ނޭޕާލްގެ ކާރިސާގައި ޗައިނާ ސަރަހައްދުން ގެއްލުނު މީހުންގެ މައުލޫމާތު ނުލިބޭ

އޯގަސްޓް 26 ގައި ޓިބެޓްގެ ޖިރޮންގް ޕޯޓަށް ދިމާވި ފަސްގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން ގެއްލުނު މީހުންގެ ޚަބަރެއް ނުވާތީ، އެމީހުންގެ ޢާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޓިބެޓާއި ނޭޕާލް ގުޅޭ ސަރަޙައްދަށް ކުރިމަތިވި މި ކާރިސާގައި މަދުވެގެން 1،300 މީހުން މަރުވެ، 5،600 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މި ދަތުރުތަކުގައި ގިނަ އަދަދެއްގެ ހިންދޫ ދީނުގެ މީހުން ދީނީ މަރުކަޒުތަކަށާއި ޓިބެޓްގެ ކައިލާޝް ފަރުބދައަށް ޒިޔާރަތްކުރުމަށް ގޮސްފައިވެއެވެ.

ޓިބެޓުގައި ހިނގި މި ހިތާމަވެރި ޙާދިސާއަށް 10 ދުވަސް ވެފައިވާއިރު، އަދިވެސް ބޭރު ޤައުމުތަކުގެ 261 ރައްޔިތެއްގެ ޚަބަރު ވެފައެއް ނުވެއެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި އިންޑިއާއަށް އުފަން ފިންލެންޑުގެ ރައްޔިތެއް ކަމަށްވާ ޕްރިޔަންކާ ޗޯދުރީ ވެސް ހިމެނެއެވެ. އޭނާގެ ޢާއިލާއިން ބުނާގޮތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އޭނާއާއި އޭނާއާއެކު އުޅުނު މީހުންގެ އެއްވެސް މަޢުލޫމާތެއް ނުލިބޭކަމަށާއި، ކާރިސާ ހިނގި ސަރަޙައްދުގެ ޙާލަތު އޮތްގޮތް ވެސް ސާފުވާން ނެތްކަމަށެވެ.

ޗައިނާގެ ރަސްމީ ޚަބަރު ފަތުރާ އޭޖެންސީ ޒިންހުއާއިން ހާމަކޮށްފައިވާ ގޮތުގައި، ޓިބެޓް ސަރަޙައްދުން މަދުވެގެން 31 މީހުން މަރުވެފައިވާކަން ކަށަވަރުވެފައި ވެއެވެ. އަދި 531 މީހުން އަދިވެސް ވަނީ ގެއްލިފައިވާ ލިސްޓުގައި ހިމެނެއެވެ. ނަމަވެސް ގެއްލުނު މީހުންގެ ޢާއިލާތަކުން ތުހުމަތުކުރާގޮތުގައި ޗައިނާއިން ވަނީ މަޢުލޫމާތު ފޯރުކޮށްދިނުން ހުއްޓުވާފައެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ 51 އަހަރުގެ ނީތޫ ގަޔަލް ޓިވާރީ ގެއްލިފައިވާއިރު، އޭނާގެ ބޭބެ ނަރޭޝް ގޯޔަލް ބުނީ ޗައިނާގެ ފަރާތުން އެމީހުންނަށް ލިބެން ޖެހޭ އެއްވެސް މަޢުލޫމާތެއް ލިބެމުން ނުދާ ކަމަށެވެ. އަދި އޭނާގެ ކޮއްކޮ ދިރިހުރިކަމުގެ ނުވަތަ މަރުވެފައިވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް އޭނާ ފާޅުކޮށްފައިވެއެވެ. އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ޑީއެންއޭ ސާމްޕަލެއް ނެގުމަށްޓަކައި އެ ޢާއިލާއަށް ޒިޔާރަތްކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ޤައުމުން ބުނެފައިވަނީ 23 ޤައުމެއްގެ އެމްބަސީތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ޙާދިސާއާ ގުޅޭގޮތުން ދޫކުރި މަޢުލޫމާތަކީ ސާފު އަދި އެކަށީގެންވާ ވަގުތުގައި ދޫކޮށްފައިވާ މަޢުލޫމާތެއް ކަމަށް ޗައިނާއިން ބުނެއެވެ.

މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ނޭޕާލުން ދަނީ މީސް މީޑިއާ މެދުވެރިކޮށް ގެއްލިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ މަޢުލޫމާތު ޢާންމުކުރަމުންނެވެ. އަދި ޑީއެންއޭ ޓެސްޓުކުރުމުގެ މަސައްކަތްތައް ވެސް އެ ޤައުމުގައި ހަލުވިކަމާއެކު ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

ހިއްސާ ކުރައްވާ!