަނޑުގެ ދިރުމެއް ކަމަށްވާ "ސީ ސްކުއަރޓް" އިން އުންމީދީ ދޮރުތަކެއް މިވަނީ ހުޅުވިފައެވެ. "ސީ ސްކުއަރޓް" އަކީ އޭޝިއާގެ ބައެއް މީހުންގެ މެދުގައި މަޝްހޫރު ކާނާއެކެވެ. މިއަށް ކޮރެއާގައި "މިޔޮންގްގީ" ކިޔާއިރު، ޖަޕާނުގައި ކިޔަނީ "ހޯޔާ" އެވެ.

"ސައިންސް ޑެއިލީ" ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދިރުމުގެ ޢިލްމީ އަދި ރީތިކަމުގެ ސިއްރަކީ އޭގައި ހިމެނޭ "ޕްލާޒްމަލޮޖެންސް" ކިޔާ ސަރުބީގެ މާއްދާތަކެއް މަތީ މިންވަރަކަށް އެކުލެވިގެންވުމެވެ. މިއީ އިންސާނާގެ ސެލް މެމްބްރޭންތަކުގެ މުހިންމު ބަޔަކަށް ވާއިރު، މައިގަނޑު ގޮތެއްގައި މި މާއްދާ އެކުލެވެނީ ސިކުނޑިއާއި ހިތުގައެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް މި މާއްދާގެ މިންވަރު މަދުވަމުންދެއެވެ. އަދި މިއީ ހަންގަނޑުގައި ރޫޖެހުމާއި، ހަނދާން ނެތުމާއި، ނުރަޖެހުމާ ގުޅިފައިވާ ކަމެކެވެ.

އުމުރުން ދުވަސްވީ މީދަލުގެ ކާނާއަށް ޕްލާޒްމަލޮޖެންސް އިތުރުކޮށްގެން ހެދި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، އެ ސޮރުމެންގެ ބޭރުފުށުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެގޮތުން، އެހެން ގްރޫޕްތަކާ އަޅާބަލާއިރު މި މީދާތަކުގެ ގައިގައި އަލުން އޮމާން ކަމާ،އެކު ހަނގަޑު ރީތިވެ ކަޅު އިސްތަށި ފަޅަން ފެށިއެވެ.

މި ދިރާސާގެ އިސް މުސައްނިފު ޕްރޮފެސަރ ލީ ފޫ ވިދާޅުވީ، "ދިރާސާތަކުން ދައްކާ ގޮތުގައި ޕްލާޒްމަލޮޖެންސްގެ ފައިދާއަކީ ހަމައެކަނި ވިސްނުމުގެ ކުޅަދާނަކަން ރައްކާތެރިކުރުމެއް ނޫނެވެ. އޭގެ އިތުރުން ޒުވާން، ތާޒާ ސިފައެއް އަނބުރާ ގެނެސްދިނުމަށް ވެސް އެމާއްދާ އެހީތެރިވެދެއެވެ. އުމުރުން ދުވަސްވީ ސާމްޕަލްތަކުގައި އަލުން ވިދުންގަދަ ކަޅު އިސްތަށި ފަޅާފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނެވެ."

މި ޚާއްޞަ މާއްދާގެ އަސަރު ވަނީ އެކި ގޮތްގޮތުން ހަށިގަނޑުގެ އެތެރޭގެ މަސައްކަތްތަކަށް ވެސް އެތީތެރިވެފައެވެ. މި ސަޕްލިމެންޓްގެ ސަބަބުން ނާރުތަކުގެ ގުޅުންތައް ރަނގަޅުވެ އެ ގުޅުންތަކުގައި ވާންކަން އަލުން ޖެހެން އެހީތެރިވެދިނެވެ. މީގެ އިތުރުން، ސެލްތައް އަވަހަށް މުސްކުޅިވުމަށް މެދުވެރިވާ ދާއިމީ ކްރޮނިކް އިންފްލެމޭޝަން ދަށްކޮށްދިނުން ވެސް ހިމެނެވެ.

ހަމައެއާއެކު، އުނގެނުމުގެ ގާބިލުކަމާއި ހަނދާން ހުރުމުގެ ފެންވަރު، ޒުވާން އުމުރުގެ މިންވަރާ ގާތްކުރާ މިންވަރަށް ރަނގަޅުވިކަން ވެސް މި ތަހުލީލުން ވަނީ ފާހަގަކުރެވިފައެވެ.

އިންސާނުންނަށް މިމާއްދާ ބޭނުންކުރަން އެންމެ އެކަށޭނަ މިންވަރު ދެނެގަތުމަށްޓަކައި އިތުރު ކްލިނިކަލް ޓްރަޔަލްތައް ބޭނުންވި ނަމަވެސް، މި ނަތީޖާތަކުގެ ސަބަބުން ޕްލާޒްމަލޮޖެންސް ވެގެންގޮސްފައިވަނީ ރީތިވުމާއި މުސްކުޅިވުމާ ދެކޮޅަށް ކުރިމަގުގައި ބޭނުން ކުރެވޭނެ އެންމެ އުންމީދީ އެއް ފަރުވާއަށެވެ. މި އުންމީދީ ހޯދުންތަކަށް ބިނާކޮށް، ޕްރޮފެސަރ ލީ ފޫ ވަނީ ކޮންމެ ދުވަހަކު މި މާއްދާގެ ސަޕްލިމެންޓެއް ބޭނުންކުރަން ފައްޓަވާފައިވާކަން ހާމަކުރައްވާފައެވެ. މިއީ ސިކުނޑީގެ ދިރުމާއި ބޭރުފުށުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާވާ އައު މިސްރާބެއްގެ ފެށުމެކެވެ.

ހިއްސާ ކުރައްވާ!