ބްރިކްސްގެ ގައުމުތަކުގެ އުއްތަމަ ފަނޑިޔާރުންގެ މަހާސިންތާ ބާއްވައިފި

ބްރިޓްސްގެ ޤައުމުތަކުގެ އުއްތަމަ ފަނޑިޔާރުންގެ ފޯރަމްގައި، މެންބަރު ޤައުމުތަކުގެ މެދުގައި އަދުލު އިންސާފުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އެއް ގައުމު އަނެއް ގައުމުގެ ކިބައިން ތަޖުރިބާ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ޗައިނާގެ އުއްތަމަ ފަނޑިޔާރު ޒާންގ ޖުން ވާހަކަދައްކަވައިފިއެވެ.

އިންޑިއާގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ޔޫ ޖިން އެކްސް ޕްލެޓްފޯމުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާގެ ސުޕްރީމް ޕީޕަލްސް ކޯޓުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ޖުން ބްރިޓްސްގެ އުއްތަމަ ފަނޑިޔާރުންގެ ފޯރަމްގައި ކީ ނޯޓު ސްޕީޗު ދެއްވާފައިވާ ކަމަށެވެ. އަދި ޤާނޫނީ އަދި އަދުލު އިންސާފުގެ ހަޟާރަތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ޑިޖިޓަލް އިންސާފަށް ސަމާލުކަންދީގެން އަދުލު އިންސާފުގެ ފެންވަރާއި ހަލުވިކަން އިތުރުކުރުމަށް ޗައިނާއިން އުންމީދުކުރާ ކަމަށް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އިންތިޒާމުކޮށްގެން ސެޕްޓެމްބަރު 4 އިން 6 އަށް ކުރިއަށްދިޔަ ތިން ދުވަހުގެ ފޯރަމްގައި، ބްރިކްސްގެ މެންބަރު ޤައުމުތަކުގެ އުއްތަމަ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުތަކުގެ ރައީސުން އަދި ފަނޑިޔާރުގެތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންޓް ވަނީ ރަޝިޔާ، ޗައިނާ، މިޞްރު، އިންޑޮނޭޝިއާ، ޔޫ.އޭ.އީ، ބެލަރޫސް، ކަޒަކިސްތާން، ދެކުނު އެފްރިކާ، އީރާނު އަދި އުޒްބެކިސްތާނުގެ އަދުލު އިންސާފުގެ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައެވެ.

މި މަޝްވަރާތަކުގައި ވިޔަފާރީގެ މައްސަލަތައް ޙައްލުކުރުމަށް މީޑިއޭޝަނާއި އާރބިޓްރޭޝަންގެ ނިޒާމުތައް ހަރުދަނާކުރުމާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މާކެންޓައިލް ކޯޓުތައް ވަރުގަދަކުރުމާއި އަދި އަދުލު އިންސާފުގެ ނިންމުންތައް އެއް ޤައުމު އަނެއް ޤައުމުން ބަލައިގަތުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ނޭޝަނަލް ޖުޑީޝިއަލް އެކެޑަމީ ފަދަ މުއައްސަސާތައް މެދުވެރިކޮށް ފަންނީ ތަޖުރިބާ ބަދަލުކުރުމާއި، ޒަމާނީ ޤާނޫނީ މައްސަލަތަކާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ކޮންފަރެންސްތައް ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީގެ އެހީގައި އަދުލު އިންސާފުގެ ނިޒާމު ހަލުވިކުރުމާ ގުޅޭގޮތުން ވެސް މި ފޯރަމްގައި މަޝްވަރާކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!