އިންޑޮނޭޝިއާގެ "އަނާކް ކްރަކަޓޯ" އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން، ވެރިރަށް ޖަކާޓާގެ ދެ އެއާޕޯޓާއެކު 7 އެއާޕޯޓެއް ހޯމަ ދުވަހު ވެސް އޮތީ ބަންދުކޮށްފައެވެ. މި ހާދިސާގައި 2،300 އަށް ވުރެ ގިނަ ފްލައިޓު ކެންސަލްވެ، 270،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ގޮތްގޮތުން އަސަރުކޮށްފައެވެ.
އިންޑޮނޭޝިއާގެ ޖާވާ އާއި ސުމަތުރާ ޖަޒީރާއާ ދެމެދު އޮންނަ މި އަލިފާން ފަރުބަދަ ގޮވާފައިވަނީ ހުކުރު ދުވަހުއެވެ. އޭގެ ސަބަބުން ބޯ އަޅިގަނޑެއް ޖަކާޓާއަށް ބުރައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުތައް ވަނީ ބަންދުކޮށްފައެވެ. އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ފަރުބަދައިން އެރި ހޫނު ލަވާގެ ސަބަބުން މުޅި އުދަރެސް ވަނީ ރަތް ކުލައަކަށް ބަދަލުވެފައެވެ. އަދި ރައްޔިތުން ވަނީ ގެތަކުން އަޅި ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފްލައިޓުތައް ޑިލޭވުމާއި، މަގުބަދަލުކުރުމާއި އަދި ކެންސަލްވުމުގެ ސަބަބުން 270،000 ދަތުރުވެރިންނަށް ވަނީ އަސަރުކޮށްފައެވެ. ޖަކާޓާގެ މައި އެއާޕޯޓާއި އިތުރު 6 އެއާޕޯޓެއް ހޯމަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް ބަންދުކޮށްފައި ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ދެކުނު ސުމަޓުރާގެ އެއާޕޯޓެއް ވަނީ އަލުން ހުޅުވާފެވެ.
ޓްރަންސްޕޯޓް މިނިސްޓަރު ދޫދީ ބުރޯވާގަންދީ ވިދާޅުވީ މޫސުން އޮންނަ ގޮތުން މި ޙާލަތު ނިމޭނެ ވަގުތެއް މިވަގުތަށް އަދި ބުނަން ދަތި ކަމަށެވެ. އަލިފާން ފަރުބަދަ މޮނިޓަރ ކުރާ އޭޖެންސީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް އަލިފާން ފަރުބަދަ ގޮވުމުގެ ފުރުޞަތު ބޮޑެވެ.
އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 6،000 މީޓަރާއި 15،000 މީޓަރަށް އަޅި އަރާފައިވެއެވެ. އަދި ކާރިސާތަކާބެހޭ އޭޖެންސީން ވަނީ ބޭރަށް ނުކުންނަ އިރު މާސްކު އެޅުމަށް އިރުޝާދުދީފައެވެ. ޖަކާޓާ އާއި ލަމްޕުންގްގެ ސްކޫލުތައް ބަންދުކޮށް މިހާރު ވަނީ އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފައެވެ.
އަނާކް ކްރަކަޓޯ އަކީ އިންޑޮނޭޝިއާގެ 130 އަލިފާން ފަރުބަދަތަކުގެ ތެރެއިން އެއް ފަރުބަދައެވެ. މިއީ ދުނިޔޭގެ ގައުމެއްގައި އަލިފާން ފަރުބަދައިގެ ޙަރަކާތްތައް ގިނަ ސަރަޙައްދެއްގައި އޮތް ފަރުބަދައެކެވެ. 1883 ވަނަ އަހަރު މި ސަރަޙައްދުގައި ހިނގި ކާރިސާއެއްގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 2018 ވަނަ އަހަރު އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު ސުނާމީއެއްގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.





