އީރާނަށް ދެމުންދާ އިންޒާރުތަކާއި ހަމަލާތައް އެމެރިކާއިން ހުއްޓާލައިފިނަމަ، ހުރުމުޒް ކަނޑުއޮޅި ހުޅުވާލާފައި ބާއްވާނެ ކަމަށް އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙުސިން ރަޒާއީ ވިދާޅުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރަޒާއީ ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިއާ މެދު އީރާނުން ގެންގުޅޭ ސިޔާސަތު ސީދާ ގުޅިފައިވަނީ ތެހެރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އަސްކަރީގެ ސިޔާސަތާ ކަމަށެވެ.
"އެމެރިކާއިން އީރާނަށް އިންޒާރު ނުދޭ ނަމަ، ނުވަތަ ހަމަލާ ނުދޭ ނަމަ، ހުރުމުޒް ކަނޑުއޮޅި ހުޅުވާލާފައި ބޭއްވުމަށް އީރާނުން އެއްބާރު ލުން ދޭނެ،" ރަޒާއީ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހުރުމުޒްގެ ބޭރުން ކަނޑުގެ އައު ސަރަޙައްދެއް ކަނޑައަޅަން އީރާނުން ރާވާފައިވާ ކަމަށާއި، މީގެ ސަބަބުން ޢަރަބި ކަނޑުގެ ބައެއް ސަރަޙައްދުތަކަށް ވެސް ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އައު ސަރަޙައްދަށް ވަންނަ ކޮންމެ އުޅަނދަކަށް އީރާނުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް ކުއްލި އަސަރުތަކެއް އީރާނުގެ ފިޔަވަޅުތަކުން ކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން، އެމެރިކާއާއި އީރާނާ ދެމެދު އަލުން ކުރިމަތިލުންތައް ފެށިފައިވާއިރު، އެމެރިކާގެ ބައެއް އަމާޒުތަކާއި ޖޯޑަންގައި ހުންނަ އެމެރިކާގެ ބޭސްއާއި އަރްބީލްގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ހަމަލަ ދޭކަން ފާހަގަކުރެވިފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް ތަންތަނަށް ހަމަލާދިނުން ގަސްތުގައި މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ރަޒާއީ ވިދާޅުވިއެވެ.
ލުބުނާނުގެ ޙާލަތަށާއި ޔަހޫދީ ރެޖީމާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައިގައި ޙިޒްބުالله ގެ ދައުރަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ހަނގުރާމައެއްގައި އަބަދު މޮޅުވުމާއި ބަލިވުމެއް ނޯންނާނެ ކަމަށާއި ހަނގުރާމައަކީ މައްޗަށް ދިއުމާއި ތިރިއަށް ދިއުން އެކުލެވިގެންވާ ކަމެއް ކަމަށެވެ. އަދި ޔަހޫދީ ރެޖީމުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ދެމުންދާ ހަމަލާތަކާ އެކުވެސް، މުޅި ހަނގުރާމައިގައި އަބަދުވެސް ކުރީގައި އޮތީ ލުބުނާނުގެ ޙިޒްބުالله ކަމަށް އޭނާ ވިދާޅުވިއެވެ.







