އިނގިރޭސިންނާއި ޔަހޫދީ ރެޖީމުގެ ކުރިމަތިލުމެއް

ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޤާނޫނާ ޚިލާފު ޔަހޫދީ އާބާދީތަކުން އުފައްދާ ތަކެތި އެތެރެކުރުން މަނާކުރާނެކަން އިނގިރޭސިވިލާތުން އިޢުލާނުކުރުމާއެކު، ލަންޑަނާއި ޔަހޫދީ ރެޖީމާ ދެމެދު ސިޔާސީ ކުރިމަތިލުމެއް ފެށި، އެކަމުގެ ރައްދެއްގެ ގޮތުން އިނގިރޭސިވިލާތާ ދެކޮޅަށް ކުރިން ފެނިފައި ނުވާފަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ޔަހޫދީ ރެޖީމުން އަވަސްވެގަނެފިއެވެ.

ޔަހޫދީ އާބާދީތަކުގެ އުފެއްދުމާއި ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅު އެޅުން ލަންޑަނުން ހުއްޓައެއް ނުލައެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ވަނީ، ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ "ނަސްލު ސާފުކުރުމުގެ ޖަރީމާތަކަށް" ޔަހޫދީ ރެޖީމުގެ ސަރުކާރުން ލޯ މަރައިލައިގެން ތބޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބަންޑް،ވިދާޅުވީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޤާނޫނާ ޚިލާފު އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން އިނގިރޭސިވިލާތުން މަނާކުރާނެ ކަމަށެވެ. އަދި މިއީ އެހެން ޤައުމުތަކާ ގުޅިގެން ހިންގާ ހަރަކާތެއްގެ ތެރޭން ކުރިއަށް ގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މިލިބަންޑް އިޢުލާނުކުރެއްވި ގޮތުގައި، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ބޭނުން ކުރާ ޢމާރާތްކުރުމާއި، އިންފްރާސްޓްރަކްޗަރ ނުވަތަ މާލީ އަދި ރިއަލް އެސްޓޭޓްގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއި ފަރުދުންނަށް" އިނގިރޭސިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ. އަދި ފަލަސްޠީނުގެ މުޖުތަމަޢުތަކާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް ވާގިވެރިވާ ނުވަތަ ހިތްވަރުދޭ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޣައްޒާގައި އިސްރާއީލު ސިފައިން ބޭނުން ކުރާ 30 އަށްވުރެ ގިނަ ހަތިޔާރު އެތެރެކުރުމުގެ ލައިސަންސް  ވެސް ހިފަހައްޓާނެ ކަމަށް އިއުލާން ކުރެއްވިއެވެ.

މިލިބަންޑް ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ވޭނާއި ކެކުޅުން ބޮލާލައި ޖަހައި  އިނގިރޭސިވިލާތުން އެކަމާ މެދު އިތުރަށް ހަނު ނުހުންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަނގުރާމައިގެ ޖަރީމާތައް "ހިންގާފައިވާކަމަށް ބެލެވޭ" ކަމަށް ރިޕޯޓުތަކުން ދައްކާކަމަށް އޭނާ ވިދާޅުވިއެވެ.

ޕާލަމެންޓުގައި ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ހުޅަނގު އައްސޭރީގައި، ޓެރަރިސްޓް ޔަހޫދީން އިސްވެ ތިބެގެން ނަސްލު ސާފުކުރުމުގެ ޖަރީމާތަކެއް ހިންގަމުންދާ ކަމަށް އިނގިރޭސި ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އަދި ޔަހޫދީ ރެޖީމުން އެކަމަށް ލޯމަރާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވުމަކީ، 1967 ވަނަ އަހަރުން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް އިތުރުކޮށް ފުޅާކުރުމަށް އަމާޒުކޮށްގެން ހިންގާ ފުޅާ ސްޓްރެޓެޖީއެއްގެ ބައެކެވެ. މިއީ ޔަހޫދީ ރެޖީމާއި، ޚާއްޞަކޮށް ވިލާތުގެ ޤައުމުތަކާ ދެމެދު ނުތަވަސްކަން ބޮޑުވެގެންދިޔަ ކަމެކެވެ.

އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކަށް ރައްދުދެމުން ޔަހޫދީ ރެޖީމުން ވަނީ ހިފާފައިވާ ޤުދުސްގައި ހުންނަ އިނގިރޭސި ކޮންސުލޭޓު ބަންދުކޮށް، އިނގިރޭސި ބައެއް އޮފިޝަލުންނާއި ރައްޔިތުން އެ ޤައުމަށް ވަނުން މަނާކޮށްފައެވެ.

ޔަހޫދީ ރެޖީމުގެ ޚާރިޖީ ވަޒީރު ވަނީ އިނގިރޭސި ޕާލަމެންޓް 12 މެންބަރުންނާއި ރައްޔިތުން އެ ޤައުމަށް ވަނުން މަނާކުރުމަށް ނިންމާފައެވެ. އަދި ޣައްޒާގައި އެހީތެރިކަން ބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިނގިރޭސި މަންދޫބުން ބޭރުކުރުމަށްވެސް ނިންމާފައިވެއެވެ.

2025 ވަނަ އަހަރު އިނގިރޭސިވިލާތާއި ފަލަސްޠީނުގެ ހިފާފައިވާ ބިންތަކާ ދެމެދު ކުރެވުނު ވިޔަފާރީގެ މިންވަރަކީ ގާތްގަނޑަކަށް 38 މިލިއަން ޕައުންޑެވެ. އެއީ ގާތްގަނޑަކަށް 51 މިލިއަން އެމެރިކާ ޑޮލަރެވެ. މާނައަކީ މި ވިޔަފާރި ހުއްޓުވުމުން ކުރާނެ އަސަރަކީ މައިގަނޑު ގޮތެއްގައި ރަމްޒީ އަސަރެކެވެ.

ހިއްސާ ކުރައްވާ!