ޓްރަމްޕް ހަނގުރާމަ ކުރަން ބޭނުން. އެކަމަކު މަރުވާ ސިފައިންނާ އަޅާލާކަށް ބޭނުމެއް ނޫން!

އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ހަނގުރާމައިގައި މަރުވެފައިވާ ނުވަތަ އަނިޔާ ލިބިފައިވާ އެމެރިކާގެ ސިފައިންގެ ޢާއިލާތަކަށް ފުރިހަމަ މާލީ ބަދަލު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިއްޖެއެވެ. އެމެރިކާ ސަރުކާރުން ވަނީ މި ކަނގުރާމައަކީ ރަސްމީ "ހަނގުރާމައެއް" ގެ ގޮތުގައި ބަލައި ނުގަންނަ ކަމަށާއި މިއީ ސިފައިންގެ ސްޓްރެޓީޖީއެއް ނުވަތަ ޞަރަޙައްދީ ކޯޅުމެއްގެ ގޮތުގައި ދެކޭ ހަމަނުޖެހުމެއް ބުނެއެވެ. އެމެރިކާއިން އެ ގޮތަށް ނިންމުމުން މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ލިބެންޖެހޭ އިނާޔަތްތަކުގެ މިންވަރައި އަދަދާ މެދު ވަނީ ޚިޔާލު ތަފާވުން އުފެދިފައެވެ.

ސިފައިންގެ މީހެއްގެ އަނބިކަނބަލުން ކަމަށްވާ ލީނާ ކްލީނަރ މީސް މީޑީއާގައި ލިޔުނު ގޮތުގައި، އޭނާގެ ފިރިމީހާ، މޭޖަރ އެލެކްސް ކްލީނަރ (33 އަހަރު) މާޗު މަހު މަރުވުމާ ގުޅިގެން، ކޮންގްރެސްއިން ރަސްމީކޮށް ހަނގުރާމައެއް އިޢުލާނުކޮށްފައި ނުވާތީ އޭނާގެ އާއިލާ އިތުރު އިނާޔަތްތަކަށް ޝަރުޠު ހަމަނުވާ ކަމަށް އެމެރިކާގެ ވައިގެ ސިފައިން ގެ އިދާރާއިން އަންގާފައިވެއެވެ.

އެލެކްސްއަކީ މާޗު މަހު ޢިރާޤުގެ ހުޅަނގު ސަރަޙައްދަށް އީރާންގެ ހަމަލާއެއްގައި ވައްޓާލި ވައިގެ ތެރޭގައި ތެޔޮ އަޅާ ކޭސީ-135 ބޯޓުގެ ހަ ފަޅުވެރިންގެ ތެރެއިން އެކެކެވެ.

ސޮލީބީ ހަނގުރާމަ ފެށިފަހުން، އެމެރިކާ ސިފައިންގެ 18 މީހުން މަރުވެ، 780 މީހުންނަށް ވަނީ އަނިޔާވެފެވެ.

ކްލީނަރ އެސޯސިއެޓަޑް ޕްރެސްއަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ ފިރިމީހާ މަރުވީ ހަނގުރާމައެއްގައި އުޅެނިކޮށެވެ. ނަމަވެސް ފަންނީ ގޮތުން އެއީ ހަނގުރާމައެއް ނޫން ކަމަށް އެމެރިކާ ސަރުކާރުން ބުނެ ބަދަލުތައް ދިނުމަށް ދެކޮޅު ހަދަނީ ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ވެންސް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް، އީރާނާ ދެކޮޅަށް ހިންގާ ޢަމަލުތަކަކީ "ހަނގުރާމައެއް" ކަމަށް ސިފަކުރަން އޭނާ ވެސް ވަނީ ދެކޮޅުހައްދަވާފެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މި ޢަމަލުތަކަކީ ހަނގުރާމައެއް ކަމަށް ސިފަކުރައްވައެވެ. ނަމަވެސް، ވެންސްގެ ވާހަކަތަކަށް ތާޢީދުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ ސޮލީބީ ހަނގުރާމައަކީ ކުޑަވަރެއްގެ ސްޓްރެޓީޖީއެއް ކަމަށާއި ގިނަ ބަޔަކު އެއަށް ހަނގުރާމައެއް ނުކިޔާނެ ކަމަށެވެ.

ސިފައިންގެ ޢާއިލާތަކުން ތުހުމަތުކުރާ ގޮތުގައި އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ސިފައިންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލުތައް ވެސް ކުޑަކޮށް ދައްކައި ބަދުނާމީން ރެކެން މަސައްކަތް ކޮށްފައެވެ. އަދި އެމެރިކާގެ ރަސްމީ އިދާރާތަކުން މިފަދަ މަޢުލޫމާތު ހާމަކުރުމުގައި ލަސްތަކެއް ކުރަމުންދާ ކަމަށް ވެސް ޢާއިލާތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!