12 ގައުމަކުން ޔަހޫދީ ބަސްތީތަކުން މުދާ އެތެރެ ކުރުން މަނާކޮށްފި

އިނގިރޭސިވިލާތާއި ކެނެޑާ އަދި ފަރަންސޭސިވިލާތާއެކު 12 ޤައުމަކުން، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ކުރި ޔަހޫދީ ރެޖީމުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޤާއިމުކޮށްފައިވާ ޔަހޫދީންގެ ބަސްތީތަކާއެކު ކުރާ ވިޔަފާރިތައް ހުއްޓާލައި އެތަންތަން ބްލެކް ލިސްޓު ކުރުމަށް ނިންމައިފިއެވެ. މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ހިފާފައިވާ ބިންތަކުގައި ފަލަސްޠީނުގެ ރަށްތަކަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދެމުންދާ ޓެރަރިސްޓް ޙަމަލާތައް އިތުރުވުމާ ގުޅިގެންނެވެ.

މި ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެނެޑާ، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، އައިސްލެންޑް، އަޔަރލެންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން، ސުއިޑަން އަދި އިނގިރޭސިވިލާތް އިން، ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުން އުފައްދާ މުދަލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް ނުވަތަ ޤައުމީ ފެންވަރުގައި އެފަދަ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޔޫކޭގެ ޚާރިޖީ ވަޒީރު އެޑް މިލިބެންޑް ވިދާޅުވީ، ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް "ނަސްލު ސާފުކުރުމުގެ" ޢަމަލުތައް ހިންގަމުންދާ ކަމަށެވެ. އަދި ޔޫކޭއަށް ޔަހޫދީ އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރާނެ ކަމަށެވެ.

އިނގިރޭސި ޕާލަމެންޓުގެ ދަށުގެގައި ވާހަކަދައްކަވަމުން މިލިބެންޑް ވިދާޅުވީ، ދެ ދައުލަތުގެ ޙައްލުގެ ފުރުޞަތު ދެމެހެއްޓުމަށްޓަކައި އިނގިރޭސި ސަރުކާރަށް މި ފިޔަވަޅު އަޅަންޖެހުނީ ކަމަށެވެ. މި ބަދަލުތަކުގެ ތެރޭގައި ޔަހޫދީ އާބާދީތަކުން އަންނަ ހުރިހާ ބާވަތެއްގެ މުދަލެއް އިމްޕޯޓްކުރުން މަނާކުރުމާއި، މާލީ އެހީތެރިކަން ދިނުމާއި އިމާރާތްކުރުމާއި، އިންފްރާސްޓްރަކްޗަރ އަދި އެމީހުންގެ ވިޔަފާރިތައް އިޝްތިހާރު ކުރުމުގެ ޚިދުމަތްތައް މަނާކުރުން ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޔަހޫދީ ރެޖީމުން ވަނީ ހޫނު ރައްދުތަކެއް ދީފައެވެ. އެގޮތުން ޔަހޫދީ ރެޖީމުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ ދިން އިންޒާރެއްގައި ވަނީ ޔޫކޭއިން ޔަހޫދީ ރެޖީމާ ދެކޮޅަށް މަސައްކަތްކޮށްފިނަމަ، އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޔަހޫދީންގެ ރައީސް އިސާކް ހަރްޒޮގް ބުނީ އިނގިރޭސިވިލާތުން ދަތުރުކުރަނީ "ތާރީޚުގެ ނުބައި ފަރާތާ ދިމާއަށް" ކަމަށެވެ. މިއީ ޔަހޫދީން އަބަދުވެސް އެމީހުންގެ ނުލކަފާކަން ފޮރުވުމަށް ބޭނުން ކުރާ އުކުޅެކެވެ.

މީގެއިތުރުން، ޔަހޫދީ ރެޖީމުގެ ހަރުކަށި ޓެރަރިސްޓް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބިން ގުވީރު ވަނީ އިނގިރޭސިވިލާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ގޮވާލާފައެވެ. އަދި ޔަހޫދީންގެ ނުލަފާ ފިނޭންސް މިނިސްޓަރު ބެޒަލް ސްމޮޓްރިޗް ބުނީ އިނގިރޭސި ސަފީރު ޔަހޫދީ ގައުމުން ބޭރުކޮށްލަންޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!